މިދިޔަ ޖުލައި މަހުން ފެށިގެން ރާއްޖޭގައި، ބޭރަށްހިންގުމުގެ ރޯގާ އަންނަނީ އިތުރުވަމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިކަމާއި ގުޅޭގޮތުން އެޗްޕީއޭ އިން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން، ޖުލައި މަހުން ފެށިގެން ބޭރަށް ހިންގުން އިތުރުވަމުންދާ ކަމަށާއި އެ ބަލި އާންމުކޮށް ފެތުރެނީ އޭގެ އަސަރު ކޮށްފައިވާ މީހުންގެ ފަރާތުން ކަމަށެވެ. އެހެންވެ، އެ ބަލި ފެތުރުނަ ނުދިނުމަށްޓަކައި، ކާބޯތަކެތި ތައްޔާރު ކުރުމުގެ ކުރިންނާއި ކެއުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައިވެއެވެ.
މީގެއިތުރުން ފާޚާނާ ބޭނުންކުރުމަށްފަހު ވެސް ރަނގަޅަށް އަތްދޮވުމަށާއި ކުޑަކުދިންގެ ނެޕީ ބަދަލު ކުރުމަށްފަހު ވެސް ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް އެއެޖެންސީން އިލްތިމާސް ކޮށްފައިވެއެވެ.
އެޗްޕީއޭ އިން މީގެއިތުރުން ބުނެފައިވަނީ، ޓައިފޮއިޑް ހުމުގެ ސަބަބުން ވެސް ސަބަބުން ބޭރަށްހިންގުމުގެ އަލާމާތްތައް ފެންނަން ފަށާނެ ކަމަށާއި މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޓައިފޮއިޑް ހުމުގެ ހަތަރު ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ޓައިފޮއިޑް އަކީ ތަޣައްޔަރުވެފައިވާ ފެނާއި ކާނާގެ ސަބަބުން އުފެދޭ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އަދި މިބައްޔަކީ ވެސް އޭގެ އަަސަރު ކޮށްފައިވާ މީހުންގެ ފަރާތުން އެހެން މީހުންގެ ގަޔަށް އަރާ ބައްޔެކެވެ.
ޓައިފޮއިޑް ހުން ޖެހުމުން ބަނޑުހައި ހޫނުކަން އިހުސާސް ނުވުމާއި ދަށްބަނޑުގައި ރިއްސުމުގެ އިތުރުން ގަދަޔަށް ހުން އަންނާނެއެވެ. މީގެއިތުރުން ގައިގާ ރިއްސުމުގެ އިތުރުން ބޭރަށް ހިންގުމާއި، ގައިކަހާ ގޮތް ވެސް މެދިވެރިވެއެވެ. މިބަލި ޖެހުމުން އެންޓިބަޔަޓިކްސް ޤަވައިދުން ބޭނުން ކުރުން މުހިމްނު ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
Diarrhoea has been increasing since July, as we have seen in previous years. This is mostly viral diarrhoea, spread when infected people touch food or surfaces with their hands without proper handwashing. pic.twitter.com/ueW7dIdIc3
— HPA Maldives (@HPA_MV) August 16, 2019