މިއިވޭ އަޑުތަކަށާއި ސޯޝަލް މީޑިއާއަށް ބަލައިފިނަމަ އެހެން މީހުންގެ ހުރިހާ ކަމެއް ނުއެނގޭ ހަމަ އެކަކުވެސް ހުންނަ ކަމަކަށް ނުވެއެވެ. ހިތާމައަކީ އެހެން މީހުންގެ ހުރިހާ ކަންކަން އެނގޭއިރު ތިމާގެ އެއްވެސް ކަމެއް ތިމާއަށް ނުއެނގޭކަމެވެ.
ދަރިފުޅު ސްކޫލަށް ދިއައީ ފިލާވަޅު ދަސްކޮށްގެން ކަމެއް ނުއެނގެއެވެ. އަނބިދަރިން ކައިބޮއި ހަދާނެ ތަކެތި ގޭގައި ހުރިކަމެއް ނުއެނގެއެވެ. އެންމެ އަސާސީ ކަންކަމަށް ބޭނުންވެގެން މައިން ބަފައިން ތިމާއަށް އިންތިޒާރުކުރާ ކަމެއް ނުއެނގެއެވެ. ބިލްތައް ނުދައްކާތީ ރެޑް ނޯޓިސް އައިސްފައިވާ ކަމެއްވެސް ނުއެނގެއެވެ. އެންމެކުޑަމިނުން ދަރިއަކު ނަމާދު ކުރި ކަމެއް އަދި ތިމާއަށް އެންމެ ނަމާދެއް ކުރެވުނު ކަމެއްވެސް ނުއެނގެއެވެ.
އެހެންކަމާއިއެކު ވެސް އެހެން މީހުންގެ ހުރިހާ ކަމެއް ބަރާބަރަށް ތިމާއަށް އެނގެއެވެ. މާދަމާ ވާންހުރި ކަންތަކާއި ކަންކަން ވާނެ ގޮތް އެނގޭކަމަށް އެބަ ބުނަމުއެވެ.
ނިކަން ބުނެބަލާށެވެ! ތިމާގެ އަމިއްލަ ކަންކަން ތިމާއަށް ނުއެނގޭ މީހާއަށް އެހެން މީހުންގެ ކަންކަން އެނގިގެން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟ ފުރަތަމަ މަސައްކަތްކުރަންވީ ތިމާގެ އަމިއްލަ ކަންކަން ތިމާއަށް އެނގެން ނޫން ހެއްޔެވެ؟ ތިމާގެ އަމިއްލަ ކަންކަން ތިމާއަށް އެނގޭނަމަ އެހެން މީހެއްގެ ކަންކަމާއި ބެހުމުގެ ފުރުޞަތު އޮންނާނީ ހާދަ މަދު މީހަކަށެވެ. އެހެން މީހުންގެ ކަންކަމާއި ބެހެން ވަގުތުވާނީވެސް ހަމަ އެހައިމެ މަދު މީހަކަށެވެ.
ކަންކަން އިޞްލާޙްކުރަން ނުވަތަ ހެޔޮ ބަދަލަކަށް އުންމީދުކުރާ މީހާ ފުރަތަމަ އެމީހެއްގެ އަމިއްލަ ޙާލަތު ދެނެގަނެ އަމިއްލަ ކަންކަން އިޞްލާޙްކުރާށެވެ! އެހެން އެންމެން އިޞްލާހްވީ ނަމަވެސް ތިމާއަށް އިޞްލާޙް ނުވެވޭނަމަ ތިމާއަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އިސްލާމް ދީނުގައި އޮތީ ހެޔޮ ކަންތައްތަކަށް އަމުރުކޮށް އެހެން މީހުން އިޞްލާޙްކުރަން ނުކުތުމުގެ ކުރިން ތިމާ ހެޔޮ އަމަލުތައް ކުރުމަށެވެ.
އޮތީ ނަމާދަށް ދާށޭ ބުނުމެއް ނޫނެވެ. ނަމާދަށް ހިނގާށޭ ބުނުމެވެ. ތިމާ ނަމާދުކުރުމަށްފަހު އެހެން މީހުން ގާތު ނަމާދުކުރަން ބުނުމެވެ. އަދި ނަމާދުކުރުން ނޫން އެހެން ހެޔޮ އަމަލުތަކުގައިވެސް އޮތީ ހަމަ މިގޮތެވެ! ރަސޫލް (ޞޢވ) ވަނީ އުންމަތަށް މިކަމުގައި ނަމޫނާ ދައްކަވައިފައެވެ. އަހަރެމެންނަސް އޮތީ އެކަން ބަލައިގަނެ އެގޮތަށް އަމަލުކުރަން މަސައްކަތްކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން