މުސްލިމުންގެ ޙިތްތަކަށް މިހާރަށްވުރެ އަނިޔާކުރާ މުސްލިމް ލީޑަރުން ތިބި ދުވަސްވަރެއް އެނގެން ނެތްކަމަށް ވިދާޅުވެ އިމާމް ޢުމަރު ސުލައިމާން ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ.
ޢުމަރު ސުލައިމާން ވިދާޅުވީ ފައުޅުކަން ބޮޑު ގޮތެއްގައި މުސްލިމުންނަށް އަނިޔާވެރިވުން ހައްދުފަހަނައަޅާފައިވާ ޤައުމުތަކުގެ ވެރިންނަށް އެހީތެރިވެ އެމީހުންނާއި ގުޅުން ބަދަހިކުރުމުގައި މިހާރަށްވުރެ މުސްލިމް ޤައުމުތަކުގެ ވެރިން ކުރިއަރާފައިވާ ޒަމާނެއް ތާރީޚުން ފެންނާކަށް ނެތް ކަމަށެވެ. އަދި މިއީ މުސްލިމުންނަށް ތަދު ވަރަށް ބޮޑަށް އިޙްޞާޞްކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
ޢުމަރު ސުލޭމާން މިމޭރުމުން ވިދާޅުވެފައިވާއިރު މުސްލިމް މުއްސަނދި ޤައުމުތަކުން ޚާއްޞަކޮށް ސައުދިޢަރަބިޔާ އާއި ޔޫއޭއީ އިން ގެންދަނީ މުސްލިމުންނަށް އެންމެ ބޮޑަށް އަނިޔާވެރިވަމުންދާ ޤައުމުތަކާއި ގުޅުން ބަދަހިކުރަމުންނެވެ.
"އަދި ޔަހޫދީންވެސް ނަޞާރާ އިންވެސް އެއުރެންގެ ދީނަށް ކަލޭގެފާނު ތަބަޢަވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ﷲ ގެ މަގު އެއީ ހަމަ ތެދުމަގެވެ. އަދި ކަށަވަރުންވެސް، ކަލޭގެފާނުގެ އަރިހަށް ޢިލްމުގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު ތަބަޢަވެވަޑައިގެންފިނަމަ، اﷲ ގެ ޙަޟްރަތުން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި ނަޞްރު ދޭނޭ މީހަކުވެސް ނުވާނެތެވެ." (ބަޤަރާ: 120)
މިއާޔަތް މުސްލިމް ޤައުމުތަކުގެ މިހާރުގެ ވެރިންނަށް ފެނިވަޑައިގަންނަވާ ކަމަކަށް ނުވެއެވެ.