ކިތަންމެ ގިނަ ފާފަކުރެވޭ މީހަކުނަމަވެސް މިގޮތަށް އަމަލުކޮށްފިނަމަ ސަލާމަތް ވެވޭނެ!: އިމާމް ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ކިތަންމެ ގިނަ ފާފަކުރެވޭ މީހަކުނަމަވެސް މިގޮތަށް އަމަލުކޮށްފިނަމަ ސަލާމަތް ވެވޭނެ!: އިމާމް ޢުމަރު ސުލައިމާން

ޝައިޠާނާގެ ވަސްވާސްތަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަންވާނެ ކަމަށް ބުނުމުން ގިނަ ބައަކަށް އޮންނަނީ އެކަމުގެ މުހިންމުކަން ނުވެސް ވިސްނިފައެވެ. އެމީހުން ހީކުރަނީ ޝައިޠާނާ ވަސްވާސް ދިން ނަމަވެސް އަމަލުނުކޮށް ހުރެވިދާނެ ކަމަށެވެ. އަދި އެއިރުން މައްސަލަތައް ޙައްލުކުރެވޭނެ ކަމަށެވެ. އެހެންކަމުން ޝައިޠާނާ ވަސްވާސް ދިނުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. 

މިއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. އެހެނީ ޝައިޠާނާ ވަސްވާސްދިނުމަކީ ޑްރަގެއް ފަދަ ކަމެކެވެ. އެ ޑްރަގުގެ އަސަރު މުޅި ހަށިގަނޑަށް ކުރާނެއެވެ. ސިކުނޑިއަށާ ހިތަށްވެސް ކުރާނެއެވެ. އެކަމުގެ ހެއްކަކީ ބައެއް މީހުންނަށް ބައެއް ފަހަރު އެމިހާ ދުވަހަކުވެސް ނުކުރަން ޤަޞްދުކޮށްގެން ހުންނަ ފާފަތައް ކުރެވޭ ކަމެވެ. އެހެން އެވަނީ ވަސްވާހުގެ ގޮތުގައި ޝައިޠާނާ ފޮނުވައިލާ ޑްރަގުތަކުގެ ބާރުގަދަކަމުންނެވެ. 

މަސްތުވާތަކެތި ބޭނުން ކުރެވެނީވެސް ފާހިޝް އަމަލުތައް ކުރެވެނީވެސް މިޔުޒިކަށް ލޯބިކުރެވެނީވެސް އަދި އެހެން ފާފަތަކަށް އަރައިގަނެވެނީވެސް ޝައިޠާނާ ފޮނުވައިލާ ޑްރަގުގެ ބާރުގަދަކަމުންނެވެ. އެންމެ ބާރުގަދަ ޑްރަގަކީ ޝައިޠާނާގެ ޑްރަގެވެ. ނަތީޖާއަކަށް ވަނީ ފާފަތައް ކުރަން ދެވިހިފުމެވެ. 

އެއްވެސް ފާފައެއް ކުރަން ދެވި ހިފައިފި މީހަކު، ޑޮކްޓަރީ ފަރުވާއަކުން އިސްލާޙް ނުކުރެވޭކަން އެއީ ދުނިޔެ ކުރަމުންދާ ތަޖުރިބާއެކެވެ. އެކަމަށް އޮތް ހަމައެކަނި ފަރުވާއަކީ ﷲ ތަޢާލާ ގެ ކޯފާ އާއި ޢަޛާބަށް ބިރުގަތުމެވެ. ނަރަކައިގައި ތިމާ އަނދާނެ ކަމަށް ބިރުގަތުމެވެ. ނަރަކައިން ސަލާމަތް ނުވާނެ ކަމަށް ބިރުގަތުމެވެ. ފާފަކުރުމުން ދުނިޔޭގައި މިލިބޭ ކުޑަކުޑަ އަރާމާއި އުފާކޮޅަކީ ނަރަކައިގެ ޢަޛާބާއި ބަލާއިރު އެއްވެސް އެއްޗެއް ނޫން ކަމަށް ޤަބޫލުކުރެވުމެވެ. 

އެކަން ކުރެވޭނީ އެމީހަކަށް ﷲ ތަޢާލާ ދެއްވެވި އިޚްތިޔާރާއި ބާރުގެ ބޭނުންކޮށްގެންނެވެ. އެހެން މީހުންނަށް ބުނެދެވޭނީއެވެ. އަމަލުކުރަންވީ ގޮތް ކިޔައިދެވޭނީ އެވެ. ކާމިޔާބުކުރެވޭނީ އެމީހެއްގެ ކިބައިގައި ހިތްވަރު ހުރި ވަރަކުންނެވެ. 

މީސްތަކުންނޭވެ! އެއްވެސް ފާފައެއް ކުރެވޭނަމަ ގިނަގިނައިން ނަރައިގެ ވާހަކަތައް އަޑުއަހާށެވެ! ކައްވަޅުގެ ޢަޛާބުގެ ގަދަފަދަ ކަމުގެ ވާހަކަތައް އަޑު އަހާށެވެ! އެއީ ކުރަން ވަރަށް ފަސޭހަ ކަމެކެވެ. ބޭނުން މައުޟޫއަކަށް ދީނީ ޢިލްމުވެރިންގެ ދަރުސްތައް އެހެރީ ނުފހަނު ފަސޭހައިން އަޑުއަހައިލެވޭށެވެ! އަޑުއަހައި ހަށިގަނޑު ބިރުގަންނަވައިލާށެވެ. އެވާހަކަތަކުން ސިކުނޑި ފުރައިލާށެވެ. 

އެއަށްފަހު ތައުބާވުމުން ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކުގެ ވާހަކަ އަޑުއަހާށެވެ! ދިރިހުރިހައި ހިނދަކު ތައުބާގެ ދޮރު ވަނީ ހުޅުވިގެންކަމާއި ސުވަރުގޭގެ ނިޢްމަތްތަކުގެ ވާހަކަތައް އަޑުއަހާށެވެ! ހުރިހާ ހިތްވަރެއްވެސް ލިބިގެންދާނެއެވެ. ފާފަތަކުން ސަލާމަތްކަން ލިބި ހިތްހަމަޖެހުން ލިބޭނެއެވެ. އިން ޝާ ﷲ!

 

- ޢުމަރު ސުލޭމާންގެ ދަރުސަކުން

މިއަދު އޮންލައިން