ހުރިހާ ނިޢްމަތްތަކެއްގެ ދޮރު ހުޅުވޭނެ 1 ތަޅުދަނޑި ވެއެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެ ތަޅުދަނޑި ޙާޞިލުކުރުމަށެވެ. ރަސޫލް (ޞޢވ) އެކަމަށް މަސައްކަތްޕުޅު ކުރެއްވެވިފަދައިންނެވެ.
ރަސޫލް (ޞޢވ)ގެ ދެފައިންޕުޅު ދުޅަވެ، ލޭފޮދު ފައިބަމުން ދިއައިއިރުވެސް ރޭ އަޅުކަން ކުރެއްވެވުން މަތީގައި ދެމިހުންނެވީ ހަމަ އެންމެ ބޭނުންފުޅަކުއެވެ. ހަމަ އެ ތަޅުދަނޑި ހޯއްދެވުމަށެވެ.
ރަސޫލް (ޞޢވ) އަކީ އިސްވެ ދިއަހައި ފާފަތަކާއި އަދި މުސްތަޤްބަލުގައި ކުރެއްވެވިދާނެ ފާފަތައްވެސް ﷲ ތަޢާލާ ފުއްސަވައި ދެއްވަވައިވާ ބޭކަލަކަށްވެވަޑައިގެން ހުންނަވައިމެ އެހައިމެ ބުރަފުޅުކޮށް ރޭ އަޅުކަން ކުރައްވާ ސަބަބު ބަޔާންކޮށްދެއްވަވަމުން ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ އެ ތަޅުދަނޑީގެ ވާހަކައެވެ. އެ ތަޅުދަނޑިއަކީ ނިޢްމަތަށް ޝުކުރުވެރިވުމެވެ. މިކަން އެނގިގެންދަނީ "ހުރިހާ ފާތަކެއް ފުއްސަވައިދެއްވެވުމުން ތިމަން ރަސޫލާ (ޞޢޥ) އަށް ޝުކުރުވެރިވެވަޑައިގަންނަވަން ޖެހިވަޑައިގަންވާނެ"ކަން ބަޔާން ކުރެއްވެވުމުންނެވެ.
މީސްތަކުންނޭވެ! ޝައިޠާނާ އެންމެ ބޮޑަށް މާޔޫސްކޮށްލަން ބޭނުން ނަމަވެސް ނިޢްމަތަށް ޝުކުރުވެރިވުން ގިނަކުރާށެވެ! ނިޢްމަތްތަކަށް ޝުކުރުވެރިވުން ގިނަކުރުމަށް ﷲ ތަޢާލާ އަންގަވާފައިވަނީ އެ ސަބަބަށްޓަކައެވެ. ނިޢްމަތަށް ޝުކުރުވެރިވެވަޑައިގަތުމަށް ރަސޫލް (ޞޢވ) އެހައި ބޮޑަށް ސަމާލުކަން ދެއްވެވީ ވެސް ހަމަ އެ ސަބަބަށްޓަކައެވެ.
ވީމާ ޝުކުރުވެރިވުން އިތުރުކުރާށެވެ! އިތުރުކުރިވަރަކަށް ރަޙްމަތް ދާނީ އޮހެމުންނެވެ.! އިން ޝާ ﷲ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން