ފައިސާއިން ހަޔާތުގެ އެންމެ މުހިންމު އެއްވެސް ކަމެއް ޙާޞިލު ނުކުރެވޭނެކަން ޤަބޫލު ނުކުރެވޭ މީހަކަށް ފައިސާއިން ކުރާނެ އެއްވެސް ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ފައިސާއިން ހަޔާތުގެ އެންމެ މުހިންމު އެއްވެސް ކަމެއް ޙާޞިލު ނުކުރެވޭނެކަން ޤަބޫލު ނުކުރެވޭ މީހަކަށް ފައިސާއިން ކުރާނެ އެއްވެސް ފައިދާއެއް ނެތް!

އިންސާނާގެ ޙަޔާތަށް ބަލައިފިނަމަ އެންމެ މުހިންމު ކަމަކީ މަރުވުމުގެ ފަސް ކާމިޔާބު ކުރުމެވެ. ދެވަނަ ކަމަކީ ޢާއިލީ ދިރިއުޅުން ކާމިޔާބު ކުރުމެވެ. މިދެ ކަންތަކަކީވެސް ފައިސާއިން ކާމިޔާބު ކުރެވޭނެ ކަންތަކެއް ނޫނެވެ. އެކަން އެނގޭ އެންމެ ސާބިތު ދަލީލަކީ ދުނިޔޭގައި ތިބި އެންމެ ބޮޑެތި ބިލިއަނަރުންނަށް މަރުވުމުގެ ފަސް ވެސް އަދި އެމީހުންގެ ޢާއިލީ ދިރިއުޅުންވެސް ކާމިޔާބު ނުކުރެވޭ ކަމެކެވެ. 

ކަން މިހެން އޮތުމުން ފައިސާގެ ދަހިވެތިކަމުގައި އަޅުކަމާއި ދުރުހެލި ނުވާށެވެ! ފައިސާ ހޯދަން ކިތަންމެ ބުރަކޮށް މަސައްކަތް ކުރި ނަމަވެސް އާޚިރަތަށްޓަކައި ކުރަން ޖެހޭ އެއްވެސް ކަމެއް ނުކޮށް ދޫކޮށް ނުލާށެވެ! އެކަމަށް ވަގުތު ނުދީ ފައިސާ ހޯދަން ނުވަތަ ފައިސާ އިތުރުކުރަން ވަގުތު ހޭދަނުކުރާށެވެ! ހަމަ އެއާއިއެކު ފައިސާ ހޯދަން ބޭނުންވާތީ ނުވަތަ ފައިސާ އިތުރުކުރަން ބޭނުންވާތީ ޢާއިލީ ދިރިއުޅުމަށް އިހްމާލް ނުވާށެވެ. 

މި ދެކަންތަކަކީވެސް އަތުން ބީވެއްޖެ ނަމަ ފޫބެއްދޭނެ ކަންކަމެއް ނޫނެވެ. މުށުން ދޫވެއްޖެ ނަމަ ދާއިމީ ހިތާމަ ކުރަން ޖެހޭނެ ކަންކަމެވެ. ފައިސާއަކީ ލިބި ހިތް ފުރޭނެ އެއްޗެއް ނޫނެވެ. ލިބުނު ވަރަކަށް އިތުރަށް ހޯދަން ދަހިކުރުވާ އެއްޗެކެވެ. 

ވީމާ އެންމެ ބޮޑު މުއްސަންޖަކީ އަސާސީ ބޭނުންތައް ފުދުމާއިއެކު އަޅުކަމުގައި އެންމެ ގިނަވަގުތު ހޭދަކުރާމީހާއެވެ. މަރަށް ތައްޔާރުވުމަކީ އެއީއެވެ. ޢާއިލީ ކަންކަމަށް އެންމެ ބޮޑަށް ސަމާލުކަންދޭ މީހާއެވެ. މަރުވުމުގެ ފަސް ކާމިޔާބުކުރަން މަސައްކަތް ކުރުމަކީ އެއީއެވެ. ޢާއިލީ ދިރިއުޅުން ކާމިޔާބު ކުރެވޭނީ ވެސް އެކަމަށް ދޭންޖެހޭ ވަގުތު ދީގެންނެވެ. 

ދިރާސާތަކުން އެނގޭ ގޮތުގައި ފިރިން މުޅި ދުވާލާއި ރޭގަނޑު ބޭރުގައި އުޅެގެން އިތުރަށް ހޯދޭ މަދު ފައިސާކޮޅަށްވުރެ އަނބިން ބޮޑަށް ބޭނުންވަނީ ލިބުނު މަދު ފައިސާކޮޅު ހިފައިގެން އަވަހަށް ގެއަށް އައިސް ޢާއިލާއާއިއެކު ވަގުތު ހޭދަކުރުމެވެ. ވީމާ މިކަންކަމަކީ ހަމަ ކޮންމެ މީހަކުވެސް ވިސްނައިލުން ވަރަށް މުހިންމު ކަންކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން