ކަކުލުހުޅު ބަދަލުކުރަން ބޭނުންވާ މީހުންނަށް އެމީހާގެ އަތުން އެންމެ 3،500 ރުފިޔާ ޚަރަދުކޮށްގެން އޮޕަރޭޝަންގެ ހުރިހާ ކަމެއް ފުރިހަމަކޮށްގެން ހޮސްޕިޓަލުން ނުކުމެވޭނެ ޕެކޭޖެއް އޭޑީކޭ ހޮސްޕިޓަލުން ތައާރަފްކޮށްފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެނޭޖިންގ ޑިރެކްޓަރ އަހްމަދު އަފްޢާލް ވިދާޅުވީ މިއަދުން ފެށިގެން ކަކުލުހުޅު ބަދަލުގެ އޮޕަރޭޝަން އެ ހޮސްޕިޓަލުން ކުރަމުން ގެންދާނީ ޚާއްޞަ ޕެކޭޖެއްގެދަށުން ކަމަށާއި މުޅި ޕެކޭޖުގެ އަގަކީ 63،500 ރުފިޔާ ކަމަށެވެ. މީގެ ތެރެއިން 60،000 ރުފިޔާ ކަވަރުކުރާނީ އާސަންދައިން ކަމަށާއި ޕޭޝަންޓަށް ދައްކަން ޖެހޭނީ އެޑްމިޓްވުމުން ފެށިގެން އޮޕަރޭޝަންކޮށްގެން ހޮސްޕިޓަލުން ނުކުތުމާއި ހަމައަށް އެންމެ 3،500 ރުފިޔާ ކަމަށެވެ.
އަފްޢާލް ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުން މިހާރުވެސް ހަފްތާއަކު ކަކުލުހުޅު ބަދަލުކުރުމުގެ 2 އޮޕަރޭޝަން ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާރު ހަފްތާއަކު 4 އޮޕަރޭޝަން ކުރެވޭނެ ކަމަށެވެ. "އަޅުގަނޑުމެންގެ ޑޮކްޓަރުންގެ ޓީމުގައި 4 ޑޮކްޓަރުން އެބަ ތިއްބެވި. ޑރ. ޙުސައިން ޝަކީލް، ޑރ. މިޝްވާ، ޑރ. އިފާޝާގެ އިތުރުން ބޭރުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޝަފްރާޒް މިހާރުވެސް ގެންދަވަނީ ޚިދުމަތް ދެއްވަމުން."
އަފްޢާލް ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުން އޮޕަރޭޝަން ކުރުން އިތުރު ފަރާތަކުން ހުށަހަޅަން ނުޖެހޭނެ ކަމަށާއި އޭޑީކޭ ހޮސްޕިޓަލުން ހުރިހާ ޚިދުމަތެއް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އަވަހަށް އޮޕަރޭޝަން ކުރަން ބޭނުން މީހުންނަށް މިއީ ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލަކީ ބޮޑެތި އޮޕަރޭޝަންތައް ކާމިޔާބުކަމާއިއެކު ކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި ރައްޔިތުންގެ ފުރިހަމަ އިތުބާރު ހޯދާފައިވާ، ޚިދުމަތުގެ ފެންވަރު ވަރަށް ރަނގަޅުކަމަށް ރައްޔިތުން ބަލައިގެންފައިވާ ހޮސްޕިޓަލެކެވެ.