ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަދެވޭނެކަމުގެ އުންމީދު އެންމެ ފަސޭހައިން ހޯދޭނީ ދަމުނަމާދުގެތެރެއިން: ޝައިޚް ޢާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަދެވޭނެކަމުގެ އުންމީދު އެންމެ ފަސޭހައިން ހޯދޭނީ ދަމުނަމާދުގެތެރެއިން: ޝައިޚް ޢާޞިމް އަލްޙަކީމް

ޢަބްދުﷲ ބިން ސަޤީޤް (ރޢ) ރިވާ ކުރައްވަވާފައިވެއެވެ. 

ތިމަންކަލޭގެފާނު އެއްފަހަރަކު ރަސޫލް (ޞޢވ) ދަމުނަމާދަށް ހުންނެވި ކޮޓަރިކޮޅަކަށް ވެދެވަޑައިގަތީމެވެ. އެއިރު ފެން އެއްޗެއް ކެކެމުންދާއިރު އިވޭ އަޑު ފަދައިން ރަސޫލް (ޞޢވ)ގެ މޭފުޅު ތެޅޭ އަޑުއިވެއެވެ. އަދި އެއިރު ރަސޫލް (ޞޢވ) ގެންދެވީ ކީރިތި ކުރައްވަމުންނެވެ. 

އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ ދުނިޔެއާއި އުޑުތަކާއި ނަރަކަ އާއި ސުވަރުގެ ވުޖޫދުކުރެއްވެވި ﷲ ތަޢާލާއަށް ބިރުފުޅުންނެވެ. މިހުރިހައި ކަންކަމަށް ބައްލަވާއިރު އިންސާނާގެ ހުރި ނިކަމެތިކަން ބޮޑުކަމުންނެވެ. 

މީސްތަކުންނޭވެ! ދަމުނަމާދަކީ މިފަދަ އިހްޞާޞްތައް އެންމެ ބޮޑަށް ކުރެވޭނެ ނަމާދެވެ. ދަމުނަމާދަށް ހުންނައިރު މިފަދަ އިޙްޞާޞްތައް ކުރެވުން އިތުރުވަނީ އެކަނި ހުރެ ކުރާ ނަމާދަކަށްވުމުންނާއި ބޭކާރު އަޑުތައް އެވަގުތު އިވުންވެސް މަދު ވަގުތަކަށްވާތީއެވެ. 

މިކަންކަމުގެ ސަބަބުން ތިމާއަށް ކުރެވިފައިވާ ފާފަތަކާއިމެދު ވިސްނައި ފިކުރުމުގެ ފުރުޞަތު ދަމުނަމާދުގައި ބޮޑުވެގެންދެއެވެ. އަދި  ކުރެވިފައިވާ ފާފަތަކަށް ހިތާމަކޮށް ﷲ ތަޢާލާއަސް ބިރުން ލޮލުން ކަރުނައެޅުމުގެ ފުރުޞަތުވެސް އިތުރުވެގެންދެއެވެ. 

އެމީހަކަށް ކުރެވިފައިވާ ފާތަކުގެ ގިނަކަން އެންމެ ރަނގަޅަށް އެނގޭނީވެސް އެމީހަކަށެވެ. ވީމާ އެކަންކަން ހިތްމައްޗަށް ގެންނާށެވެ! ބިރުވެތިވެވޭނީވެސް ދެރަވެ ހިތާމަ ކުރެވޭނީވެސް އެއިރުންނެވެ. 

ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތަށް ދާން ޖެހޭނީ އެމީހަކަށް ކުރެވުނު ފާފަތަކާއިއެކުގައެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި މިއަދު އާދޭސް ނުދެންނެވިއްޖެ އެ ދުވަހު ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެ ދުވަހަކީ އެއްވެސް މީހަކަށް ދެވަނަ ފުރުޞަތު ދެއްވަވާ ދުވަހެއް ނޫނެވެ. 

މީސްތަކުންނޭވެ! ދަމުނަމާދުގައި އެންމެ ބޮޑަށް މަސައްކަތް ކުރަންވީ ﷲ ތަޢާލާއަށް ބިރުވެތިވެ ކަރުނަ އެޅުމަށެވެ. އެއީ ހަމަ ބޭނުންވާ އިރަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ޙާޞިލުކުރެވޭނީ ވަރަށް ގިނަ މަސައްކަތުންނެވެ. އެވަރަށް ތަޤްވާވެރިވެވިގެންނެވެ. އެކަމަށް އަހަރު ދެ އަހަރު އަދި 3 އަހަރުވެސް ނަގައިފާނެއެވެ. 

އެލޮލަކަށް ނަރަކަ ނުފެންނާނެ ދެލޮލެއް ވާކަމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. މާނައަކީ ނަރަކައަށް ނުވައްދަވާނެ، ސުވަރުގެ ވައްދަވާނެ 2 މީހަކު ވާކަމެވެ. 

އެތަނުން އެއް ލޮލަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ﷲ ތަޢާލާއަށް ބިރުވެތިވެ ލޮލުން ކަރުނަ އެޅި ލޮލެވެ. (ކަރުނަ އެޅި މީހާއެވެ.) ވީމާ ގަދައަޅައި މަސައްކަތް ކުރަންވީ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ﷲ ތަޢާލާއަށް ބިރުވެތިވެ ލޮލުން ކަރުނަ އެޅުމަށެވެ. އެއީ ނަރަކައަށް ނުވައްދަވާނެ ކަމަށާއި ސުވަރުގެ ވައްދަވާނެ ލިބޭ "ކޫޕަން" އެކެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން