އަހަރުގެ ކޮންމެ ދުވަހަކު ރޯދައަށް ހުރުމުގެ ސަވާބު ލިބިގަންނަން ފަސޭހަ ގޮތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
އަހަރުގެ ކޮންމެ ދުވަހަކު ރޯދައަށް ހުރުމުގެ ސަވާބު ލިބިގަންނަން ފަސޭހަ ގޮތެއް!

ވީހައި ގިނައިން ރޯދަ ހިފުމަކީ އެންމެ ފައިދާހުރި އެއް އަޅުކަމެވެ. ނަމަވެސް ކޮންމެ ދުވަހަކު ރޯދައަށް ހުރުން ހުއްދައެއް ނޫނެވެ. އެންމެ ގިނައިންވެސް ރޯދަ ހިފުން އޮތީ ދެ ދުވަހުން އެއް ދުވަހުއެވެ. އެއީ ދާވޫދުގެފާނު ރޯދަ ހިއްޕެވި ގޮތެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ގޮތެވެ. 

ޢާންމު ގޮތެއްގައި ގިނަ ބައަކު ސުންނަތް ރޯދަ ހިފަނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގަ އާއި ހަނދު މަހުގެ 13، 14، 15 ދުވަހުއެވެ. މިގޮތަށް ރޯދަ ހިފި ނަމަވެސް މަހަކު 11 ދުވަހު ރޯދަ ހިފޭނެއެވެ. 4 ރޯދަ އިތުރުކޮށްލައިފިނަމަ މަހަކު 15 ރޯދަ ހަމަކުރެވޭނެއެވެ.  

އަހަރުގެ ކޮންމެ ދުވަހަކު ރޯދަ ހިފި ފަދައިން ސަވާބު ލިބެމުންދާނެ ގޮތްތައް އެބަހުއްޓެވެ. އެއިގެ ތެރޭގައި ޢަރަފާތު ދުވަހާއި އާޝޫރާ ދުވަސް ފަދަ ދުވަސް ދުވަހު ރޯދަ ހިފުން ހިމެނެއެވެ. ޝައްވާލް މަހުން 6 ދުވަހު ރޯދަ ހިފުންވެސް ހިމެނެއެވެ.   

އެއިގެ އިތުރުން މަހަކު 3 ދުވަހު ރޯދަ ހިފާ މީހާ ހުންނާނީ އަބަދުވެސް ރޯދަ ހިފުންމަތީގައެވެ. އެހެނީ މަހެއްގައި ވަނީ 30 ދުވަހެވެ. ކޮންމެ ހެޔޮ ކަމަކީ 10 ހެޔޮ ކަމެވެ. ވީމާ މަހަކު 3 ދުވަހު ރޯދަ ހިފާނަމަ 30 ދުވަހު ރޯދަ ހިފުމުގެ ސަވާބު ހުންނާނީ އެމީހަކަށް ލިބިލިބިއެވެ. އެހެންކަމުން އެމީހަކަށް އަބަދުވެސް ހުރެވޭނީ ރޯދަހިފުންމަތީގައެވެ. 

މަހުގެ މެދުތެރެއިން 3 ދުވަހު ހިފާ ރޯދަ ހިފުމަކީ ސުންނަތެކެވެ. ކޮންމެވެސް ސަބަބެއް މެދުވެރިވެގެން އެ 3 ދުވަހު ރޯދަ ނުހިފުނު ނަމަވެސް މަހުގެ 3 ދުވަހެއްގައި ރޯދަ ހިފާށެވެ. އަދި ރޯދަ ހިފާ ދުވަސްތަކަކީ ރޯދަހިފުން ސުންނަތްކަން ގަދަވެގެންވާ ހޯމަ ދުވަހާއި ބުރާސްފަތި ދުވަސް ކަމުގައި ހަދަން މަސައްކަތް ކުރާށެވެ! 

ރޯދަ ހިފުމަކީ އެންމެ މަތިވެރި އެއް އަޅުކަމެވެ. ރޯދައަކީ ތިމާ އާއި ނަރަކަ އާއި ދެމެދު ލެވޭ ފާރެކެވެ. ނުވަތަ ހުރަހެކެވެ. ނުވަތަ ނަރަކައިން ތިމާ ދިފާޢުކޮށްދޭނޭ އައްޑަނައެކެވެ. ކޮންމެ ރޯދައަކީ އެމީހެއްގެ މޫނު ނަރަކަ އާއި 70 އަހަރަށް ދުރުކޮށްދޭނެ ކަމެކެވެ. 

ރޯދަވެރިޔާއަށް ދެއްވަވާނެ ސަވާބު އަހަރެމެން ކުރާ އަމަލުތަކުގެ ފަތް ލިޔުއްވަވާ މަލާއިކަތުންނަށްވެސް އެނގިވަޑައެއް ނުގަންނަވާނެއެވެ. އެކަން ކަނޑައަޅުއްވަވާނީ ﷲ ތަޢާލާ އެވެ. 

މުޙައްރަމް މަހުގެ ފުރަތަމަ 10 ދުވަހު ގިނަ ބައަކު ރޯދަ ހިފިއެވެ. އެ ހިސާބުން ނިންމައިނުލާށެވެ! ރޯދަ ހިފުން ސުންނަތްވެގެންވާ ދުވަސްތަކުގައި ރޯދަ ހިފުން ގިނަ ކުރާށެވެ! ރޯދަ ހިފަން ފެށުމުން އެކަން އާދަވެ އެކަމުން ލިބޭ ތަކްލީފްތައް ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. 

ކިތަންމެ ބުރަ ނަމަވެސް މަހަކު 3 ދުވަހު ރޯދަ ހިފުން ދޫކޮށްނުލާށެވެ. ސުވަރުގޭގައި ރޯދަވެރިންނަށް ވާ "ރައްޔާން" އެވެ ކިޔުނު ދޮރުކޮޅުން ވަންނަން ގަދައަޅައި މަސައްކަތް ކުރާށެވެ! މިއީ ވަރަށް މުހިންމު ކަމެކެވެ. މިކަމުގައި ސާބިތުވެ ދެމިތިބުމަށް ވަޞިއްޔަތް ކުރަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން