ﷲ ގެ އެހީތެރިވެވޮޑިގަތުން ބޭނުން ނަމަ އެންމެ ފަސޭހަ އެއްމަގު: އެހެން މީހަކަށް އެހީވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ﷲ ގެ އެހީތެރިވެވޮޑިގަތުން ބޭނުން ނަމަ އެންމެ ފަސޭހަ އެއްމަގު: އެހެން މީހަކަށް އެހީވާށެވެ!

ﷲ ތަޢާލާގެ އެހީތެރިވަންތަކަން ބޭނުން ހެއްޔެވެ؟ ދެއްވަވާ ނިޢްމަތްތައް އިތުރުކުރަން ބޭނުން ހެއްޔެވެ؟ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ބޭނުން ހެއްޔެވެ؟ އެހެންކަމަށްވާނަމަ އަވަހަށް އެހެން މީހަކަށް އެހީތެރިވެދޭށެވެ! އެހެން މީހުންނަށް އެހީތެރިވެދޭނަމަ އެމީހަކަށް ﷲ ތަޢާލާ އެހީތެރިވެވޮޑިގެންދެއްވަވާނެތެވެ. 

ހަމައެކަނި އެހީތެރިވެވޮޑިގަންނަވަނީއެއް ވެސް ނޫނެވެ. އެމީހާ މީހަކަށް އެހީތެރިވި ވަރަށްވުރެ މާ ބޮޑަށް ﷲ ތަޢާލާ އެމީހަކަށް އެހީތެރިވެވޮޑިގަންނަވާނެތެވެ. ﷲ ތަޢާލާ މީސްތަކުންނަށް ރަޙްމަތް ލައްވަވަނީ އެއްވެސް އިމެއް ނެތިއެވެ. މިނެއް ނެތިއެވެ. އެމީހަކަށް ހޯދަން ކެރުނު ވަރަކަށެވެ. ހޯދަން އެމީހަކު މަސައްކަތްކުރި ވަރަކުންނެވެ. 

މަގުމަތިން ކާރުގައި ދަމުން ހިނގާފައިދާ މީހަކަށް އެމީހާގެ ދަތުރަށް އިތުރު ވަގުތު ހޭދަކުރަން ނުޖެހޭ ގޮތަށް ނަމަވެސް މަގުކުރުކޮށްލައި ދިނުމަކީވެށް މީހަކަށް އެހީތެރިވުމެވެ. މިސްކިތުން ފައިބާއިރު މީހެއްގެ ފައިވާން ދުރުގައި ހުރިނަމަ ކައިރިކޮށްލް ދިނުމަކީވެސް މީހަކަށް އެހީތެރިވުމެވެ. މާނައަކީ މީހަކަށް އެހީތެރިވެދެވެން އޮތް ކޮންމެ ކަމަކުންވެސް އެހީތެރިކަން ފޯރުކޮށްދޭށެވެ! ބޮޑު ކަމެއް ކޮށްދެވެން ނެތް ނަމަ ކިތަންމެ ކުޑަ ކަމަކުން ނަމަވެސް އެހީތެރިވެދޭށެވެ! 

އެކަން އެމީހަކަށް ގެއްލިގެނެއް ނުދާނެއެވެ. އެމީހަކު މީހަކަށް އެހީތެރިކަން ފޯރުކޮށްދިން ވަރުގެ އެތައް ގުނައެއް އިތުރަށް ﷲ ތަޢާލާ އެހީތެރިވެވޮޑިގަންނަވާނެތެވެ. ވީއިރު ކުރަންވީ އެކަމެއް ނޫން ހެއްޔެވެ؟ އަހަރެމެން އެއްވެސް މީހަކީ ކޮން ބާރެއް ހުރި މީހެއް ހެއްޔެވެ؟ ކޮންމެ ކަމަކަށް ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން ބޭނުންވާ ބައެއް ނޫން ހެއްޔެވެ؟

ހިތާމައަކީ އެހީތެރިވުމުގެ މާނަ އޮޅުވާލައިގެން އުޅެވޭ ކަމެވެ. އެހީތެރިވުމަކީ ހަމައެކަނި ބޮޑެތި ކަންކަމުގައި އެހީތެރިވެދިނުން ކަމަށް ބަލައި ކުދިކުދި ކަންކަމުގައި އެހީތެރިވުން ދޫކޮށްލެވިގެން އުޅެވޭ ކަމެވެ. އެކަން ބަދަލުކުރަން އެބަ ޖެހެއެވެ. އަހަރެމެންގެ ދިރިއުޅުން ފުރިހަމަވާނީ އެއިރުންނެވެ. އާޚިރަތް ލިބޭނީ އެއިރުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން