ﷲ ތަޢާލާ ކޮންމެ އިންސާނެއްގެ ވެސް ދޫ ތަޅުލައްވަވަތެވެ. ގަދަވެ ސަލާމަތުން ހުރި ނަމަވެސް މެއެވެ. އެއްވެސް ބައްޔެއް ޖެހިފައި ނުވި ނަމަވެސް މެއެވެ. ދޫ ތަޅުލެއްވެވުމުގެ ވަގުތަކީ އެމީހެއްގެ މަރުގެ ވަގުތެވެ.
މަރު ހިއްޕަވަން މަރުގެ މަރުގެ މަލާއިކަތާ ވަޑައިގަންނަވާނެއެވެ. މަރުވާ މީހާއަށް އެވަގުތު މަލާއިކަތާ ފެންނާނެއެވެ. މުޅި ކައުނު ފުރުއްވާލައްވަވާފައި ވަނިކޮށެވެ! ހުންނަވާނީ ހުދު ހެދުނަކޮޅެއްގައެވެ. އެއީ ދުނިޔޭގައި އިންސާނާ އާއި ބައްދަލުވާނެ އެންމެ ކަންބޮޑުވާންޖެހޭ ވަގުތެވެ!
އެ ވަގުތުކޮޅަކީ އެމީހަކު ދުނިޔޭގައި އޮތް ނަމަވެސް ނުވަތަ ދުނިޔޭގައި ހުރި ނަމަވެސް އެމީހާގެ ހުރިހާ ބާރުތަކެއް ކެނޑިގެންދާ ވަގުތެވެ. ފެންނަ އެއްވެސް ކަމަކާއި ހިނގާ އެއްވެސް ކަމެއްގެ އެއްވެސް ވާހަކައެއް އެމީހަކަށް ނުދެއްކޭނެއެވެ. ދޫ ތަޅުލައްވަވާ ކަމަށް މިބުނަނީ އެ ސަބަބަށްޓަކައެވެ.
ﷲ ތަޢާލާ ދޫ ތަޅުލެއްވެވުމުގެ ކުރިން ދޫތަޅުވާށެވެ މިބުނާ ބަހުގެ މާނައަކީ މަރުގެ ވަގުތު ޖެހުމުގެ ކުރިން ހެޔޮ ގޮތުގައި ދުލުގެ ބޭނުން ހިފުމެވެ. ކިޔެވުނުހައި ގިނައިން ކީރިތި ޤްރުއާން ކިޔެވުމެވެ. ޛިކްރުތައް ކުރުމެވެ. ނުބައި ބަސްތައް ދުލުން ނުކިޔުމެވެ.
މައްޔިތާ ގެންގޮސް ކައްވަޅުގައި ވަޅުލެވޭ އިރަށް ބިންގަނޑު އެމީހަކު ފިއްތައިލާނެއެވެ. އެފަރާތުގައި ހުންނަ ކަށިތައް އަނެއް ފަރާތުން ނުކުންނަހައި ބާރުމިނުގައެވެ. މިގޮތަށް ފިއަތައިލެވޭނީ ކިތައް ފަހަރުކަން ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ! ރަސޫލް (ޞޢވ)ގެ ޙަދިޘްފުޅުތަކުން އެނގެނީ އެކަން އެގޮތަށް ހިނގާނެ ކަމެވެ. ވީމާ އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ކައަވްޅުގައި ސުވާލުކުރެވޭނީ އެކަން ހިނގުމަށްފަހުގައެވެ.
ބައެއް ހާލަތްތަކުގައި ވަޅުލުމަށްފަހު މަސްގަނޑު ކުނި ނުވަނީސް ކައްވަޅު ކޮންނަން އެބަޖެހެއެވެ. ޕޯސްޓްމޯޓޮމްއެއް ހަދަން ޖެހުން ފަދަ ކަންކަމުގައެވެ. އެގޮތަށް ކޮނެގެން ޤަބުރު ނަގައި ބަލާއިރު ކަށިތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ހުންނާތީ ނުފެނިދާނެއެވެ. ނަމަވެސް އެއިގެ މާނައަކީ ކައްވަޅު އެމިހާ ފިތައި ނުލަނީއެއް ނޫނެވެ. އެކަން އެ ހިނގާ ގޮތެއް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އަހަރެމެންނަށް އޮތީ އެކަމަށް ބިރުވެތިވެ ﷲ ތަޢާލާ އެންގެވި ގޮތުގައި ދުނިޔޭގައި އުޅުމެވެ. އާޚިރަތް ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން