ޢައުރަ ނިވާ ކުރުމަކީ ތައްޔާރުވެގެން ކުރަން ޖެހޭ ކަމެއް ނޫން - އިސްލާމަކަށްވުމަށްފަހު ކުރަން ޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ޢައުރަ ނިވާ ކުރުމަކީ ތައްޔާރުވެގެން ކުރަން ޖެހޭ ކަމެއް ނޫން - އިސްލާމަކަށްވުމަށްފަހު ކުރަން ޖެހޭ ކަމެއް!

ބައެއް މީހުން އައިސް ބުނެފާނެއެވެ. މިވެނި އެވެނި އަޅުކަމެއް ކުރަން ބޭނުންވެއެވެ. ނަމަވެސް އަދި އަހަރެން އެކަމަށް ތައްޔާރެއް ނޫނެވެ. ތައްޔާރުވެގެން ކުރަން ލަސްކުރެވޭނީ ލަސްކުރުމުގެ އިކްތިޔާރު ދެއްވަވާފައި ހުރި ކަންކަމެވެ. ފަރުޟާއި ވާޖިބު އަދާކުރުމަކީ އިސްލާމްކަން ޤަބޫލުކުރުމަސްފަހު ވަގުތުން ކުރަން ޖެހޭ ކަންކަމެވެ. 

ބައެއް ކަނބަލުން ޙިޖާބަ އެޅުމާއިމެދުވެސް މިފަދައިން އެބަ ބުނެއެވެ. ޢައުރަ ފޮރުވަން އަދި ތައްޔާރު ނުވާ ކަމަށެވެ. މިއީ ކިހިނެއް ޤަބޫލުކުރެވޭނެ ވާހަކައެއް ހެއްޔެވެ؟ ޙިޖާބަ އެޅުމަކީ ވަކި ގޮތަކަށް ތައްޔާރުވެގެން ކުރަންޖެހޭ ކަމެއް ހެއްޔެވެ؟ ޝަހާދަތުގެ ދެ ކަލިމަ ދުލުން ކިޔައި ހިތުން ޤަބޫލުކުރުމާއިއެކު އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ހެއްޔެވެ؟ 

އެނގޭ ކަމަކީ ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ މިންވަރަށް ނުފޮރުވި ހުންނަ ކޮންމެ އަންހެނަކު އެހުންނަނީ ﷲ ތަޢާލާ އެކަނބަލުން ތިބުމަށް އަންގަވާފައިވާ އިމުގައި ނޫން ކަމެވެ. އޭނާގެ އަމިއްލަ އިމުގައި ކަމެވެ. އެނޫން ގޮތަކަށް އެކަން މާނަ ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ހުރިހާ ދީނީ ޢިލްމުވެރިން އިއްތިފާޤްވެވަޑައިގަންނަވައެވެ. 

" އަދި މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ ޢައުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ މުއުމިނުންނޭވެ! ތިއަބައިމީހުން އެންމެން ﷲ އަށް ތައުބާ ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަޞީބު ލިބުމަށްޓަކައެވެ." (ނޫރު: 31) 

ދެން ނިކަން ބުނެބަލާށެވެ! އިތުރަށް ދެއްކެން އޮތީ ކޮން ބަހަނާއެއް ހެއްޔެވެ؟ ތިއަ ދައްކަނީ ކޮން ތައްޔާރުވުމެއްގެ ވާހަކަ ހެއްޔެވެ؟ ހިލޭ ފިރިހެނުންގެ ކުރިމަތީގައި މުއުމިން އަންހެނުން ތިބެން އަންގަވާފައި އެވަނީ މޫނާއި ދެއަތްތިލަ ފިޔަވައި ނިވާކޮށްގެންނެވެ. އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކޮށްގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން