7 ވަނައުޑުން ރަސޫލް (ޞޢވ) އަށް "ﷲ ގެ އަޅާ" ގެ ނަންފުޅުން ވަހީކުރެއްވެވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
7 ވަނައުޑުން ރަސޫލް (ޞޢވ) އަށް "ﷲ ގެ އަޅާ" ގެ ނަންފުޅުން ވަހީކުރެއްވެވީ ކީއްވެ؟

އިންސާނަކަށް ދެއްވެވި އެންމެ މަތީ ދަރަޖަ ދެއްވަވާފައިވަނީ ލޮބުވެތި ނަބިއްޔާ މުޙައްމަދު (ޞޢވ) އަށެވެ. އެއީ ދިރިހުންނަވަނިކޮށް މިޢްރާޖެގެ ދަތުރުފުޅުގައި އެންމެ މަތީ އުޑަށް އުފުއްލަވައި ﷲ ތަޢާލާ ސީދާ ބަސްފުޅުވަޙީ ކުރެއްވެވުމެވެ. 

އެ ރޭ، އެ ވަގުތުގައިވެސް ރަސޫލް (ޞޢވ) އަށް ﷲ ތަޢާލާ ވަޙީ ކުރެއްވެވީ ﷲގެ ރަސޫލް ނުވަތަ ﷲ ގެ ނަބިއްޔާއެއް ނޫނެވެ. ވަޙީ ކުރެއްވެވީ ﷲ ގެ އަޅާ ކަމަށެވެ. ﷲގެ ރަސޫލް، ﷲގެ ނަބިއްޔާ، މުޙައްމަދު، އަޙްމަދު ފަދަ ނަންފުޅުތައް ހުއްޓައެވެ. ވީމާ ﷲ ގެ އަޅާ އެއީ ކޮންމެ މީހަކަށްވެސް ލިބޭނެ އެންމެ މަތިވެރި ފަޚުރާއި ޝަރަފެވެ. 

ތިމާޢަކީ ﷲ ތަޢާލާގެ އަޅާ ކަމަށް ޤަބޫލުކޮށްގެން ހުންނަ މީހަކު، އެމީހަކަށް އިތުރު ދަރަޖައެއް ނުލިބިގެން އެކަމާއިމެދު ކަންބޮޑުވެގެނެއް ނުއުޅޭނެއެވެ. "ﷲގެ އަޅާ" ކަމަށްވުމުން ފުދި އިތުރުވެސް ވާނެއެވެ. ތިމާއަކީ "ﷲގެ އަޅެއް" ކަމަށް ޤަބޫލުކޮށްގެން ހުންނަ މީހާ އަބަދުވެސް ހުންނާނީ ސީދާ މަގުގައެވެ. އިސްލާމް ދީނުގެ މަގުން ކައްސާލައިގެން އެދެވެނީ ތިމާއަކީ ﷲ ތަޢާލާގެ އަޅެއް ކަމަށް ޤަބޫލު ނުކުރެވޭތީއެވެ. 

ޙަޤީޤަތުގައި ދުނިޔޭގައި މީސްތަކުން ލައްވަވާފައި މިވަނީ ﷲ ތަޢާލާގެ އަޅެއްގެ މަޤާމު އަދާކުރުމަށެވެ. އެ މަޤާމުގެ ވަޒީފާއަކީ ﷲ ތަޢާލާއަށް އަޅުކަންކުރުމެވެ. އަޅުކަން ނުކުރެވޭނަމަ އެއިގެ މާނައަކީ އެމީހަކާއި ޙަވާލުކުރެއްވެވި ވަޒީފާ އަދާނުކުރެވޭ ކަމެވެ. ވީމާ ދުނިޔޭގައި ހޭދަކުރާ ކުރު މުއްދަތުގައި "ﷲގެ އަޅާ"ގެ މަސްއޫލިއްޔަތުތަކަށް ފަރުވާތެރިވާށެވެ! މަރުވުމުން އަރާމާއި އުފާ އޮތީ އެފަދަ މީހުންނަށެވެ.

 

- އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން