ކިތަންމެ ގިނައިން ފާފަ ކުރެވިފައިވީ މީހަކު ނަމަވެސް އިޚްލާޞްތެރިކަމާއިއެކު ފުރިހަމަ ތައުބާއަކުން ތައުބާވެ ޛިކުރުކުރުން ގިނަ ކުރުމުން އުފާވެރި ހުވަފެންތައް ނުފެންނަ ނަމަ، ފެންނަން ނުފެށި ނަމަ، އަދި އެމީހެއްގެ ޙަޔާތަށް އުފާވެރިކަމާއި ހިތް ހަމަ ޖެހުން ނުލިބޭނަމަ އެކަން އަނގައިލާށެވެ! އަހަރެންނަށް އެކަން އެންގޭނެ ގޮތެއް ނެތްނަމަ ބައްދަލުކުރެވެން ހުރި ދީނީ ޢިލްމުވެރިއަކާއި ބައްދަލުކޮށް އެކަން ހިއްސާކުރާށެވެ! ޙައްލު ބުނެދޭނެއެވެ! އިން ޝާ ﷲ!
ޝައިޠާނާގެ މަޅީގައި ޖެހި ފާފަތައް ކުރެވެމުންދާއިރު ސިކުނޑިއަށާއި ހިތަށް ދާނީ ވަރަށް ބޮޑަށް ގެއްލުން ލިބެމުންނެވެ. ހަމައެކަނި ކަޅުތިލަ ޖަހާނީ އެއް ނޫނެވެ ލޯވަޅުވެސް އެޅޭނެއެވެ. އެލޯވަޅުތައް ސްކޭންތަކުން ނުފެންނާތީ ޤަބޫލުކުރަން އުނދަގޫވަނީއެވެ.
ޛިކްރުކުރުން ގިނަ ކުރުމަކީ އެކަމުގެ ފަރުވާއެވެ. ޛިކްރް ކުރިވަރަކަށް ލޯވަޅުތައް ދާނީ ބެދެމުންނެވެ. ހިތުގައި ޖެހި ކަޅު ތިކިތައްވެސް ދާނީ ފިލަމުންނެވެ. އެކަންކަން ޙާޞިލުކުރެވުމުން އުފާވެރި ހުވަފެންތައްވެސް ފެންނާނެއެވެ. ސުވަރުގޭގެ މީރުވަސް ވެސް އިޙްސާސްކުރެވޭނެއެވެ. ދިރިއުޅުންވެސް ބާއްޖެވެރިވެ އުޖާލާވެގެންދާނެއެވެ.
ޛިކްރުކުރުން ގިނަކުރަން ބޭނުންވަނީވެސް އެމީހެއްގެ ހިތްވަރެވެ. ސާބިތުކަމެވެ. ދުނިޔަވީ ކަންކަން ކުރަން އަޒުމް ކަނޑައަޅާ ފަދައިން ޛިކުރު ކުރުމާއި ހެޔޮ އަމަލުތައް ކުރަންވެސް ޢަޒުމް ކަނޑައަޅަން އެބަޖެހެއެވެ. ޢަޒުމް ކަނޑައެޅި ގޮތަށް އަމަލުކުރަން ވެސް އެބަޖެހެއެވެ. ޢަޒުމާއި އެކު އަމަލުކުރަން ފަށައިފިނަމަ އެކަމަށް ﷲ ތަޢާލާ މަގުފަހިކޮށްދެއްވާނެތެވެ. އިސާހިތަކު އެއީ ކުރާހިތުން ކުރާ ލުއި ކަމަކަށް ބަދަލުކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ.
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން