ދެމަފިރިން އުފަލުގައި ތިބޭ ދުވަސްތަކުގަ ދަރިންނާ އަޅާލާފައި އެހެން ދުވަސްތަކުގަ ފަރުވާކުޑަކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ދެމަފިރިން އުފަލުގައި ތިބޭ ދުވަސްތަކުގަ ދަރިންނާ އަޅާލާފައި އެހެން ދުވަސްތަކުގަ ފަރުވާކުޑަކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް!

ދަރިންނަކީ ތިބާގެ މިލްކެއް ކަމަށް ބުނީ ކާކު ހެއްޔެވެ؟ ބައެއް މައިން ބަފައިން އެމީހުންގެ ދަރިންނާއިމެދު އަމަލުކުރަނީ ހިތަށް އެރިހައި ގޮތަށެވެ. ބައެއް މައިން ބަފައިން ދަރިންނާއި އަޅައިލަނީ ދެމަފިރިންގެ މޫޑު ރަނގަޅު ދުވަސްތަކުގައެވެ. ދެމަފިރިންގެ މެދުގައި ހުންނަ މައްސަލަތައް ހައްލުވެ ހަމަޖެހިގެން ތިބެވޭ ދުވަހަކުއެވެ. މޫޑް ރަނގަޅު ނޫން ދުވަހަކު ދަރިފުޅުގެ ނެޕީ ވެސް ބަދަލުކޮށްލަދޭނީ ލީކުވެ ބޭރަށް ފައިބާން ފެށުމުންނެވެ. 

މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. މި އާޔަތަށް ވިސްނާށެވެ! "އަދި ތިއަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ތިއަބައިމީހުންގެ މުދާތަކާއި، ތިއަބައިމީހުންގެ ދަރިންނަކީ، އިމްތިޙާނެކެވެ. އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ދަރުމަ ވަނީ، ﷲ ގެ ޙަޟްރަތު ގައެވެ." (އަންފާލް: 28) 

ދެމަފިރިންގެ މެދުގައި ހުންނަ މައްސަލަތައް ދަރިންނާއި ހަމައަށް ނުފޯރުވާށެވެ! އެއީ އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. އެގޮތަށް އެކަން ކުރުމަކީ ކުރެވޭ ވަރަށް ބޮޑު ފާފައަކަށް ނޫނީ ނުވާނެއެވެ. 

މީސްތަކުންނޭވެ! ދަރިންނަށް ހިތަށް އެރިހައި ގޮތެއް ހަދަމުން ތިއަ ގެންދާއިރު ދަރިންނަކީ މައިން ބަފައިންގެ މިލްކެއް ނޫނެވެ. ވާރުތަ މުދައުގަނޑެއް ނޫނެވެ. އެކުދިން އުފަންވުމުގެ ކުރިން ތިބީ ކޮންތަނެއްގައި ހެއްޔެވެ؟ ﷲ ތަޢާލާގެ ޙަޟްރަތުގައި ނޫން ހެއްޔެވެ؟ މަރުވުމުން އެނބުރި ދަނީ ކޮން ތަނަކަށް ހެއްޔެވެ؟ ﷲ ތަޢާލާގެ ޙަޞްރަތަށް ނޫން ހެއްޔެވެ؟ 

ދަރިންނަކީ ހަމަ ދާދި ކުޑަ ދުވަސްކޮޅަކަށް މައިންބަފައިންނާއި ހަވާލުކުރައްވަވާ ވަރަށް ބޮޑު އަމާނާތެކެވެ. ވީމާ އެކަމަށް ވިސްނައި ދަރިންނަށް ދޭން ޖެހޭ އަޅައިލުން ދޭން ޖެހޭނެއެވެ. ތިބާގެ ގާތުގައި (މަރުނުވެ) ތިބިނަމަ ތަންދޮރު އެނގެންވާއިރަށް ނަމާދުކުރުމަށް ލޯބި ޖައްސަން ޖެހޭނެއެވެ. 10 އަހަރުވުމުން ނަމާދުކުރުވަން ޖެހޭނެއެވެ. ބާލިޣްވާއިރު އެކުދިންނަށް އަޢުރަ ނިވާކުރަން ދަސްކޮށްދީ އެގޮތަށް ފޭރާން ލާން ޝައުޤްވެރިކުރުވަންވާނެއެވެ. ﷲ ތަޢާލާއަށް ބިރުވެތިވާން ދަސްކޮށްދޭން ޖެހޭނެއެވެ. 

ދަރިން ދުނިޔޭގައި ތިބި ނަމަވެސް މައިން ބަފައިންގެ ބާރު އެއްވެސް ވަރަކަށް ހިނގާނީ ދާދި މަދު ދުވަސްކޮޅަކުއެވެ. އެކަން ޤަބޫލުކުރަންވާނެއެވެ. ހަމައެއާއިއެކު ތިމާމެންގެ ބެލުމުގެ ދަށުގައި ދަރިން ތިބޭއިރު ދަރިންނަށް ދޭން ޖެހޭ ހުރިހާ ސަމާލުކަމެއް ދޭންވާނެއެވެ. އަބަދުވެސް ބުނާ ބަސް މިރޭ ވެސް ހަނދާންކޮށްލައިދޭނަމެވެ. އެއީ ދަރންނަށް ދެވޭ އެންމެ އަގު ބޮޑު ހަދިޔާއަކީ ދެވޭ ކުޅޭތަކެތި ނުވަތަ ދެވޭ އެނޫންވެސް ތަކެތި ނޫން ކަމާއި ދަރިންނަށް ދެވޭނެ އެންމެ އެންމެ އަގު ބޮޑު ހަދިޔާއަކީ އެކުދިންނަކީ އިސްލާމް ދީނަސް ލޯބިކޮށް އަމަލުކުރާ ކުދިންގެ ގޮތުގައި ބޮޑުކޮށް ތަރުބިއްޔަތުކުރުން ކަމުގެ ވާހަކައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން