އެ ދެމަފިރިންނަކީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވި ދެމަފިރިންނެވެ. ނުހަނު ލޯބިން އެކުގައި ދިރިއުޅުނު ދެމަފިރިންވެސް މެއެވެ. ދެމަފިރިންނަށް ﷲ ތަޢާލާ ދެއްވެވީ 2 ދަރިންނެވެ. އެއީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ.
ދެދަރިން ގެންގުޅެ ބޮޑުކުރީ ވެސް ވަރަށް ލޯބިންނެވެ. ނަމަވެސް އެއް ކަމެއްގައި ވަރަށް ބޮޑަށް އިހްމާލްވިއެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިކުރުވުމެވެ. އިސްލާމް ދީން އުނގަންނައިދިނުމެވެ. އިސްލާމް ދީނުގައި ބަޔާންވެގެންވާ މަގުން ތަރުބިއްޔަތުކުރުމެވެ.
މަންމަ އުންމީދުކޮށްގެން ހުރީ ކުދިން ބޮޑުވެ ހަޔަރ ސެކަންޑަރީ ނިންމައި ކޮލެޖަށް ފޮނުވަންވުމުން ދީނުގެ ކަންކަން އުނގަންނައިދި އަހުލުވެރިކުރުވުމަށެވެ. މަންމައަސް ޤަބޫލުކުރެވިފައި އޮތީ އެހައި ކުޑައިރު ދީނުގެ ކަންކަމަށް އަހުލުވެރިކުރުވަން އުޅުމުން ކުދިންނަށް ނުތަނަވަސްކަން ލިބިދާނެ ކަމަށެވެ. ފިރިމީހާވެސް އަނބިމީހާގެ އެ ނިންމުންތަކަށް ތާއީދުކޮށްގެން ހުރީއެވެ.
ކޮންމެއަކަސް ތަޤްދީރުގެ މައްޗަށް ތަދުބީރެއް ނުކުރެވޭނެއެވެ. ތަޤްދީރުގައި އޮތީ ދަރިންގެ ސާނަވީ މަރުހަލާ ނުނިމެނީސް މައިމީހާއަށް ދުނިޔެ ދޫކުރަން ޖެހުމެވެ. އެކަން ވެގެން ދިއައީ ހަމަ އެގޮތަށެވެ. އިސްލާމް ދީނާއި ބެހޭ ގޮތުން ދަރިންނަށް އެއްވެސް ކަމެއް އޮޅުންފިލުވައި ނުދެވި އުޅެނިކޮށް އައި ހުމެއްގައި ނިޔާވީއެވެ.
އެއިގެ އަހަރެއްހައި ދުވަސްފަހެވެ. ގެއަށް ދޮންމަންމައަކު ގެނެވިއްޖެއެވެ. ކަންދިމާވިގޮތުން ދޮންމަންމަ ވީ އިސްލާމް ދީނަށް އެއްވެސް ލޯތްބެއް ނެތް އަންހެނަކަށެވެ. އެކަން ދަރިންގެ ބައްޕައަށް އެނގުނީ 2،3 އަހަރު ފަހުންނެވެ. އޭނާ އެދެމުން ދިއަ އެއްވެސް ގޮތަކަށް ދަރިންގެ ކަންކަން ވަމުން އަންނަތަން ނުފެންނާތީ އަމިއްލައަށް ކަންކަން ބެލުމުންނެވެ.
އެހިސާބުން އެ އަނހެންމީހާ ވަރިކޮށް ގެއިން ފޮނުވައިލިއެވެ. އަދި ދެދަރިންނަށް އިސްލާމް ދީން އުނގަންނައި ދިނުމަށްޓަކައި އެހެން ޤައުމަކަށް ފޮނުވަން މަޖުބޫރުވިއެވެ. ދަރިންގެ ބައްޕަ ބޭނުންވީ ކޮންމެ ގޮތަކުން ނަމަވެސް އޭނާގެ ދަރިންނަކީ ދީންވެރި ތަޤްވާވެރި ދަރިން ކަމުގައި ހެދުމަށެވެ. އަދި ކޮންމެ ގޮތަކުން ނަމަވެސް ކުދިންގެ މަންމަ ދެކެމުން އައި ހުވަފެނާއި އެއްގޮތަށް ދަރިން ތަރުބިއްޔަތުކުރުމަށެވެ.
މިހާދިސާއަކީ ނުވަތަ މިވާހަކައަކީ ހަމަ ހުރިހާ ބެލެނިވެރިންނަށް ވެސް ވަރަށް މުހިންމު ފިލާވަޅެކެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ މައްސަލައެކެވެ.
ދަރިން ލިބުމުން އެދަރިންނަށް އިސްލާމީ ތަރުބިއްޔަތު ދިނުން ފަސް ނުކުރާށެވެ! ކަންކަން މެދުވެރިވާނީ ކިހިނަކުން ކަމެއް ނުއެނގޭނެއެވެ. ކުރިން މަރުވާނީ ބެލެނިވެރިންކަމެއް ނުވަތަ ދަރިން ކަމެއްވެސް ނުއެނގޭނެއެވެ. ވީމާ ބާލިޣްވުމާއިއެކު ދަރިންނަކީ އިސްލާމް ދީނަށް ފުރިހަމައަށް އަމަލުކުރާ ކުދިން ކަމަށް ހަދަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ނޫން ނަމަ ކޮންމެ ފަދަ ދެރަގޮތެއްވެސް މެދުވެރިވެދާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން