ޢަޟްޙާ ޢީދުން މިއަދުގެ ބެލެނިވެރިން ޙާޞިލުކުރަންޖެހޭ އެންމެ ބޮޑު ޢިބްރަތް ޙާޞިލުކުރުމުގައި މިއަދުގެ ބެލެނިވެރިން މިތިބީ ވަރަށް ބޮޑަށް ފޭލްވެފައެވެ. އެކަން ގުޅިފައިވަނީ ޢީދުގެ ކުޅިވަރުތަކަކާއިއެއް ނޫނެވެ. އެކަން ގުޅިފައިވަނީ ދަރިން ތަރުބިއްޔަތުކުރުމާއިއެވެ. އަހަރެމެންނާއި ދަރިންގެ މުސްތަޤްބަލާއިއެވެ.
ﷲ ތަޢާލާ އިބްރާހީމްގެފާނަށް ދެއްކެވީ ހުވަފެންފުޅެކެވެ. ހުވަފެންފުޅުގައި އެންގެވީ ދަރިކަލުން އިސްމާޢީލްގެފާނު ﷲ ތަޢާލާއަށްޓަކައި ޤްރުބާން ކުރެއްވެވުމަށެވެ. އެއީ އިބްރާހީމްގެފާނަށް ކުރައްވަވަން އެހައި ފަސޭހަފުޅު ކަމެއް ކަމުގައި ނުވިނަމަވެސް އެއީ ﷲ ތަޢާލާގެ ވަޙީކަން އެނގިވަޑައިގަންނަވާތީ އިބްރާހީމްގެފާނު އެކަމަށް އަވަސްވެވަޑައިގެންނެވިއެވެ. އެއީ ﷲ ތަޢާލާގެ ވަޙީ ކަމުގައިވީތީއެވެ. އެއްވެސް ކަމަކަށް ﷲ ތަޢާލާ އަމުރުފުޅު ކުރައްވަވައިފިނަމަ އޮތީ އެކަމެއް ކުރެއްވެވުންކަން ޤަބޫލުފުޅު ކުރެއްވެވޭތީއެވެ.
ބައްޕާފުޅުގެ ކިޔަމަންތެރިކަން މިފަދައިން ހުރިއިރު ދެން މިއަންނަނީ އިސްމާޢީލްގެފާނުގެ ދައުރެވެ. އިސްމާޢީލްގެފާނު ދެއްވެވި ޖަވާބު ފުރިހަމަކަމުން ކީރިތި ޤްރުއާނުގައި ﷲ ތަޢާލާ ވަނީ އެކަން ބަޔާން ކުރައްވަވައިފައެވެ. "ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ ޤްރުބާން ކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެތެވެ. ފަހެ، ތިބާއަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް އަމުރުކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ." (އަލްޞޯއްފަ: 99)
މި މައުޟޫޢުގައި މިއާޔަތުން ފާހަގަކުރަންވީ މިބައެވެ. " އޭ ބައްޕާއެވެ! ކަލޭގެފާނަށް އަމުރުކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ."
މިޖަވާބު އިސްމާޢީލްގެފާނު އެދެއްވެވީ ކީއްވެގެން ހެއްޔެވެ؟ ލިބިވަޑައިގެންފައިވާ ތަރުބިއްޔަތުގެ ފުރިހަމަކަމުންނެވެ. ﷲ ތަޢާލާ ކަމަކަށް ވަޙީ ކުރެއްވެވުމުން އެއީ ކިޔަމަންތެރިކަމާއިއެކު ޤަބޫލުފުޅު ކުރައްވަވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށް ޤަބޫލުފުޅު ކުރެއްވެވޭތީއެވެ.
މީސްތަކުންނޭވެ! އަހަރެމެންނަށް ދެއްވަވާ ދަރިންވެސް ތަރުބިއްޔަތުން ކުރަން އޮތީ ހަމަ މިގޮތަށެވެ. އެކުދިންނަށް ﷲ ތައާލާގެ އަމުރުފުޅެއް އެނގިއްޖެ ނަމަ ވަގުތުން ކިޔަމަންވާނެ ގޮތަށެވެ. ނަމަވެސް މިއަދު އަހަރެމެންގެ ޙާލަކީ ކޮބައި ހެއްޔެވެ؟ އަހަރެމެން ނަމާދު ނުކޮށް ތިބެ އަހަރެމެން މިއެދެނީ ދަރިން ނަމާދުކުރުމަށެވެ. އަހަރެމެން ފުރިހަމައަށް ފޭރާން ނުލައިތިބެމެ ދަރިން އަހަރެމެންނަށްވުރެ ގޯސްކޮށް ފޭރާންލުމުން އެބަ ކަންބޮޑުވަމުއެވެ.
މީސްތަކުންނޭވެ! އަހަރެމެންގެ ދަރިންނަކީ ﷲ ތަޢާލާއަށް ކިޔަމަންތެރި ދަރިން ކަމުގައި ވުމަށް އެދޭނަމަ އެކަމުގައި ފުރަތަމަ މިސާލު ދައްކަން ޖެހޭނީ، ނަމޫނާއަކަށް ވާންޖެހޭނީ މައިންބަފައިންނަށެވެ. ދަރިންގެ ކިބައިން ކިޔަމަންތެރިކަން ފެންނާނީ އެއިރުންނެވެ.
(މުފްތީ މެންކުގެ ބަސްފުޅުން (އޯޑިއޯ):