މިރޭގެ ދަރުސް ފަށަމުން ފުރަތަމަ މިކިޔައިދެނީ ޢިބްރަތްތެރި ވާހަކައެކެވެ. ވިސްނުންތެރިކަމާއިއެކު އަޑުއަހާށެވެ.
"ކުޑަ ކުއްޖަކު އާފަލު ގަހެއް ކައިރިއަށް ގޮސް އުޅުނެވެ. އޭނާ ބޭނުންވުމުން ގަހަށް އަރައި އާފަލު ކައި އުޅުނެވެ. ބޭނުންވުމުން ގަސްދޮށުގައި ނިދައިވެސް އުޅުނެވެ.
ކުއްޖާ ތަންކޮޅެއް ބޮޑުވިފަހުން ގަސް ކައިރިއަށް ދިއުމުން ގަސް އެދުނީ ގަހާއިއެކު ކުޅެ މަޖާކޮށްލުމަށެވެ. ކުއްޖާ ބުނީ މިހާރު އޭނާ ބޮޑުވެފައިވާ ކަމަށާއި ބޭނުންވަނީ ކުޅޭ ސާމާނު ކަމަށެވެ. އަދި ކުޅޭ ތަކެތި ގަންނާނެ ފައިސާ ކަމަށެވެ. ގަސް ބުނީ ދޭނެ ފައިސާ ނެތް ކަމަށާއި ނަމަވެސް އާފަލު ބިނދެގެން ގޮސް ވިއްކައިގެން ކުޅޭ ތަކެތި ގަންނާނެ ފައިސާ ހޯދިދާނެ ކަމަށެވެ.
އެއިގެ ދުވަސްކޮޅެއް ފަހުން ކުއްޖާ މީހަކަށްވުމުން ބުނީ މިހާރު އޭނާ ބޮޑުވެ ކުޅޭތަކެތި ބޭނުން ނުވާ ކަމަށެވެ. މިހާރު ބޭނުންވަނީ ގެއެއް އަޅަން ކަމަށެވެ. އެދުވަހު ގަސް ބުނީ ގެއަޅަން ގަހުން އޮފިތައް ކަނޑައިގެން ގެންދިއުމަށެވެ. ގަހަށް ކިތަންމެ ތަދުވީ ނަމަވެސް އެކަމަށްވެސް ބެލުމެއް ނެތިއެވެ.
އެއިގެ ދުވަސްކޮޅެއް ފަހުން އޭނާ ބުނީ ދުނިޔެ ބަލައިލަން ދަތުރުކޮށްލަން ޔޮޓެއް ބޭނުން ކަމަށެވެ. ގަސް ބުނީ ގަސް ކަނޑާލައި ގަހުގެ ލަކުޑި ބޭނުންކޮށްގެން ޔޮޓެއް ބަނދެވިދާނެ ކަމަށެވެ. އޭނާއަށްޓަކައި ގަހުގެ "ހަށިގަނޑު" ވެސް ޤްރުބާންކުރީއެވެ. އޭނާ ގަސް ކަނޑާލައިގެން ޔޮޓެއްވެސް ބަނީ އެވެ.
އެއިގެ ދުވަސްތަކެއް ފަހުން އޭނާ ދިއުމުން ގަހުގެ ބުޑުގަނޑު ވަރަށް ދެރަވެ ރޮމުން ބުންޏެވެ. ދަރިފުޅާއެވެ. ދަރިފުޅަށް އިތުރަށް ދޭނެ އެއްވެސް އެއްޗެއް ނެތެވެ. ނަމަވެސް ބުޑުގައި ލެގިލައިގެން އަރާމުކޮށްލެވިދާނެ ކަމަށެވެ. އެ ހާލުގައިވެސް އޭނާއަށް އުފާކޮށްދިނުން ގަހަށްވީ ލިބުނު އުފަލަކަށެވެ."
ނިކަން ބުނެބަލާށެވެ! އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް އެމީހުންގެ މައިންބަފައިންނާއިމެދު އަމަލުކުރެވެނީ އޭނާ އެ ގަހާއިމެދު އަމަލުކުރި ގޮތަކަށް ނޫން ހެއްޔެވެ؟ މައިންބަފައިން ދަރިންނަށްޓަކައި މިފަދައިން ޤްރުބާން ނުވޭ ހެއްޔެވެ؟ އެމީހުންގެ އަތުގައި ހުންނަ ފައިސާކޮޅު ހޭދަކޮށް ހުސްވުމުން ގައިގައި ހުންނަ ގަހަނާކޮޅު ވިއްކާފައިވެސް އެހީތެރި ނުވޭ ހެއްޔެވެ؟
އެފަދައިން ކަންކަން ކޮށްދިނުމުން މައިންބަފައިންނަށް ނުވެސް ފެނި އެތައް އަހަރެއް ވޭތިކުރުމަށްފަހުގައިވެސް ލޮލަށް ފެނުމުން ލޯބިން ނުފިރުމާ ހެއްޔެވެ؟
މީސްތަކުންނޭވެ! ބޮޑެތިވުމުން ބަލަންވީ މައިންބަފައިންގެ އަތުން ލިބެންހުރި އެއްޗެއް އިތުރަށް ހޯދުމަކަށް ނޫނެވެ. މައިންބަފައިންނަށް އެއްޗެއް ހޯދައިދެވޭތޯއެވެ. އެމީހުން އުފަލުގައި ބެއިތިއްބޭތޯއެވެ. އެމީހުންނާއި އަޅާލައި އެމީހުންގެ ހިތް އުފާކޮށްދެވޭތޯއެވެ. އެކަމަށް ކީރިތި ޤްރުއާނުގައި ﷲ ތަޢާލާ ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ.
" އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުފް ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!" (އަލްއިސްރާ: 23)
"އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ!" (އަލްއިސްރާ: 24)
"ތިއަބައިމީހުންގެ ހިތްތަކުގައިވާ ކަންތައް ދެނެވޮޑިގަތުންބޮޑީ، ތިއަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ތިއަބައިމީހުންނީ، ޞާލިޙް ބައަކުކަމުގައިވާނަމަ، ފަހެ، ހަމަކަށަވަރުން، އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވާ މީހުންނަށް، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ." (އަލްއިސްރާ: 25)
މީސްތަކުންނޭވެ! މައިންބަފައިންނާއިމެދު ޢަމަލުކުރަންޖެހޭ ގޮތް މިއޮތީ ވަރަށް ސާފުކޮށް ފެންނާށެވެ! ވީމާ 24 ވަނަ އާޔަތުގައި ވަޙީ ކުރައްވަވާފައިވާ ދުޢާ ކުރުން ގިނަކުރާށެވެ.

ހަމަ އެއާއިއެކު 25 ވަނަ އާޔަތަށް ސަމާލުކަން ދޭށެވެ! މައިންބަފައިންނަށް އެހީތެރިނުވެ އެމީހުންނަށް ޢުޒުރުތައް ދެއްކިދާނެއެވެ. ނަމަވެސް ހުރިހާ ކަމެއް މޮޅަށް ދެކެދެނެވޮޑިގެންވާ ﷲ ތަޢާލާއަށް އެއްވެސް ކަމެއް އޮޅުވައެއް ނުލެވޭނެއެވެ. ވީމާ އެއްވެސް މީހަކަށް މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގައި އިހްމާލްވެވިފައިވާނަމަ އަވަހަށް ތައުބާވެ އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން