އެމެރިކާއިން އިރާޤް ހިފަން ބޭނުންވުމުން ވެސް އެ ޤައުމުގެ ރައްޔިތުންގެ ތެރެއިން ބައެއްގެ ތާއީދު ހޯދިއެވެ. ސައުދިޢަރަބިޔާ އިސްލާމް ދީނާއި ދުރަށް ޖައްސުވަން ކުރާ މަސައްކަތުގައި މިހާރުވަނީ ސައުދީ ސަރުކާރުގެ ތާއީދު ހޯދައިފައެވެ. ޙައްޤުބަސް ވިދާޅުވާ އެތައް ހާސް ޢިލްމުވެރިންނަށް ވަނީ ފަތުވާ ދިނުން މަނާކޮށްފައެވެ. އެތައް ބައިވަރު ޢިލްމުވެރިން ވަނީ ޖަލުތަކުގައި ބަންދުކޮށްފައެވެ.
މިއަހަރުގެ ޢަރަފާތު ދުވަހުގެ ޚުޠުބާ އިން އެކަނިވެސް މިކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި އިސްލާމް ދީނަށް ކުރިމަތިވަމުން އަންނަ ގޮންޖެހުނަތަކަށް ޚިޠުބާގައި ސަމާލުކަން ދެވުނު މިންވަރު ޚުޠުބާ އަޑުއެހި މީހުންނަށް އެނގިގެންދާނެއެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އޮތް އޮތުން ނައްތައިލުމަށް ކުރަމުން ގެންދާ މަސައްކަތްތަކާއި ޤާނޫނު އަސާސީގެ 10 ވަނަ މާއްދާ އުވާލުމަށް ކުރެވެމުންދާ މަސައްކަތްތައް މިހާރު ކުރިއަށް އެގެންދަނީ ފައުޅުކަން ބޮޑު ގޮތެއްގައެވެ.
ފަހުޒަމާނުގެ ދުވަސްތައް ގުނެމުންދާއިރު ކޮންމެ ޤައުމެއްގައިވެސް ޝައިޠާނާގެ ބައިވެރިން ތިބޭނެކަން ޤަބޫލުކުރަންޖެހޭނެއެވެ. ޝައިޠާނާގެ ބައިވެރިން ތިބުމަކީ ﷲ އަށް ފުރިހަމައަށް އީމާންވެގެން ތިބި މީހުން އަމާންދޭން ޖެހެންވީ ސަބަބެއް ނޫނެވެ. މުސްލިމުންނަށް އޮތީ ޝައިޠާނާގެ ބައިވެރިން ގިނަވާވަރަކަށް ﷲ ތަޢާލާގެ ދީން މަތިވެރިކުރަން ކުރާ މަސައްކަތް އިތުރުކުރުމެވެ. ވަރުގަދަކުރުމެވެ.
އަންހެނުން އެމީހުންގެ ގެދޮރުގައި، ކައިވެނި ހެޔޮވާ މީހުންގެ ކުރިމަތީގައި އުޅޭއިރު ނިވާކުރަން ނުޖެހޭ ތަންތަން މިހާރު މިވަނީ މަގުމަތީގައި އުޅޭއިރު ނިވާކުރަން ނުޖެހޭ ކަމަށް ހަދައިފައެވެ. ދީނީ ބައެއް ޢިލްމުވެރިން ވަރަށް ހަނިދާއިރާއަކުން އަންހެނުންނަށް ފަނޑިޔާރުކަން ކުރުމުގެ ހުއްދަ ދެއްވުމުން މިއަދު މިވަނީ ހުއްދައަކީ ޢާންމުކޮށް ދެއްވާފައިވާ ހުއްދައަކަށް ހަދައިފައެވެ. އެކަމުގައި އެންމެ އިސްކޮށް ވަކާލާތުކުރަނީވެސް އައުރަ ނިވާކުރަން އަންގަވާފައި ހުރި ކީރިތި ޤްރުއާނުގެ އާޔަތްތްކަށް ފައުޅުގައި ދެކޮޅު ހަދާ މީހުންކަމަށް ވުމުން މިވާ ގޮތް އެންމެންނަށް ވެސް ވިސްނެއެވެ.
ސައުދީގައި އަދިވެސް އަންހެނުންނަށް ފަނޑިޔާރުކަން ކުރަން ހުއްދަ ދީފައިވަނީ މަދަނީ މައްސަލަތަކުގަ އާއި ޢާއިލީ މައްސަލަތަކުގައެވެ. ކާފަރުންގެ ނުފޫޒުގައި އެކަން ދާދި އަވަހަށް ސައުދީގައި ބަދަލުކުރުވުމަކީ ﷲ ތަޢާލާގެ ޙުކުމްފުޅު ބަދަލުކުރެވޭނެ ކަމެއް ނޫނެވެ. ދުނިޔޭގެ އެއްވެސް ޤައުމަކުން ޢަމަލުނުކުރި ނަމަވެސް ﷲ ތަޢާލާގެ ޙުކުމްފުޅު ހަމަ އެގޮތުގައި ދެމިއޮންނާނެއެވެ.
ﷲ ތަޢާލާ ވަނީ އިސްލާމް ދީން ފުރިހަމަކުރައްވަވައި ނިންމަވައިފައެވެ. އުނި އިތުރު ގެނައުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.