ނަރަކައިގެ އަލިފާން ގިނަ ބައަކު ދިރިތިއްބާ ވަށާލައިފި - އެމީހުންނާ ކައިރިވެއްޖެ ނަމަ ތިބާވެސް އަނދައިގެން ހިނގައިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 22ސ
ނަރަކައިގެ އަލިފާން ގިނަ ބައަކު ދިރިތިއްބާ  ވަށާލައިފި - އެމީހުންނާ ކައިރިވެއްޖެ ނަމަ ތިބާވެސް އަނދައިގެން ހިނގައިދާނެ!

އިންސާނުންގެ ތެރޭގައި ޣައިބަށް އީމާންވާން އުނދަގޫވެގެން އުޅޭ ބައަކު އަބަދުވެސް އުޅެއެވެ. އެއީ މިއަދު އަލަށް ފެށިގެން އުޅޭ ކަމެއް ނޫނެވެ. ރަސޫލް (ޞޢވ)ގެ ޒަމާނުގައިވެސް އެފަދަ މީހުން އުޅުނެވެ. އެފަދަ މީހުންނަށް ﷲ ތަޢާލާ ތަފާތު މުޢްޖިޒާތްތައް ދެއްކެވުމުން ވެސް އެމީހުން ދެއްކީ ބަހަނާތަކެވެ.  

ކޮންމެ މުޢްޖިޒާތެއް އެމީހުން ހަދަމުން ގެންދިއައީ ސިހުރަކަށެވެ. އެއީ ޙަޤީޤަތް އެނގި އެއީ  ޙަޤީޤަތް ކަމަށް ޤަބޫލުކުރެވުނު ނަމަވެސް އެކަމަށް އެއްބަސްވާން ބޭނުން ނުވުމުން އުޒުރެއްގެ ގޮތުންނެވެ. މިއަދުވެސް ފެންނަމުން މިދަނީ ހަމަ އެފަދަ ކަންކަމެވެ. 

އިންސާނުންނަކީ އެމީހުން އަމިއްލައަށް ކުރާ ކަންކަން ބަދަލުކުރަން ބޭނުންވުމުންވެސް އެފަދަ އުޒުރުތައް ދައްކާ ބައެކެވެ. އެކަމުގެ ހެކި އެންމެ ސާފުކޮށް ފެންނާނީ ކައިވެނިންނެވެ. ކައިވެނި ކުރަނީ ދެމީހުން ވަރަށް ބޮޑަށް ލޯބިވެގެންނެވެ. އެކެއްގެ ހުރިހާ ކަމެއް އަނެކަކު ބަލައިގަނެ އެކަންކަމަށް ތަޢްރީފްކުރަމުންނެވެ. ނަމަވެސް މޮޅު ގޮތެއް ފެނިގެން ވަކިވާން ބޭނުންވުމުން ކުރިން ދެއްކި ވާހަކަތައް މުޅިން ބަދަލުކޮށްލައެވެ. ކުރިން ވީ އެއްބަސްވުންތައް އުވައިލައެވެ. އަނެކާގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ހުންނަ ކަމަކަށް ނުވެއެވެ. ކުރިން ބަލައިގަނެ ތަޢްރީފް ކުރި ކަންކަން ވެސް ހަދައިލަނީ ކަމުނުދާ ކަންކަމަށެވެ. 

އެގޮތަށް ކަންކަން ކުރަނީ ކުރާނެ ޙައްޤު ވަކާލާތެއް ނެތުމުންނެވެ. ކުރާނެ ޙައްޤު ވަކާލާތެއް ނެތިއްޖެ ނަމަ ބާޠިލް ވަކާލާތު ކުރުން ނޫން ގޮތެއް ނުއޮންނާތީއެވެ. ކޮންމެވެސް އުޒުރުތަކެއް ދައްކަން ބޭނުންވާތީއެވެ. ދައްކާނެ އެއްވެސް ޢުޒުރެއް ނެތް ނަމަވެސް ތިމާ ހުރީ ޙައްޤުމަގުގައިކަން ސާބިތުކޮށްދޭން މަސައްކަތް ކުރުމުގެ ނުބައި އާދަ އަށަގެންފައިވާތީއެވެ. 

މިފަދައިން އަމަލުކުރާ މީހުންނަކީ އިންޞާފު ޤަބޫލުކުރާނެ ބައެއް ނޫނެވެ. އެފަދަ މީހުންގެ ކުރިމަތީގައި އަބަދުވެސް އޮންނާނީ އެމީހުން ބޭނުންވާ ގޮތެވެ. އެފަދަ މީހުން އަބަދުވެސް އިސްކަން ދޭނީ އެމީހަކަށް އެވަގުތު އެންމެ ފައިދާ ބޮޑުވާނެ ކަމަށް ޤަބޫލުކުރެވޭ ގޮތަށެވެ. އެގޮތަށް އަމަލުކުރާ މީހުން ކަންކަން ކުރަނީ ތިމާމެން އަމަލު މިކުރަނީ އިންޞާފުންކަން ނުއެނގޭތީއެއް ވެސް ނޫނެވެ. ދުނިޔޭގެ ދަހިވެތިކަމުގައެވެ. 

ޣައިބަށް އީމާންވުމުގައި ވެސް މައްސަލަތައް މިއުފެދެނީ އެހެންވެގެންނެވެ. ތިމާއަކީ އެއްވެސް އާރެއް ބާރެއް ނެތް މީހެއްކަން އެންމެންނަށްވެސް އެނގޭނެއެވެ. ކޮންމެ މީހަކު އެންމެ ބޮޑަށް ބޭނުންވާނީ ބަލި ނުވެ ގަދަ ސަލާމަތުން ހުރުމަށެވެ. ދުވަހަކުވެސް މަރު ނުވުމަށެވެ.  އެހެންކަމަށްވާއިއރު އެއްވެސް އިންސާނަކީ އެއްވެސް އާރެއް ބާރެއް ހުރި މީހަކު ނަމަ ހަމައެކަކުވެސް މަރުނުވެ ދިރި ނުހުންނަނީ ކީއްވެގެން ހެއްޔެވެ؟ ބަލި ނުވެ މުޅި އުމުރުގައި ގަދަވެ ސަލާމަތުން ނުހުންނަނީ ކީއްވެގެން ހެއްޔެވެ؟ 

މިފަދަ އެންމެ އާދައިގެ ކަންކަމަށް ބަލައިލި ނަމަވެސް ﷲ ތަޢާލާ ވޮޑިގެންވާ ކަމާއި ޣައިބުގައި ކަންތައްތަކެއް ހިނގަމުންދާކަމުގެ ސާބިތު ހެކިތައް މިހިރީ ފެންނާށެވެ. ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށް މިކަންކަން ޤަބޫލުވެސް ކުރެވޭނެއެވެ. ވީމާ ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުކޮށް ޣައިބަށް އީމާންވާން ދެކޮޅު ހަދަނީ ދުނިޔަވީ މަންފާތަކެއް ލިބިގަތުން ނޫން އެއްވެސް ބޭނުމަކު ނޫނެވެ. 

ދުނިޔޭގައި މިއަދު މިފަދަ މައްސަލަތައް ގިނަ ކަމަށް ބެލެވެނީ އަމިއްލަ އެދުން ބޮޑު މީހުން ގިނަވާތީއެވެ. ކޮންމެ ދިމާއަކުން ކޮންމެ ގޮތަކުން ލިބެން އޮތް ނަމަވެސް ދުނިޔަވީ ފައިދާތައް ލިބިގަންނަން ބޭނުންވާ މީހުން ގިނަވާތީއެވެ. މިއީ މުސްލިމުން ކަންބޮޑުވާން ޖެހެންވީ ސަބަބެއް ނޫނެވެ. އިސްލާމް ދީނާއި ދެކޮޅަށް ކުރެވޭ ކެންޕޭނުތަކުން ދުނިޔެ ފުރިފައިވާއިރުވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަނީ އިސްލާމް ދީން ކަމަށްވާތީއެވެ. އެހެން ދީންތަކުން އެންމެ ގިނަ ބައަކު ބަދަލުވަމުންދަނީ އިސްލާމް ދީނަށް ކަމުގައިވާތީއެވެ. 

ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުނުކުރާ ކަމަށް ބުނާ މީހުންނާއި ޣައިބަސް އީމާން ނުވާ މީހުންނަކީ އެމީހުން ދިރިތިއްބައި ނަރަކައިގެ ހޫނު އަލިފާން އެމީހުންގެ ވަށައިލެވިފައިވާ ބައެކެވެ. އެފަދަ މީހުންނާއި ކައިރިވެސް ނުވާށެވެ! ތިބާވެސް އަނދައިގެން ހިނގައިދާނެ ކަމަސް ބިރުވެތިވާށެވެ.   

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން