އެންމެންގެ ހުރިހާ ކަމެއް ރަސޫލް (ޞޢވ) އެނގި ވަޑައިގެން ހުންނެވިއިރުވެސް ހާމަ ނުކުރެއްވެވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
އެންމެންގެ ހުރިހާ ކަމެއް ރަސޫލް (ޞޢވ) އެނގި ވަޑައިގެން ހުންނެވިއިރުވެސް ހާމަ ނުކުރެއްވެވީ ކީއްވެ؟

ރަސޫލް (ޞޢވ) އަށް މީސްތަކުންގެ ސިއްރުތައް ﷲ ތަޢާލާ އަންގަވައި ދެއްވެވުމުންވެސް އެކަންކަން ހާމަކުރައްވަވާފައިވަނީ ހާމަކުރެއްވެވުމުން މީސްތަކުންނަށް އެކަމުން ފައިދާކުރާނެ ކަންކަމުގައެވެ. ރަސޫލް (ޞޢވ) އެންމެންގެ ހުރިހާ ކަންކަން ޢާންމުކޮށް ހާމަ ނުކުރެވެވީ ހާމަ ކުރައްވަވައިފިނަމަ އެމީހުންނަށް އެކަމުން ލިބިދާނެ ގެއްލުމަކަށް ބިރުފުޅުންނެވެ. 

މިކަމުން އެނގެނީ މީހެއްގެ ޒާތީ ކަމެއް އެނގޭއިރަށް އެކަން ބޭޒާރުކޮށް ޢާންމުކުރުމެއް ނެތް ކަމެވެ. އެފަދަ ކަމެއް ޢާންމުކުރަން ޖެހޭނީ ހާމަކުރުމުން އުންމަތަށް ފައިދާ ކުރާނެ ނަމަ ކަމެވެ. ހާމަ ނުކުރުމުން އުންމަތަށް ގެއްލުމެއް ލިބިދާނެ ކަމެވެ. ނިކަން ބުނެބަލާށެވެ! މިއަދު އަހަރެމެންނަށް ކަންކަން މިކުރެވެނީ ރަނގަޅަށް ހެއްޔެވެ؟ މީހުންގެ ޒާތީ ކަންކަން ހާމަކުރަމުން ގެންދިއުމުގެ ސަބަބުން އުންމަތަށް ކުރަނީ ފައިދާ ހެއްޔެވެ؟ ނުވަތަ ލިބެމުން ދަނީ ގެއްލުން ހެއްޔެވެ؟ 

މީސްތަކުންނޭވެ! ތިމާ ދައްކާ ވާހަކައަކުން އެއްވެސް މީހަކަށް ޙައްޤު ނޫން އެއްވެސް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިއްޖެ ނަމަ އާޚިރަތް ދުވަހު އެކަމުގެ ބަދަލުދޭން ޖެހޭނެއެވެ. އެކަން ލިޔެވި ރެކޯޑްކުރެވިފައި އޮންނާނީ ތިބާކުރި ފާފައެއްގެ ގޮތުގައެވެ. ބިރުވެރިކަމަކީ އެއީއެވެ. ދޫ ރައްކައުތެރިކުރަން އަންގަވާފައިވަނީ އެ ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައެވެ. 

ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައި ވަނީ ދައްކަން ނުޖެހޭ ވާހަކަތައް ނުދެއްކުމަށެވެ. ބަސް މަދުކުރުމަށެވެ. އަމަލު ގިނަކުރުމަށެވެ. މިތަނުގައި އަމަލު ގިނަކުރުން މާނަކުރައްވަވާފައި އެވަނީ ބޭކާރު އަމަލުތައް ކުރުމަކަށް ނޫނެވެ. ދުނިޔެއާއި އާޚިރަތުގައި ފައިދާކުރާނެ އަމަލުތައް ގިނަކުރުމަށެވެ. 

ކޮންމެ އިންސާނަކަށް ދުނިޔޭގައި ހޭދަކުރަން މިލިބެނީ ވަރަށް މަދު ވަގުތުކޮޅެކެވެ. އެ ވަގުތުކޮޅުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ! ތިމާއަށް ދެ ދުނިޔޭގައި ވެސް ފައިދާކުރާނެ ކަންކަމަށް ވަގުތު ހޭދަކުރާށެވެ! ތިމާއަށް ނަރަކައަށް ވަންނަން ޖެހިދާނެ އެންމެ ބަހެއްވެސް ދުލުން ނުބުނާށެވެ! ސުވާރުގެ އެދޭ މީހާ އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ އެއް ގުނަވަނަކީ އެމީހެއްގެ ދުލެވެ. 

- ޝައިޚް ރިޔާޟުލް ޙައްޤުގެ ދަރުސަކުން  

މިއަދު އޮންލައިން