90 އިންސައްތަ މީހުން ހާލުގަ ޖެހިފައިވާނީ އަނބިދަރިންނަށް ޚަރަދު ނުކުރުމުންނާ ހަރާމް ކަންކަމަށް ޚަރަދުކުރުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
90 އިންސައްތަ މީހުން ހާލުގަ ޖެހިފައިވާނީ އަނބިދަރިންނަށް ޚަރަދު ނުކުރުމުންނާ ހަރާމް ކަންކަމަށް ޚަރަދުކުރުމުން!

ފައިސާ ލިބުން ދަތިވެ އުނިވަމުންދާނަމަ، އަތްމަތި ދަތިވަމުންދާނަމަ ފުރަތަމަ ބަލަން ޖެހޭނީ ތިމާއަށް ޚަރަދު ކުރެވެނީ ﷲ ތަޢާލާ އަންގަވާފައިވާ ކަންކަމަށްތޯއެވެ. ޙަރާމް ކުރެއްވެވި ކަންކަމަށް ޚަރަދުކުރެވޭތޯއެވެ! ދުނިޔެ ދައްކައިދީފައިވާ ތަޖުރިބާއަކީ ﷲ ތަޢާލާ ކުރަން އަންގަވާފައިވާ ޚަރަދުތައް ނުކުރާނަމަ އަދި ޙަރާމް ކުރެއްވެވި ކަންކަމަށް ޚަރަދުކުރާނަމަ މާލީ ކާރިސާތައް ކުރިމަތިވާ ކަމެވެ. 

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ޞަދަޤާތް ދިނުމުން ހުރިހާ ކަމެއް ނިމުނީ ކަމަށެވެ. ޞަދަޤާތް ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް ދުރު މީހަކަށް ޞަދަޤާތް ދިނުމުގެ ކުރިއަށް އެމީހާގެ އަނބިދަރިންނަށާއި މައިން ބަފައިންނަށް ކުރަން ޖެހޭ ޚަރަދުތައް ކުރަންޖެހޭނެއެވެ. އަނބިދަރިންނާއި މައިންބަފައިންނަށް ކުރަން ޖެހޭ ޚަރަދުތައް ނުކޮށް ދުރު މީހުންނަށް ޞަދަޤާތް ދިނުމަކީ އެކަންކުރަން ﷲ ތަޢާލާ އެންގެވި ގޮތެއް ނޫނެވެ. 

މިބަހުގެ މާނަ އޮޅުވައިނުލާށެވެ! އެއްވެސް ޙާލެއްގައި މިބުނަނީ މީހަކަށް ޞަދަޤާތުގެ ގޮތުގައި އެއްޗެއް ދޭން ޖެހޭނީ އަނބިދަރިންނާއި މައިންބަފައިން އެދޭ ހުރިހާ ކަންކަން ފުރިހަމަކޮށްދިނުމަށްފަހުގައި ކަމަކަށް ނޫނެވެ. ނަމަވެސް އެމީހުންނަށް އާދައިގެ ފެންވަރެއްގައި ދަތި ނުވެ ދިރިއުޅެވޭނެ ގޮތަށް ކަންކަން ފުރިހަމަކޮށްދޭން ޖެހޭނެ ވާހަކައެވެ. 

މީސްތަކުންނޭވެ! ލިބޭ މަދު ފައިސާކޮޅުންވެސް ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަމަށް ޚަރަދުކުރާ މީހުން މަދެއް ނޫނެވެ. މަސްތުވުމަށާއި ފާހިޝް އަމަލުތައް ކުރުމަށާއި ދުންފަތުގެ އިސްތިޢުމާލް ކުރުން ފަދަ ކަންކަމަށެވެ. ހިލޭ އަންހެނުންނަށާއި ފިރިހެނުންނަށް ރެސްޓޯރަންޓްތަކުން ކާން ދިނުން ފަދަ ކަންކަމަށެވެ. މިފަދަ ބޮޑެތި އިސްރާފްތައް ކުރުމަށްފަހުވެސް މިބުނަނީ އަތުގައި އަނބިދަރިންނަށާއި މައިން ބަފައިންނަށް ޚަރަދުކުރާނެ ފައިސާ ނެތް ވާހަކައެވެ. އަތްމަތި ދަތިވާހަކައެވެ. 

ހަމަ އެއާއިއެކު ބައެއް މުއްސަނދިންނަށް މާލީ ދަތިތައް ކުރިމަތިވެ ގެއްލުންވެ ބަނގުރޫޓުވާ ވާހަކަވެސް ދައްކާނެއެވެ. ބަނގުރޫޓުވެ މޯގޭޖްކޮށްފައި ހުރި ތަކެތި ނީލަންކިޔާ ހާލަތަށް ދާއިރުވެސް ކުރިން މިބުނި ފަދަ އިސްރާފްކުރުންތައް ހުއްޓައިލެވޭ ކަމަކަށް ނުވެއެވެ. 

ފޮތެއްގައި ލިޔެވިފައި އޮތްތޯ ބެލުން އިހަށް ބާއްވާށެވެ! މާލީ މައްސަލަތައް ކުރިމަތިވެފައިވާ މީހުންގެ ދިރިއުޅުމަށް ބަލާށެވެ! 90 އިންސައްތައަށްވުރެ ގިނަ ބައަކު ހާލުގައި ޖެހިފައިވާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޚަރަދު ނުކުރާ މީހުންނެވެ. އަނބިދަރިންނަށާއި މައިންބަފައިންނަށް ޚަރަދުނުކޮށް ފައިސާއިން އިސްރާފްކުރާ މީހުންނެވެ. ވީމާ ހަމަޖެހޭ ތަނަވަސް ދިރިއުޅުމެއް އުޅެން އުންމީދުކުރާ ނަމަ ތިމާއަށް ޚަރަދުކުރެވޭ ގޮތާއިމެދު އިތުރަށް ވިސްނައިލާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން