ތިމަންމެނަނަކީ ރަނގަޅު މީހުން ކަމަށް އަމިއްލައަށް ކަނޑައަޅައިގެން އުޅޭ މީހުން ވަނީ ދެބައަކަށް ބެހިފައެވެ. އެތަނުން ފުރަތަމަ އެމީހުންގެ ދިރިއުޅުމުގައި ހުރިހާ ކަންކަމެއް ރަނގަޅަށް ކުރާ މީހުންނެވެ. އެމީހުން އަނބިދަރިންނަށް އަޅައިލާނެއެވެ. މީސްތަކުންނަށް ހެޔޮކޮށް ހިތާނެއެވެ. ކުރާ އަމަލުތަކުގައި ތެދުވެރިވާނެއެވެ. ނަމަވެސް ދީނުގެ ކަންކަމަށް ސަމާލުކަމެއް ނުދޭނެއެވެ.
ދެވަނަ ބައަކީ ދީނުގެ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭ މީހުންނެވެ. ހުރިހާ އަޅުކަމެއް ބަރާބަރަށް ކުރާނެއެވެ. ނަމާދުކުރާނެއެވެ. ޒަކާތް ދޭނެއެވެ. ޙައްޖުވެސް ވާނެއެވެ. މުސްލިމުންނާއި އެއްގޮތަށް ސިފަވެސް ބަހައްޓާނެއެވެ. ނަމަވެސް އަނބިދަރިންނަށާއި ޢާއިލާއަށް ނުބައިވާނެއެވެ. އެހެނިހެން ކަމުގައިވެސް އެމީހުންގެ ކިބައިން ރިވެތި އަޚްލާޤެއް ނުފެންނާނެއެވެ.
މީސްތަކުންނޭވެ. މި ދެބާވަތުގެ މީހުންނަކީވެސް ﷲ ތަޢާލާ އަނގަވާފައިވާ ފަދަ ރަނގަޅު މީހުންނެއް ނޫނެވެ. ފުރަތަމަ ބުނި މީހާއަށް ރަނގަލު މީހަކަށް ވެވޭނީ ދުނިޔަވީ ކަންކަމުގައި ރަނގަޅު މީހަކަށްވީފަދައިން އަޅުކަން ކުރުމުގައިވެސް ރަނގަޅު މީހަކަށްވެގެންނެވެ. ފަރުވާތެރިކަމާއިއެކު އަޅުކަން ކުރާ މީހަކަށްވެގެންނެވެ. ދެވަނައަށް ބުނި މީހާއަށް ރަނގަޅު މީހަކަށް ވެވޭނީ އަޅުކަންކުރުމާއިއެކު އެމިހާގެ އަޚްލާޤްވެސް ރަނގަޅުކޮށްގެންނެވެ. ރިވެތި އަޚްލާޤީ ސިފަތައް ގައިގައި ހަރުލައްވައިގެންނެވެ.
މީހާގެ ރިވެތި ޚުލްޤަކީ އަޅުކަމުގެ އެއްބައެވެ. ރިވެތި އަޚްލާޤާއި ނުލައި އަޅުކަން ފުރިހަމައެއް ނުވާނެއެވެ. ހަމަ އެފަދައިން އަޚްލާޤް ކިތަންމެ ފުރިހަމަ ނަމަވެސް ﷲ ތަޢާލާ އަންގަވާފައިވާ ފަދައިން އަޅުކަން ނުކުރާ ނަމަ އެމީހާގެ އިސްލާމްކަން ފުރިހަމައެއް ނުވާނެއެވެ. ވީމާ ފުރިހަމަ މުސްލިމަކަށްވުމަށްޓަކައި މި ހުރިހާ ސިފަތަކެއްގެ އެމީހެއްގެ ކިބައިގައި ފުރިހަމަވާން އެބަޖެހެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން