ބައެއް މީހުންނަސް ޤަބޫލުކުރެވިފައި އޮންނަނީ އެންމެ ކާމިޔާބު މީހަކީ މިލިއަނަރަކަށް ވެވުނު މީހާ ކަމަށެވެ. އެހެންކަމުން ދަރިން ތަރުބިއްޔަތުކުރުމަށްވުރެ އެފަދަ ވިސްނުމުގެ މީހުން އިސްކަން ދެނީ މިލިއަނަރަކަށް ވުމަށެވެ. ދަރިންނާއިއެކު ވަގުތު ހޭދަކުރުމަށްވުރެ އިސްކަން ދެނީ ފައިސާ އިތުރުކުރުމުގެ މަސައްކަތަށެވެ.
އެފަދަ ބައެއް މީހުންނަށް ވެސް ތަނަވަސްކަން މިންވަރު ކުރައްވަވައެވެ. ނަމަވެސް ދަރިން ބޮޑެތި ވަނީ އެއްވެސް ތަރުބިއްޔަތެއް ނެތިއެވެ. އިސްލާމް ދީނަށް އެއްވެސް ލޯތްބެއްނެތިއެވެ. އެންމެ ކުޑަމިނުން ނަމާދަށް ދޭން ޖެހޭ ސަމާލުކަންވެސް ނުއެނގި ތިބެއެވެ.
ބައަކަށް އެގޮތަށް ވިސްނުނު ނަމަވެސް އެއީ ވަރަށް ބޮޑު ކުށް ހީއެކެވެ. އިސްލާމް ދީނުގައި އެންމެ ކާމިޔާބު މީހަކީ އެންމެ ބޮޑު މިލިއަނަރު ނުވަތަ ބިލިއަނަރެއް ނޫނެވެ. އިސްލާމް ދީނުގައި އެންމެ ކާމިޔާބު މީހަކީ އެމީހަކަސް ﷲ ތަޢާލާ ދެއްވެވި ދަރިން އެންމެ ރަނގަޅު ގޮތުގައި، ﷲ ތަޢާލާ އެންގެވި ގޮތުގައި ތަރުބިއްޔަތުކުރެވުނު މީހާއެވެ.
މީސްތަކުންނޭވެ! ގޭތެރޭގައި ދަރިން ދަރިން އުޅޭ ގޮތަށް ބަލައިގެން އެކަނި މިއަދު ފުދޭކަށެއް ނެތެވެ. ބައްޕަ ނުވަތަ މަންމަ ދަރިން ގެންގޮސް ޔުނިވަރސިޓީއަށް ބާލަނީ ވަރަށް ރީތިކޮށް ބުރުގާ އަޅުވައިގެންނެވެ. ނަމަވެސް ބައްޕަ ނުވަތަ މަންމަ ދިއުމާއިއެކު ބުރުގާ ނަގަނީ ކިތައް ކުދިން ހެއްޔެވެ؟ އެގޮތަސް އުޅެފައި ބަލައި އަންނަ ގަޑިއަށް ބުރުގާ އަޅަނީ ކިތައް ކުދިން ހެއްޔެވެ؟ ގަޑިއަށް ޔުނިވަރސިޓީން ނުނުކުމެ ލަސްވާ ކުދިންގެ މައިން ބަފައިން ޔުނިވަރސިޓީތެރެއަށް ބަލައިލުމުން މިފަދަ ކަންކަން ފެނިފައިވަނީ ކިތައް ކުދިންގެ ފަރާތުން ހެއްޔެވެ؟
މިބުނެލީ ވަރަށް އާދައިގެ ކަމެއްގެ ވާހަކައެވެ. މިފަދަ ކަންކަމުން އެނގެނީ ދަރިން ގެއިން ބޭރުގައި އުޅޭ ގޮތް ބެލެހެއްޓުމަށް އިތުރަށް ސަމާލުކަން ދޭންޖެހިފައިވާ މިންވަރެވެ. އެކަން ނުކޮށް ހަތަރުދަމު ފައިސާ ހޯދަން މަސައްކަތްކޮށްގެން އާޚިރަތް ހޯދޭނީ ކިހިނަކުންހެއްޔެވެ؟
ދާދިފަހުން ބައްޕައަކަށް ދަރިފުޅު ލިޔުނު ނޯޓެއްގައިވެއެވެ. "ލޯބިވާ ބައްޕާއެވެ! ބައްޕަ މަސައްކަތްކުރަން ބައްޕައަށް ވަގުތުވެއެވެ. ނަމަވެސް ދުވާލެއް ނިމިގެންދާއިރު އަޅުގަނޑާއިއެކު އެންމެ މިނިޓެއް ހޭދަކޮށްލެވޭ ކަމަކަށް ނުވެއެވެ. އަދި އެކަމާ އަޖައިބެއް ވެސް ނުވަމެވެ. ސަބަބަކީ މަންމަ އާއިއެކު މިނިޓެއް ހޭދަކޮށްނުލެވޭ ބައްޕައަކަށް ދަރިފުޅާއިއެކު ސިކުންތެއް ވެސް ހޭދަނުކުރެވޭނެކަން ހިތުގެ އަޑިން ޤަބޫލުކުރާތީއެވެ! ވީމާ އެކަމަށް އެއްވެސް ވަރަކަށް ޢަޖައިބެއް ނުވަމެވެ!"
ބައެއް ފިރިހެނުން ގެއަށް ވަނުމާއިއެކު އިށީންނާނީ ޓީވީ ކުރިމަތީގައެވެ. ރިމޯޓް ނަގައިގެން ފަށާނީ ކަމުދާ ޚަބަރެއް ހޯދުމުގެ މަސައްކަތެވެ. އަނބިމީހާ އާއި ދަރިން އައިސް ކިތަންމެ ލޯބިން ގޮވައިލި ނަމަވެސް އަޑުވެސް ނުއިވޭނެއެވެ. ފިރިމީހާގެ، ބައްޕަގެ ސަމާލުކަން ހޯދަން އަނބިމިހާއަށް، ދަރިންނަށް ޖެހޭނީ ޓީވީ ސްކްރީނުން ފެންނާށެވެ! ނަމަވެސް މިއީ މުސްލިމުންގެ ކިބައިގައި ހުރެގެންވާނެ ގޮތެއް ނޫނެވެ. މުސްލިމަކު މިފަދައިން އަމަލެއް ނުކުރާނެއެވެ. ގެއަށް ވަދެވުމާއިއެކު އަވަސްވެގަންނާނީ ﷲ ތަޢާލާއަށްޓަކައި އަދާކުރަން ޖެހޭ ޢާއިލީ ޒިންމާތައް އަދާކުރުމަށެވެ.
މުފްތީ މެންކުގެ ދަރުސަކުން