މީހަކު ކަމެއް ކޮށްދިނުމުން އެމީހަކުދެކެ ލޯބިވެ ޝުކުރުވެރިވާއިރު ހުރިހާ ނިޢްމަތްތައް ދެއްވަވާ ﷲ އަށް ޝުކުރުވެރި ނުވަނީ ކީއްވެ؟: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
މީހަކު ކަމެއް ކޮށްދިނުމުން އެމީހަކުދެކެ ލޯބިވެ ޝުކުރުވެރިވާއިރު ހުރިހާ ނިޢްމަތްތައް ދެއްވަވާ ﷲ އަށް ޝުކުރުވެރި ނުވަނީ ކީއްވެ؟: ޢުމަރު ސުލައިމާން

އަހަރެމެންގެ ތެރެއިން އެއް ބައަކު އެމީހުންގެ އަމިއްލަ ނަފްސްތަކަށްވުރެ އެހެން މީސްމީހުންގެ ނަފްސްތަކަށް ލޯބިކުރެއެވެ. އެހެން މީހުން ތިބާގެ ނަފްސަށް ލޯބިކުރާވަރަށްވުރެ ބޮޑަށް އެމީހުންގެ ނަފްސްތަކަށް ލޯބިކުރެއެވެ. ހަމައެފަދައިން ތިބާ، ތިބާގެ ނަފްސަށް ލޯބިކުރާވަރަށްވުރެ ބޮޑަށް ތިބާގެ ނަފްސަށް ލޯބިކުރާ އެހެން މީހުންވެސް ތިބެއެވެ. 

މިހެން މިކަން މިވަނީ ކީއްވެގެން ހެއްޔެވެ؟ އެންމެ ބޮޑު ސަބަބަކީ އެމީހެއްގެ ކިބައިން ތިބާއަށް މަންފާ ކޮށްފައިވުމެވެ. ހަމައެފަދައިން އެމީހުންނަށް ތިބާގެ ކިބައިން މަންފާކޮށްފައިވުމެވެ. 

މީސްތަކުންނޭވެ! އަހަރެމެން އެންމެ ބޮޑަށް ވިސްނަންވީ އަހަރެމެންގެ ލޯތަކަށް ނުފެނުނު ނަމަވެސް ހުރިހާ އިންސާނުން ދެކެ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަދި އަހަރެމެންނަށް ހުރިހާ ނިޢްމަތްތަކެއް މިންވަރުފުޅު ކޮށްދެއްވަވާ ﷲ ތައާލާ އާއިމެދުގައެވެ. އެއަށްފަހު ހަމަ އަހަރެމެންނަށް އެބޭކަލަކު ދުނިޔޭގައި ނުފެނުނު ކަމުގައިވީނަމަވެސް މަޙްޝަރު ދުވަހު އެބޭކަލަކާއި ބައްދަލުވުމަސް އަހަރެމެން އެންމެން އެންމެ އެދޭ އަދި އަހަރެމެންނަށް އެންމެ ބޮޑަސް ލޯބިވެވަޑައިގަންނަވާ ރަސޫލް (ޞޢވ) އާއި މެދުގައެވެ. 

މީސްތަކުން އެކަކު އަނެކަކަށް ލޯބިކުރަނީ ކޮންމެވެސް ދުނިޔަވީ ސަބަބުތަކެއް މެދުވެރިވެގެންނެވެ. އެ ސަބަބުތައް ދުނިޔޭގެ ޙަޔާތާއި ހަމައިން ނިމިގެންދާނެއެވެ. މަރުވުމަށްފަހު އެއްވެސް މީހެއްގެ އެއްވެސް އެހީތެރިކަމެއް ނުލިބޭނެއެވެ. އުޚުރަވީ ޙަޔާތުގައި އެއްވެސް މީހެއްގެ ކިބައިން ކުރާނެ އެއްވެސް ފައިދާއެއްވެސް ނުއޮންނާނެއެވެ. ނަމަވެސް އަހަރެމެން ކޮންމެ މީހަކަށް ވެސް ދުނިޔޭގައިވެސް އަދި މަރުވުމަށްފަހުގައިވެސް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ބޭނުންވެއެވެ. ހަމަ އެއާއިއެކު ޤިޔާމަތް ދުވަހު ރަސޫލް (ޞޢވ)ގެ ޝަފާޢަތް ބޭނުންވެއެވެ. 

ވިސްނައިލާށެވެ! ޤިޔާމަތް ދުވަހު ރަސޫލް (ޞޢވ) ނޫން އެހެން ހުރިހާ އާދަމްގެދަރިން ގޮވާނީ "ނަފްސީ ނަފްސީ" އެވެ. ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ކަންބޮޑުވާނީ އެމީހެއްގެ ނަފްސާއިމެދުގައެވެ. ނަމަވެސް ރަސޫލް (ޞޢވ) ޤިޔާމަތް ދުވަހުވެސް ކަންބޮޑުވެވަޑައިގަންނަވާނީ އިތުރު އެކަލޭގެފާނުގެ އުންމަތާއިމެދުގައެވެ. ވިދާޅުވާނީ "އުންމަތީ އުންމަތީ"އެވެ. 

މީހަކު ތިމާއަށް ކަމެއް ކޮށްދީފި ނަމަ އެބަ ޝުކުރުވެރިވަމުއެވެ. އެމީހަކު ދެކެ އެބަ ލޯބިވެސް ވަމުއެވެ. އެމީހަކު ބުނާހައި ކަމެއް ވެސް އެބަ ކުރަމުއެވެ. ވީއިރު ހުރިހާ ނިޢްމަތްތައް މިންވަރުފުޅުކޮށްދެއްވަވާ ﷲ ތަޢާލާއަސް ލޯބިވެ ޝުކުރުވެރި ނުވަނީ ކީއްވެގެން ހެއްޔެވެ؟ އެންމެ ކުޑަމިނުން އެމީހާ ތިބާއަށް ކަމެއް އެ ކޮށްދިނީ އެކަމަށް ﷲ ތަޢާލާ އިރާދަކުރެއްވެވުމުން ނޫން ހެއްޔެވެ؟

މިއަދު އޮންލައިން