ކަމަކު އެދުވުމުން ޖަވާބަށް އިންތިޒާރު ކުރުވުމަކީ ދެވޭ އަނިޔާއެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ކަމަކު އެދުވުމުން ޖަވާބަށް އިންތިޒާރު ކުރުވުމަކީ ދެވޭ އަނިޔާއެކެވެ!

މީހަކު ކަމަކަށް އެދުމުން އެކަމެއް ކޮށްދެވެން އޮތް ނަމަ އެކަމެއް ކޮށްދޭށެވެ! ހާލުގައި ޖެހިފައި ހުރި މީހެއްގެ މުހުތާދު ފުއްދައިދީފިނަމަ އެމީހާގެ ބޭނުމެއް ﷲ ތަޢާލާ ޤިޔާމަތްދުވަހު ފުއްދަވައި ދެއްވަވާނެތެވެ. 

މީޙަކު ކަމަކަށް އެދުމުން އެކަން ކޮށްނުދެވުނު ނަމަވެސް އެމީހަކަށްޓަކައި ހެޔޮ ދުޢާކުރާށެވެ! އެއީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެކެވެ. މީހުންނަށްޓަކައި ހެޔޮ ދުޢާކޮށްދިނުމަކީ ވެސް ވަރަށް މަތިވެރި ޞަދަޤާތެކެވެ! ދުޢާކޮށްދިނުމަކީ އެކަމުގެ ސަވާބު ދުޢާކުރާ މީހާއަށް ވެސް ވަރަށް ގިނަ ގޮތްގޮތުން ލިބިގެންދާނެ ކަމެކެވެ. މީހަކަށް ނުއެނގި އެމީހާއަށްޓަކައި ހެޔޮ ދުޢާކޮށްދީފިނަމަ ހަމަ އެކަންތައް ދުޢާކުރި މީހާއަށް ހިންމަވައި ދެއްވެވުން އެދިވަޑައިގެން މަލާއިކަތުން ދުޢާކުރައްވަވާނެތެވެ. 

އެއްވެސް މީހަކީ މީހުން އެދޭ ހުރިހާ ކަމެއް ކޮށްދެވޭނެ މީހެއް ނޫނެވެ. އެންމެންގެ ބޭނުންތައް ފުއްދައިދެވޭނެ މީހަކު ނުހުރެދާނެއެވެ. އެއީ އަކީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. ކޮންމެ މީހެއްގެ ވެސް ހާލަތު ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އެހެން ކަމުން އެންމެންނަށްޓަކައި ހެޔޮ ދުޢާކޮށްދިނުމަކީ ވަރަށް ފައިދާ ކުރާނެ ކަމެކެވެ. 

ހަމަ އެއާއިއެކު ކަމަކު އެދުމުން އެއްވެސް ޖަވާބެއް ނުދީ، ފޯނުވެސް ހިއްލައިނުލާ ބައަކު ވެސް އުޅެއެވެ. އެގޮތަށް އެކަން ކުރުމަކީ ހާލުގައި ހުރި މީހާއަށް ކުރެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. ވީމާ ވެވުނު ވަރަކުން ޖަވާބުދޭށެވެ! މީޙަކު ކަމަކު އެދުމުން އެކަން ކޮށްދެވެން ނެތް ނަމަ ފަހުން ގުޅައިލަން ނުބުނާށެވެ! ކޮށްދެވެން ނެތް ނަމަ އެކަން ސާފުކޮށް ބަޔާންކުރާށެވެ! އެއިރުން އެމީހާ އުންމީދެއް ނުކުރާނެއެވެ. އެކަމާއި އިތުރަކަށް ނުވެސް ގުޅާނެއެވެ. 

ކޮންމެ ކަމެއްގައިވެސް މުސްލިމުންނަކީ އަޚްލާޤީ ރިވެތި މިންގަނޑުގައި ހިފަހައްޓަން ޖެހޭނެ ބައެކެވެ. އަކްލާޤީ ރިވެތި މިންގަނޑުގައި ހިފަހައްޓައިގެން ކަންކަން ކުރުމަކީވެސް ސަވާބު ލިބޭނެ ހެޔޮ ޢަމަލެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން