ﷲ އަށް ގޮން ޖަހައި ކުށްވެރިވާ އުމުރު ކަނޑަޅާއިރު މަޖިލީހުން ކަނޑައެޅި ބައްޔަށް ފަރުވާ ނުލިބި ތިބެ 800 މީހުން އެދަނީ އިތުރަށް ބަލިވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ﷲ އަށް ގޮން ޖަހައި ކުށްވެރިވާ އުމުރު ކަނޑަޅާއިރު މަޖިލީހުން ކަނޑައެޅި ބައްޔަށް ފަރުވާ ނުލިބި ތިބެ 800 މީހުން އެދަނީ އިތުރަށް ބަލިވަމުން!

ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި ކުޑަކުދިން ކުށް ކުރުމުން ކުށްވެރިވާ އުމުރު ކަނޑައަޅަން ޖެހޭނީ އެ އުމުރުގައި ކުށް ކުރުމުން ޒިންމާ އުފުލަން ޖެހޭނެ ފަރާތެއް ދެއްކުމަށްފަހުގައެވެ. މީހުން މެރުމުގަ އާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ފަދަ އަދި ވައްކަން ކުރުން ފަދަ ކުށްތައް ކުރުމުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ފަރާތެއް ދައްކަން ޖެހޭނެއެވެ.  

ސަބަބަކީ ކުށް ކުރީ މަޖިލީހުން ފާސްކުރާ ޤާނޫނު ބުނާ ކުޑަކުއްޖަކަށްވުމުން ކުއްޖާއަށް ލުއިތަކެއް ލިބޭއިރު ކުއްޖާ ހަމަލާ ދިން މީހާ އޮންނަނީ މަރުވެފައެވެ. ވައްކަން ކުރުމުން ތަކެތި ގެއްލުނު ފަރާތަށް އެކަމުގެ ގެއްލުން ލިބެއެވެ. މަސްތުވާތަކެތި ވިއްކުމުން މުޖުތަމައު ދަނީ ހަލާކުވަމުންނެވެ.

އިސްލާމް ދީނުގައި އޮތީ ބާލިޣްވުމުން ކުޑަ ކުއްޖެއްގެ ޙުކުމް ނުހިނގާނެ ކަމަށެވެ. ބާލިޣްވަންދެން ބެލެނިވެރިން ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ. ވީމާ އިސްލާމްދީނުގައި އޮތް ގޮތަށްވުރެ މޮޅު ގޮތެއް މަޖިލީހަށް ފެނިގެން ޤާނޫނު ފާސްކުރާނަމަ އެކަންކަމުގެ ޒިންމާ އުފުލަން ޖެހޭނެ ފަރާތެއް ދައްކަން މަޖިލީހަށް ޖެހޭނެއެވެ. ނުދެއްކޭ ނަމަ އެކަމުގެ ޒިންމާ އުފުލަން މަޖިލީހަށް ޖެހޭނެއެވެ.  

ހަމަ އެއާއިއެކު ބާލިޣްވެފައި ތިބޭ ކުދިންގެ މައިންބަފައިންނަށް އެކުދިން ނުބެލެހެއްޓިގެން ދައުލަތުގެ އެހީއަށް އެދިއްޖެ ނަމަ އެފަދަ ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ސަރުކާރުގެ ތެރެއިން ހަމަޖައްސައިދޭން ސަރުކާރަށް ޖެހޭނެއެވެ. ނަމަވެސް މިފަދަ އެއްވެސް އިންތިޒާމެއް އަދި މިހައިތަނަށްވެސް ހަމަޖައްސާފައެއް ނުވެއެވެ.  

މަސްތުވާތަކެތި ބޭނުންކުރުމުން އެއީ ކުށެއް ނޫން ކަމަށާއި ބައްޔެއްކަމަށް ޤާނޫނު ފާސްކޮށް އަމަލުކުރާއިރު ޤާނޫނުގެ ދަށުން ބަލީގެ ފަރުވާ ލިބެންޖެހި ފަރުވާ ނުލިބޭ މީހުންގެ އަދަދު މިހާރުވެސް 600 އާއި 800 އާއި ދެމެދަށް އަރާފައި އޮތުމުން ޤާނޫނުތައް ފާސްކުރުމަކުން ކަންކަން ޙައްލު ނުވާކަން މިދަނީ ފެންނަމުންނެވެ. މަޖިލީހުން ފާސްކުރި ޤާނޫނުގައި ބުނާ ބަލިމީހުންނަށް ފަރުވާ ނުލިބި ތިބެ އެދަނީ އިތުރަށް ބަލިވަމުންނެވެ.  

މަޖިލީހުން ބުނާ އެބަލި ޖެހުމުން ކުރެވޭ ޖިނާޢީ ކުށްތައް ބައްޔަށް ފަރުވާ ނުލިބުމުގެ ސަބަބުން އެދަނީ ކުރެވެމުންނެވެ. އެއިގެ ތެރޭގައި ލިބެން ހުރި ބޭސް (މަސްތުވާތަކެތި) ހޯދަން ހަށި ވިއްކުމާއި ވައްކަން ކުރުމާއި ފޭރުމާއި މާރާމާރީ ހިންގުން ހިމެނެއެވެ.  

ވީމާ މީރުކޮށް ކާލައިގެން ބޮޑު މުސާރަ ނަގަމުން ފާސްކުރާ ޤާނޫނުތަކަކީ އެ ޤާނޫނުތަކުގެ ނަތީޖާ ނެރެވި މުޖުތަޢުއަށް އެކަމުގެ ފައިދާ ކުރާނެ ޤާނޫނުތަކަކަށް ހަދަން އަދިވެސް ނުޖެހެނީތޯއެވެ!

މިއަދު އޮންލައިން