ފާފަކުރުމާ ދުރުހެލިވާން ބޭނުންވި ނަމަވެސް ދުރުހެލިވާން އުނދަގޫވާ މީހުން މިގޮތް ތަޖުރިބާ ކޮށްލަބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ފާފަކުރުމާ ދުރުހެލިވާން ބޭނުންވި ނަމަވެސް ދުރުހެލިވާން އުނދަގޫވާ މީހުން މިގޮތް ތަޖުރިބާ ކޮށްލަބަލާށެވެ!

ފާފައެއް ކުރެއްވިގެން އެކަމާއި ހިތާމަކުރައްވައި ރަސޫލް (ޞޢވ) އަށް ދެންނެވުމުން ނަމާދުކުރައްވައި ހެޔޮ އަމަލުތައް ކުރައްވަން ޞަޙާބީބޭކަލަކަށް ޙަދީޘްފުޅު ކުރައްވަވާފައި އޮތުމަކީ ކޮންމެ ނަމާދަކަށް ފަހު ފާފަތައް ކުރަން ލިބޭ ތަޅުދަނޑިއެއް ނޫނެވެ. އަބަދު ފާފަކުރުންމަތީގައި ދެމިހުރުމަށް ލިބޭ ހުއްދައެއް ނޫނެވެ.

ރަސޫލް (ޞޢވ) އިރުޝާދު ދެއްވަވާފައި އެވަނީ ފާފައެއް ކުރެވުނު ނަމަވެސް މާޔޫސްނުވެ އަވަހަށް ތައުބާވެ ހެޔޮ އަމަލުތައް ކުރުންމަތީގައި ސާބިތުވުމަށެވެ. އިތުރު ފާފައަކަށް އަރައި ނުގަންނަން ގަދައަޅައި މަސައްކަތްކުރުމަށެވެ. ވީމާ އެ ޙަދީޘްފުޅުގެ ޙަޤީޤީ މާނަ އެއްވެސް މީހަކު އޮޅުވާލައިގެން ނުވާނެއެވެ. 

އަޅުކަމެއް ކޮށްފިނަމަ 10 ސަވާބު ދެއްވަވަތެވެ. ފާފައެއް ކުރެވިއްޖެ ނަމަ ދެއްވަވަނީ އެއް ޢަޛާބެވެ. އެއީ ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުންނެވެ. އަހަރެން ޤަބޫލުކުރާގޮތުގައި ފާފައެއް ކުރެވިއްޖެ ނަމަ މަދުވެގެން 10 ހެޔޮ ކަންތައް ކުރަންވާނެއެވެ. އަދި ފުރިހަމަ ތައުބާއަކުން ތައުބާވެ އިތުރަށް ފާފައެއް ނުކުރަން ގަދައަޅައި މަސައްކަތްކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. 

ފާފައެއް ކުރެވިއްޖެ ނަމަ އެކަމަށް ބިރުވެތިވެ 10 ހެޔޮ އަމަލު ކުރަން ނިކަން ފަށައިބަލާށެވެ! އޮޓޮމެޓިކުން ފާފަކުރުނަ ހުއްޓޭނެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ޖަވާބު ރަނގަޅަށް އަޑުއަހާށެވެ! 

ފާފަ ކުރުވަނީ ޝައިޠާނާއެވެ. ފާފައެއް ކުރުވުމުން އެކަމަށް ހިތާމަކޮށް ވަގުތުން ތައުބާވެ މަދުވެގެން 10 އަމަލުކުރާނަމަ އެތަން ދެކެން ޝައިޠާނާއަށް ކެތެއް ނުކުރެވޭނެއެވެ. އެކަން ޝައިޠާނާއަށް ޙަޖަމެއް ނުކުރެވޭނެއެވެ. ވީމާ އެހިސާބުން ޝައިޠާނާ ބަދަލުވާނެއެވެ. ތިބާއަށް އޮޅުމަކުން ފާފައެއް ކުރެވެން އުޅުނު ނަމަވެސް އެ ފާފައެއް ނުކުރަން ޝައިޠާނާ އަމިއްލައަށް ވަސްވާސް ދޭން ފަށާނެއެވެ. 

ފާފައެއް ކުރެވިއްޖެ ނަމަ ހިތުގައި ކަޅު ފާހަގައެއް ޖެހޭކަން އެބަ އެނގެއެވެ. ހެޔޮ އަމަލެއް ކުރުމުން އެއް ފާހަގަ ފުހެވޭނެއެވެ. އެއިގެ މާނައަކީ ހިތަށް އިތުރު ކުރިއެރުމެއް ނުލިބުމެވެ. ނަމަވެސް 10 ހެޔޮ އަމަލުކޮށް 10 ފާހަގަ ފުހެލާނަމަ ހިތް އަބަދުވެސް އޮންނާނީ ތާހިރުކޮށެވެ. ތަޅު ފާހަގަތަކުން ސަލާމަތްވެގެންނެވެ. ހިތް ތާޙިރުކޮށް ބޭއްވޭނަމަ ހިތުގެ މައްޗަށް ވެރިވެގަންނަ ން ޝައިޠާނާއަށް ފުރުޞަތެއް ނުލިބޭނެއެވެ. 

އެކަން އެނގެނީ ފާފައެއް ކުރެވިއްޖެ ނަމަ ވިއްދައިގެން 10 ހެޔޮ އަމަލުކުރާ މީހުންގެ ތަޖުރިބާއިންނެވެ. ވީމާ ތިބާވެސް ނިކަން އެކަން ތަޖުރިބާ ކޮށްލަބަލާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން