ﷲ ތަޢާލާ އީ އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެންމެ އޯގާތެރިވަންތަ ރަސްކަލާނގެއެވެ. ކޮންމެ ނަމާދެއްގެ ކޮނަމެ ރަކްއަތެއްގައި އެކަން ޤަބޫލުކޮށް އެކަމުގެ ވާހަކަ ﷲ ތަޢާލާގެ ޙަޟްރަތުގައި އެބަ ދަންނަވަމުއެވެ. ނަމާދު ފަށަނީވެސް ރަހްމާން ވަންތަ ރަޙީމް ވަންތަ ﷲ ގެ އިސްފުޅުންނެވެ. އެއަށްފަހު މިދަންނަވަނީ " (އެކަލާނގެއީ) ރަޙްމާން ވަންތަ ރަޙީމް ވަންތަ ރަސްކަލާނގެ ކަމަށެވެ.
މީސްތަކުންނޭވެ! އަހަރެމެން އެދި ދެންނެވުމުން ދުވާލު ކުރެވޭ ފާފަތައް ރޭގަނޑު ފުއްސަވައި ދެއްވަވަތެވެ. ރޭގަނޑު ކުރެވޭ ފާފަތައް ދުވާލު ފުއްސަވައި ދެއްވަވަތެވެ. އެއް ނަމާދާއި އަނެއް ނަމާދާއި ދެމެދު ކުރެވޭ ފާފަތައްވެސް ފުއްސަވައިދެއްވަވައެވެ. ވީމާ ﷲ ތަޢާލާގެ ދީލަތިވަންތަކަން ވަރަށް ރަނގަޅަށް އެބަ އެނގިގެންދެއެވެ.
މިނިޢްމަތް ލިބޭނީ އެ ނިޢްމަތް ހޯދަން މަސައްކަތްކުރާ، އެ ނިޢްމަތަށް އެދި ދަންނަވާ އަޅުންނަށެވެ. ބޮޑާވެ ފާފަކުރުންމަތީގައި ދެމި ތިބޭ ޖާހިލު ޖައްބާރުންނަކަށް ނޫނެވެ.
މީސްތަކުންނޭވެ! ﷲ ތަޢާލާ އެއްވެސް އިންސާނަކަށް ކޯފާވެވޮޑިގެން ލައްނަތް ލައްވަވާނީ އެމީހެއްގެ ނުބައިކަން ހައްދުފަހަނައަޅައި ދިއުމުންނެވެ. އެންމެ ނުބައިކަން ބޮޑު އިބިލީހަށްވެސް ލައްނަތް ލެއްވެވީ ﷲ ތަޢާލާގެ އަމުރުފުޅަށް ނުކިޔަމަންތެރިވުމަށްފަހުގައިވެސް ބޮޑާވެ ކިބުރުވެރިވުމުންނެވެ. މިކަން މިމޭރުމުން ކީރިތި ޤްރުއާނުގައި ވަނީ ވަޙީ ކުރައްވަވައިފައެވެ. އެއީ އެފަދަ ނުބައި ޖާހިލު ޖައްބާރުން ކަމުގައި ނުވުމަށްޓައެވެ.
މީސްތަކުންނޭވެ! ބިރުވެތިވާށެވެ! އެއްވެސް މީހަކީ ﷲ ތަޢާލާ ލައްނަތް ލެއްވެވި މީހުންގެ ތެރޭގައި ހިމެނިއްޖެ ނަމަ އެއީ އެމީހަކަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަމެވެ. އެހިސާބުން އެމީހެއްގެ ދެ ދުނިޔެ ގެއްލިގެން ދިއައީއެވެ. އެފަދަ މީހަކު ކަމުގައި ނުވެވޭތޯ ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. އެފަދަ މީހަކު ކަމުގައި ނުވުމަށްޓަކައި ﷲ ތަޢާލާ އެންގެވި ގޮތަށް ނޫނީ އެއްވެސް ކަމެއް ނުކުރުމަށް ގަދަ އަޅައި މަސައްކަތްކުރަން ޖެހޭނެއެވެ. ގިނަގިނައިން ތައުބާވާން ޖެހޭނެއެވެ.
މިކަން ހަނދާން ހުންނަނީ މަދުމީހެކެވެ. އަވަހަށް އިޞްލާޙްކޮށްލާށެވެ! ތިބާއަކީ ﷲ ތަޢާލާ ލައްނަތް ލެއްވެވި މީހަކު ކަމުގައި ނުވުމަށްޓަކައެވެ.
- މުފްތީ މެންކުގެ ދަރުސަކުން