"މީހެއްގެ އަބުރަކީ ނަރަކައިގެ ވަޅުގަނޑުތަކުގެ ތެރެއިން ވަޅުގަނޑެކެވެ." އިމާމް އިބްން ދަޤީޤް އަލް ޢީދް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
"މީހެއްގެ އަބުރަކީ ނަރަކައިގެ ވަޅުގަނޑުތަކުގެ ތެރެއިން ވަޅުގަނޑެކެވެ." އިމާމް އިބްން ދަޤީޤް އަލް ޢީދް

އިމާމް އިބްން ދަޤީޤް އަލް ޢީދް ބަޔާންކުރައްވަވާ ގޮތުގައި "މީހެއްގެ އަބުރަކީ ނަރަކައިގެ ވަޅުގަނޑުތަކުގެ ތެރެއިން ވަޅުގަނޑެކެވެ."

މިދުވަސްކޮޅު ހިނގަމުންދާ ބަހުގެ ޒުވާބުތަކުގައި ޢާންމުންގެ އިތުރުން ދީނީ ބައެއް ޢިލްމުވެރިންނަށް ނިޞްބަތްކޮށްވެސް ގެންދަނީ ހަދިހުތުރު ބަސްތައް ބުނަމުންނެވެ.

މިއީ ވަރަށް ނުރއްކައުތެރިކަން ބޮޑުކަމެކެވެ. ތިމާ ނަފްރަތުކުރި ނަމަވެސް ރިވެތިބަހުރުވައިން މުޢާމަލާތުކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަން ޖެހޭނެ ކަމެކެވެ. ރިވެތި ބަހުރުވައިން އެމީހަކު ބުނަން ބޭނުން ވާހަކައެއް ބުނުމަކީ ބަސް ބުނާމީހާގެ ޤަދަރު އުފުލިގެންދާނެ ވެސް ކަމެކެވެ.

ކަމުގެ މުހިންމުކަން ބޮޑުކަމުން މިލިޔުން އިތުރަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

ތިބާ ނަރަކައިގެ ވަޅުގަނޑަކަށް އެއްލައިލެވޭ ސަބަބަކީ މީހެއްގެ އަބުރަށް އަރައިގަތުން ކަމުގައި ވެދާނެކަމަށް ބިރުވެތިވާށެވެ! މީހަކު ދެކެ ކިތަންމެ ރުޅި އައި ނަމަވެސް އެމީހެއްގެ އަބުރަށް އަރައި ނުގަންނާށެވެ! މީހުންގެ އަބުރަށް އަރައި ނުގަނެ ބުނަން ބޭނުން ބަސްތައް ބުނަން ދަސްކުރާށެވެ!

ސޯޝަލް މީޑިއާގައި ނަމަވެސް މީހެއްގެ އަބުރަށް އަރައިގަނެ ބަސްތައް ލިޔެ ޢާންމުކުރުމަކީ ދުލުން ބުން ފަދަ ކަމެކެވެ. ވީމާ އިމާމުގެ މި ބަސްފުޅަށް ބަލާއިރު ލިޔާ ބަހެއްގެ ސަބަބުން ވެސް އެމީހަކު ނަރަކައިގެ ވަޅުގަނޑަކަށް ވެއްޓުމުގެ ފުރުޞަތު އެބައޮތްކަން ހާމަވެއެވެ.

މީހަކު ދެކެ ރުޅި އައިސް އަބުރަށް އަރައިގަނެފިނަމަ އެމީހަކުވެސް އަންނާނީ ރުޅިއެވެ. މާބޮޑު އަސަރެއް ނުކުރާނެއެވެ. އެއިގެ ބަދަލުގައި ރިވެތި ބަހުން މުޢާމަލާތުކުރުމުން އެމީހަކަށް ކުރާ އަސަރުވެސް މާބޮޑުވާނެ ކަމަށް ޢިލްމްވެރިން ވިދާޅުވެއެވެ.

މިމޭރުމުން ވިދާޅުވަނީ ހަމައެކަނި ދީނީ ޢިލްމުވެރިންނެއް ނޫނެވެ. ހުރިހާ ފަންނެއްގެ ޢިލްމުވެރިންވެސް މިމޭރުމުން ގެންދަވަނީ ވިދާޅުވަމުންނެވެ. ހަމަ އެއާއިއެކު އަލްއަޙްޒާބް ސޫރަތުގެ މި ދެއާޔަތަށް ވިސްނައިލާށެވެ!

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ. (އަލްއަހްޒާބް: 70)

" (އޭރުން) ތިއަބައިމީހުންނަށްޓަކައި، ތިއަބައިމީހުންގެ ޢަމަލުތައް އެކަލާނގެ އިޞްލާޙް ކޮށްދެއްވާނެތެވެ. އަދި ތިއަބައިމީހުންނަށްޓަކައި، އެކަލާނގެ ތިއަބައިމީހުންގެ ފާފަަތައް ފުއްސަވައިދެއްވާނެތެވެ. ﷲއަށާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ ނަޞީބް ލިބުމަކުން އެމީހާއަށް ނަޞީބް ލިބިއްޖެއެވެ." (އަލްއަހްޒާބް: 71)

މި ދެ އާޔަތުން އެނގިގެންދަނީ ތެދު، ރިވެތި ބަހުރުވައިން ވާހަކަ ދެއްކުމުން އެމީހަކަށް ދެއްވަވާނެ މަތިވެރި ނިޢްމަތެވެ.

މިއަދު އޮންލައިން