އެއް ބައަކު ދީނާއި ވެރިކަން ހިންގުން ތަފާތުކުރެއެވެ. އެކަމަށް މިކިޔަނީ ސެކިޔުލަރިޒަމްއެވެ. އެއީ ފާފައެކެވެ. އިސްލާމް ދީން ހުއްދަކުރާ ގޮތެއް ނޫނެވެ. ހަމަ އެއާއިއެކު ބައެއް މުސްލިމުން އަޅުކަން ކުރުމާއި އަޚްލާޤް ވަކިކުރެއެވެ. މިއީ ވެސް ހަމަ ކުރިނަ ބުނި ފަދަ ފާފައެކެވެ.
ބައެއް މީހުން ވަރަށް ފުރިހަމައަށް އަޅުކަން ކުރެއެވެ. ނަމާދުކުރެއެވެ. ރޯދަ ހިފައެވެ. ޒަކާތް ދައްކައެވެ. ޙައްޖުވެއެވެ. ކަރުނަ އަޅަމުން ކީރިތި ޤްރުއާން ވެސް ކިޔަވައެވެ. ނަމަވެސް މިފަދަ ބައެއް މީހުން އެހެން މީހުންނާއި މުޢާމަލާތުކުރާއިރު ފެންނަނީ މުޅިން ތަފާތު މީހެއްގެ ގޮތުގައެވެ. ﷲ ތަޢާލާއަށް އެއްވެސް ބިރުވެތިކަމެއް ނެތް ބޮޑު ޖާހިލެއްގެ ގޮތުގައެވެ. ޚުދު އަމިއްލަ އަނބިދަރިންނާއި މައިންބަފައިންނާއި މުޢާމަލާތުކުރުމުގައިވެސް މެއެވެ.
މީސްތަކުންނޭވެ! ދީނާއި އަޚްލާޤަކީ ވަކިކުރެވޭނެ އެއްޗެއް ނޫނެވެ. އެއީ އެކައްޗެކެވެ. އިސްލާމް ދީން ﷲ ތަޢާލާ ބާވައިލައްވަވާފައިވަނީ އެގޮތުގައެވެ. ރަނގަޅަށް ވިސްނާށެވެ! މީސްތަކުން ކޮންމެ ދުވަހަކު ބައިބައަށް އިސްލާމް ދީނަށް ވަންނަމުންދަނީ އިސްލާމް ދީނުގައި ހިމެނޭ ރިވެތި އަޚްލާޤްގެ ސަބަބުންނެވެ. ހަމައެފަދައިން އިސްލާމް ދީނާއިމެދު ފޫހިވާ މީހުން ފޫހިވަނީވެސް ބައެއް މުސްލިމުންގެ ކިބައިން ފެންނަ ނުރަނގަޅު އަޚްލާޤީ ސިފަތަކުގެ ސަބަބުންނެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ ނުރަނގަޅު އަޚްލާޤްގެ ސަބަބުން ތިމާ ކުރާ ހެޔޮ އަމަލުތައް، އަޅުކަން ނަގައި ނުލުމަށެވެ. މީހަކަށް ޞަދަޤާތެއް ދިނުމަށްފަހު އެކަމުގެ ވާހަކަ ދެއްކުމުން ޞަދަޤާތް ބާޠިލުވެގެންދަނީ އެމީހާ އެކުރި އަމަލަކީ އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ ކަމަކަށްވާތީއެވެ.
މީސްތަކުންނޭވެ! ބިރުވެތިވާށެވެ! ކިތަންމެ ގިނަ އަޅުކަމެއް ކުރި ކަމުގައިވީނަމަވެސް އެމީހާއަކީ އެމީހެއްގެ އަނބިދަރިންނަށާއި ޢާއިލާއަށް އަދި މީސްތަކުންނަށް އަޚްލާޤް ނުބައި މީހަކު ކަމުގައި ވެއްޖެ ނަމަ އެމީހާ ކުރި ހުރިހާ ހެޔޮކަންތައް ގެއްލި ކާފިރުންގެ ތެރޭގައި ހިމެނި ނަރަކައަށް ވަންނަން ޖެހިދާނެ މީހަކު ކަމުގައި ވުމުގެ ބިރު ވަރަށް ބޮޑެވެ. ވީމާ އަޅުކަން ކުރުމަށް ސަމާލުކަން ދޭ ފަދައިން ތިމާގެ އަޚްލާޤް ރަނގަޅުކުރުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ!
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން