ދުނިޔޭގައި އެންމެ އުފަލުގައި އުޅެމުންދަނީ ކޮން ބައެއްތޯ ސުވާލުކޮށްފިނަމަ ޖަވާބު ލިސްޓް ވަރަށް ދިގުވާނެއެވެ. ބިލިއަނަރުން މިލިއަނަރުން ޤައުމުތަކުގެ ރައީސުން މަޝްހޫރު މޮޑެލުން، ލަވަކިޔާ މީހުން މިހެން ގޮސް ވަރަށް ދިގު ލިސްޓެއް ކިޔާނެއެވެ. އެކަމަށް އެއްވެސް އެއްޗެއް ބުނާކަށް ނެތީމެވެ. އެއީ އެމީހަކަށް ވިސްނޭ ގޮތެވެ.
ނަމަވެސް އެންމެ ކަމެއް ކޮށްލާށެވެ! މި ބުނެވުނު ފަދަ އެމީހާ ޤަބޫލުކުރާ ލިސްޓުގައި ހިމެނޭ މީހާއި ސުވާލުކޮށްލައި އޭނާ ހިތްހަމަ ޖެހިގެން ހުރި މިންވަރު ދެނެގަންނާށެވެ. އެއަށްފަހު ދުނިޔޭގައި އެންމެ އުފަލުގައި އުޅޭ ކަމަށް އަހަރެންނަށް ޤަބޫލުކުރެވޭ މީހާ ގާތަށް ގޮސްވެސް ހަމަ އެސުވާލުކޮށްލާށެވެ! ދެމީހުން ދޭ ޖަވާބު ދިރާސާކޮށްލާށެވެ! ދުނިޔޭގައި އެންމެ ބޮޑަށް ހިތް ހަމަޖެހިގެން އުޅޭ މީހެއް ކަމަށް އަހަރެން ޤަބޫލުކުރަނީ ﷲ ތައާލާ ދެއްވެވި މަދު މިންވަރަށް ޝުކުރުވެރިވެގެން ދިރިއުޅޭ ނިކަމެތި މީހާއެވެ.
ޔަޤީންކަމާއިއެކު ބުނަމެވެ. ބޮޑަށް އުފަލުގައި ހުންނާނީ އަހަރެން މިބުނި މީހާއެވެ. އެކަމުގެ ހެކި ބޭނުން ހެއްޔެވެ؟ ބަންގި ގޮވީމާ ޖަމާއަތަށް ނަމާދަށް އަރާ މީހުންނަށް ބަލާށެވެ! " ބިލިއަނަރުން މިލިއަނަރުން ޤައުމުތަކުގެ ރައީސުން މަޝްހޫރު މޮޑެލުން، ލަވަކިޔާ މީހުން"ގެ ލިސްޓަށް ބަލައިފިނަ މިސްކިތުގެ ޖަމާއަތުން ފެންނާނީ ހަމަ ޙާލަކުން މީހެކެވެ. ނަމަވެސް އަހރެން މިބުނި ގިންތީގެ މީހުން ވަރަށް ގިނަވާނެއެވެ.
މިކަމުގެ ސަބަބަށް ބަލައިފިނަމަ މިހެން މިވަނީ ފަޤީރު ނިކަމެތި މީހާ ހިތްހަމަޖެހިގެން އުފަލުގައި ދިރިއުޅޭތީއެވެ. ލިބޭ މިންވަރަށް ފެދިގެން ހުންނާތީ ބަންގި ގޮވުމުން މަސައްކަތް މެދުކަނޑައިލަން ފަސްނުޖެހި އެކަން ކުރަނީއެވެ. ނަމަވެސް "ބިލިއަނަރުން މިލިއަނަރުން ޤައުމުތަކުގެ ރައީސުން މަޝްހޫރު މޮޑެލުން، ލަވަކިޔާ މީހުން"ގެ ލިސްޓުގައި ހިމެނޭ މީހުންނަށް އެއްވެސް ކަމަކުން ހިތްހަމަ ޖެހުން ލިބި ފުރިހަމަ ނުވާތީ ހާސްކަމެއްގެ ތެރޭގައި ތެޅި ފޮޅެން ހަދައިގެން ނަމާދަށްވެސް ނުދެވެނީއެވެ.
އެމީހުންނަށް ހިތް ހަމަޖެހުން ނުލިބެނީ ކީއްވެގެން ހެއްޔެވެ؟ އެމީހުން ދުނިޔެއަށް ފޮނުއްވެވުނު ސަބަބު އެމީހުންނަށް ނުއެނގޭތީ އެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ނުވަތަ ތަނަވަސް މީހަކު ކަމުގައި ވުމުގެ ނިޔަތް އޮންނާތީއެވެ. ނިކަމެތި މީހާއަށް ހިތް ހަމަޖެހިގެން އެ ހުރެވެނީ މިއަދުވެސް މަރުވެދާނެ ކަމާއި މަރުވެ ދުނިޔެ ދޫކޮށްދާއިރު، ތެޅި ފޮޅިގެން ހޯދި ހުރިހާ ތަކެތި އެހެން ބައެއްގެ އަތް މައްޗަށް ދޫކޮށްފައި ދާން ޖެހޭނެކަން އެނގޭތީ ދުނިޔޭގެ ތަނަވަސްކަމަށް ދަހިވެތިކަން ނެތުމުންނެވެ.
ބައެއް މީހުން ދެކޭ ގޮތުގައި މިސްކިތަށް އަރާ ނިކަމެތިންގެ އަދަދު ގިނަވަނީ އެމީހުންގެ ގިނަ ބޭނުންތަކެއް ނުފުދި ހުންނާތީ ދުޢާ ކުރުމަށެވެ. އެއީ މުޅިން ރަނގަޅު ވިސްނުމެއް ނޫނެވެ. އެމީހުން މިސްކިތާއި ދިމާއަށް ދަމައި ގެންދާ އެންމެ ބޮޑު ބާރަކީ އެމީހުންނާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ލޯބީގެ މަތިވެރިކަމެވެ. ގުޅުމުގެ މަތިވެރިކަމެވެ. ހުރިހާ ތަނަވަސްކަމެއް ދެއްވެވުމުން މިސްކިތަށް ނާރަނީ ﷲ ތަޢާލާގެ މަތިން ހަނދާންވެސް ނުވާތީއެވެ.
މީސްތަކުންނޭވެ! މި ދައްކާ ވާހަކަތަކަށް ސަމާލުކަން ދޭށެވެ! ތިމާ ދިރިއުޅޭ ޙާލާއި ތިމާއަށް އަމަލުކުރެވޭ ގޮތް އެންމެ ރަނގަޅަށް އެނގޭނީ ހަމަ އެމީހަކަށެވެ. ދެން އެކަންކަން ދެކެ ދެނެވޮޑިގެންވާނީ ﷲ ތަޢާލާއެވެ.! ﷲ ތަޢާލާ ޙުކުމް ކުރައްވަވާނީ ޤިޔާމަތް ދުވަހުއެވެ. ނަމަވެސް އެމީހަކު ބޭނުންނަމަ މިއަދު އެމީހަކާއިމެދު އަމިއްލައަށް ޙުކުމްކޮށް ޙާލަތު ބަދަލުކުރެވިދާނެއެވެ.! ނަރަކައިން ސަލާމަތް ވެވިދާނެއެވެ. ފުރުޞަތުގެ ބޭނުން ހިފާށެވެ!
ޙަޤީޤަތަށް ބަލައިފި ނަމަ ފަޤީރު ކަމަކީ ދެއްވަވާ އެންމެ ބޮޑު އެއް ނިޢްމަތެވެ. އެހެނީ ސުވަރުގެ ވައްދަވާ މީހުންގެ ތެރޭގައި ފަޤީރުންގެ އަދަދު އެތައް ގުއަކަށް އިތުރުވާތީއެވެ. މުއްސަނދިންނަސްވުރެ 500 އަހަރު ކުރިން ސުވަރުގެ ވައްދަވާތީއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން