ޓެގު އެޅުވުމަށްފަހު އަދީބު އަލުން ގޭބަންދަށް ބަދަލުކޮށްފި!

ކިޔުމަށް ހޭދަވާނީ 1މ 14ސ
ޓެގު އެޅުވުމަށްފަހު އަދީބު އަލުން ގޭބަންދަށް ބަދަލުކޮށްފި!

ގޭ ބަންދުގައި ހުއްޓާ، ޓަގު ބޯޓެއްގައި ފިލައިގެން އިންޑިއާއަށް އެތެރެވާން އުޅެނިކޮށް، ރާއްޖެ ގެނެސް ހައްޔަރު ކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދުވަސްތަކެއް ވަންދެން ހޮސްޕިޓަލުގައި އޮތުމަށް ފަހު، ޓެގު އަޅުވާ، އަނެއްކާވެސް ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އަދީބު ގޭ ބަންދަށް ބަދަލު ކުރީ ރޭގެ ވަގުތެއްގަ އެވެ. ހިޔާނާތުގެ މައްސަލައެއްގައި މާފުށީ ޖަލުގައި ހުއްޓާ، ޖަލު ގޮޅީގެ ފާހާނާ ތެރެއަށް ވެއްޓިވަޑައިގަތުމުން ލިބުނު އަނިޔާއަށް ފަރުވާ ހޯއްދެވުމަށް މިދިޔަ ދުވަސްތަކުގައި އެމަނިކުފާނު އޮންނެވީ އައިޖީއެމްއެޗް ގައެވެ.

އަދީބު ގޭބަންދަށް އަލުން ބަދަލުކުރިކަން ކަރެކްޝަންސް އިންވެސް ވަނީ ޔަގީން ކޮށްދެއްވާފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އަދީބު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މަނީ ލޯންޑަރިން މައްސަލާގައި އެމަނިކުފާނާ ދެކޮޅަށް ހެކިބަސް ދެއްވާފަ އެވެ. ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ ޖަލުގައި އޭނާގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށާއި ކާނާއަށް ވިހަލާނެ ކަމުގެ މައުލޫމާތުތަކެއްވެސް ލިބިފައިވާ ކަމަށެވެ.

ޔާމިން ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރެއްގެ މަގާމުގައި ހުންނެވިއިރުއާއި ނައިބު ރައީސްކަން ކުރެއްވިއިރު، ރައީސް ޔާމީންގެ އެންގެވުމަށް ޤާނޫނާއި ޚިލާފު އެތައް ކުށެއް ކުރެއްވި ކަމަށް ވެސް އެޝަރީއަތުގެ މަޖިލީހުގައި އަދީބު އިއުތިރާފްވެ ވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން