މުޞީބާތުން ސަލާމަތްވުމަށް އެންމެ ފަސޭހަ މަގުން ކުރިއަށް ދަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
މުޞީބާތުން ސަލާމަތްވުމަށް އެންމެ ފަސޭހަ މަގުން ކުރިއަށް ދަމާ!

މުޞީބާތަކީ ހަޔާތުގައި އަބަދުވެސް ކުރިމަތިވާނެ ކަމެކެވެ. މުޞީބާތެއް ނެތް ނަމަ ޙަޔާތުގެ މާބޮޑު ބޭނުމެއްވެސް ނެތެވެ. އަޅުގަނޑުމެންގެ ކަމަކަށް ވާންޖެހޭނީ މުޞީބާތުގެ ވަގުތުތަކުގައި އެންމެ ވަރުގަދަ މީހާއަށް ވުމެވެ. 

އަޅުކަން ކުރުމަށް ސަމާލުކަން ދޭން ނުޖެހޭނެ ދުވަހެއް ނުދާނެއެވެ. އެއީ ކޮންމެ ދުވަހަކުވެސް ސަމާލކުކަން ދޭން ޖެހޭ ކަމަކަށްވާތީއެވެ. އެހެން ކަމާއިއެކުގައިވެސް މުޞީބާތުގެ ވަގުތުތަކުގައި، ހިތްދަތިކަމުގެ ވަގުތުތަކުގައި އަޅުކަންކުރުން ގިނަކުރާށެވެ! 

އެކަމުގައި ވަރަށް ބޮޑު ދެ ފައިދާއެއް ހިމެނެއެވެ. ފުރަތަމަ ފައިދާއަކީ ﷲ ތަޢާލާ އާއި އޮންނަ ގުޅުން އިތުރަށް ބަދަހިވެ ކުރިމަތިވެފައިވާ މުޞީބާތުން ވީހައި އަވަހަކަށް ސަލާމަތްވެވުމަށް ކުރެވޭ އުންމީދު އިތުރުވެގެން ދިއުމެވެ. ދެވަނަ ކަމަކީ މުޞީބާތުގެ ވަގުތުތަކުގައި އަޅުކަން ކުރުމުން ނަފްސާނީ ގޮތުންނާއި ރޫޙާނީ ގޮތުންވެސް ތިމާއަށް ވަރުގަދަކަން ލިބެމުން އަންނަ ކަމެވެ.

ޙަޤީޤަތުގައި އެއްވެސް ބާވަތެއްގެ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ އެމީހަކަށް އެންމެ ބޮޑަށް ބޭނުންވާނީ ރޫޙާނީ ބާރެވެ! ރޫޙާނީ ބާރު ވަރުގަދަވި ވަރަކަށް ނަފްސާނީ ބާރު ދާނީ ވަރުގަދަވަމުންނެވެ. އެއީ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ދެކަންތަކެވެ. 

އެހެންކަމުން އަޅުކަން ކުރުމާއި ގާތްވިއަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ޝައިޠާނާ ކުރާނެއެވެ. އެއީ ރޫހާނީ ގޮތުން ތިބާ ބަލިކަށި ކުރުމަށެވެ. ޝައިޠާނާއަށް ތިބާގެ ނަފްސުގެ މައްޗަށް ގަދަވެގަނެވޭނީ ރޫހާނީ ބާރު ކުޑަކުރެވުނު ވަރަކުން ކަމުގައިވާތީއެވެ. 

މުޞީބާތުގެ ވަގުތަކީ ޝައިޠާނާގެ ބާރުގެދަށަށް މީހާ ގެންދިއުމަށްޓަކައި އެންމެ ވަރުގަދައަށް މަސައްކަތްކުރާނެ ވަގުތެވެ. ވީމާ އެވަގުތަށް ފުރިހަމައަށް ތައްޔާރުވާށެވެ! ތައްޔާރުވުމަށްފަހު ހަމަލާތައް ދިނުން ފަށައިގަންނާށެވެ! ޝައިޠާނާއަށް ޖެހޭނީ ބަލިވެ މާޔޫސްވެގެން ދުރަށްދާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން