ދެމީހުން އެކުގަ އުމުރު ހުސްވިނަމަވެސް ލޯތްބާއި އަޅައިލުން ބަރާބަރަށް ރީޗާޖްކޮށްދޭނެ ކޫޕަނެއް ބޭނުން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ދެމީހުން އެކުގަ އުމުރު ހުސްވިނަމަވެސް ލޯތްބާއި އަޅައިލުން ބަރާބަރަށް ރީޗާޖްކޮށްދޭނެ ކޫޕަނެއް ބޭނުން ހެއްޔެވެ؟

ކައިވެނީގެ ފުރަތަމަ 6 މަސް ދުވަހަށް ބަލާލައިފިނަމަ ފެންނާނީ އެކުވެރިކަމާއި ލޯތްބާއި ބަދަހި ގުޅުމެވެ. ކުށެއް ކުރެވުނު ނަމަވެސް ކުށެއް ކުރެވުނު ކަމަކަށްވެސް ނުދެކޭނެއެވެ. އެވާހަކަވެސް ނުދައްކާނެއެވެ. ކޮންމެ މީހަކުވެސް ބަލާނީ ބައިވެރިޔާ ރުހޭނެ ކަމެއް ކުރެވޭތޯއެވެ! ބައިވެރިޔާ އާއިއެކު ވީހައި ގިނަ ވަގުތު ހޭދަކުރެވޭތޯއެވެ. ބައިވެރިޔާގެ ސަމާލުކަން އިތުރުކުރެވޭނެ ކަމެއް ކުރެވޭތޯއެވެ! ތިމާގެ އަމިއްލަ ޙައްޤުތަކެއްވާކަންވެސް ހަނދާނަކު ނުހުންނާނެއެވެ. ގެއިން ބޭރަށް ދާން ބޭނުންވާނީވެސް ބައިވެރިޔާ ގޮވައިގެންނެވެ. 

ނަމަވެސް 6 މަސްދުވަސް ނިމެންވާއިރަށް މިހުރިހާ ކަމެއް އަނެއް ކޮޅަށް ބަދަލުވާނެއެވެ. ކުރިން މިބަޔާންކުރި ހުރިހާ ކަމެއް އެއިގެ އިދިކޮޅަށް ބަދަލުވާނެއެވެ. ސުވާލަކީ އެއީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ ކައިވެނީގެ ތެރެއިން ޙާޞިލުކުރަން ބޭނުންވާ ކަންކަން ކަނޑަނުއަޅައި ހަމަ ތިބެފައި ކައިވެންޏަކަށް ކައިވެންޏެއް ކުރާތީއެވެ. 

ކައިވެނީގެ ފުރަތަމަ މަޤްޞަދަކަށް ވާންޖެހޭނީ ލޯބިން އެކުގައި ދިރިއުޅުމެވެ. ދެވަނަ މަޤްޞަދަކަށްވާން ޖެހޭނީ ﷲ ތަޢާލާއަށް އަޅުކަން ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވުމެވެ. މިތަނުގައި އަޅުކަން ކުރަން އެހީތެރިވުން 2 ވަނައަށް މިގެނައީ ސަބަބެއް އޮވެގެންނެވެ. އެއީ ދެމީހެއްގެ މެދުގައި އޮންނަން ޖެހޭ ލޯބި ނެތްނަމަ އެއްވެސް ކަމެއްގައި ދޭންޖެހޭ އެއްބާރުލުން ނުދެވޭނެތީއެވެ. 

ތިންވަނަ ކަމަކީ ދަރިން ހޯދައި ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމެވެ. ހަތަރުވަނަ ކަމަކީ ތިމާމެންގެ ފަރާތުން މުޖުތަމައުއަށް ކޮންމެވެސް ރަނގަޅު ޚިދުމަތެއް ކުރުމެވެ. މި 4 މަޤްޞަދު ޙާޞިލުކުރުމަށް ޢަޒުމް ކަނޑައަޅައި ދެމީހުން އެއްބަސްވެގެން ކައިވެނިކޮށްފިނަމަ އެކުގައި އުމުރު ހުސްވި ނަމަވެސް މާމުއި ހަނދުގެ ދުވަސްތަކެއް ނުފިލާނެއެވެ. އެހެނީ އަބަދުވެސް އުޅެން ޖެހޭނީ 4 ކަންތަކުން ކުރެ ކަމެއް ފުރިހަމަ ނުކުރެވިގެންނެވެ. 

މިސާލަކަށް ދަރިން ބޮޑެތިވުމުން ދަރިން ބެލުމުގެ ބައި ނިމިދާނެއެވެ. ގައިބާރު ދެރަވުމުން މުޖުތަމައުއަށް ޚިދުމަތްކުރުމުގެ ބައި ކުޑަވެދާނެއެވެ. ނަމަވެސް އެކަކު އަނެކަކަށް އަޅާލައި ލޯބިދީގެން ދިރިއުޅުމުގެ ބައި ދުވަހަކުވެސް ނުނިމޭނެއެވެ. ހަމަ އެއާއިއެކު އެކަކު އަނެކަކަށް އަޅުކަން ކުރުމުގައި އެހީތެރިވެދިނުމުގެ ބައެއްވެސް ނުނިމޭނެއެވެ. 

އަޅުކަން ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ރީޗާޖެކޮށްދޭ ކޫޕަނެއްކަން އެނގޭ ހެއްޔެވެ؟ ރީޗާޖްކޮށްދެނީ ކޮންކަމެއްކަން އެނގޭ ހެއްޔެވެ؟ ނުއެނގޭނަމަ ދަސްކުރާށެވެ! އަޅުކަން ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ ލޯބިދީގެން ދިރިއުޅުން ރީޗާޖްކޮށްދޭ އެންމެ ޔަޤީންކަން ބޮޑު ކޫޕަނެވެ. ވީމާ ކައިވެނިކުރާ ވަގުތުން ފެށިގެން ރީޗާޖްކުރުންމަތީގައި ދެމިތިބޭށެވެ! ލޯތްބާއި އަޅައިލުން ނުލިބިގެން އުޅޭކަށް ނުޖެހޭނެއެވެ! އިން ޝާ ﷲ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން