ބައިވެރިޔާއަށް މަކަރު ހަދަމުން "އައިލަވްޔޫ" ކިޔައި އޮޅުވާލާ އުޞޫލުން "ބިސްމިﷲ" ކިޔައި އޮޅުވައެއް ނުލެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ބައިވެރިޔާއަށް މަކަރު ހަދަމުން "އައިލަވްޔޫ" ކިޔައި އޮޅުވާލާ އުޞޫލުން "ބިސްމިﷲ" ކިޔައި އޮޅުވައެއް ނުލެވޭނެ!

ކޮންމެ ދުވަހަކު ތަފާތު 5 ވަގުތުގައި އަހަރެމެން ނަމާދުކުރަމުއެވެ. އެހެންކަމުން ފަތިހު ހޭލީންސުރެ ރޭގަނޑު ނިދުމާއި ހަމައަށް މިކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ އެންމެ ކުރު ޖަވާބަކީ ﷲ ތަޢާލާ ހަނދުމަކުރަނީއެވެ.

 

އަދި މިވަރަކުން ވެސް ނުފުދެވެ. ކިތަންމު ކުޑަ އެއްޗެއް ކެއި ނަމަވެސް ބުއި ނަމަވެސް ބިސްމިﷲ ކިޔަން އެބަ ޖެހެއެވެ. މިކުރަނީ ކީއް ހެއްޔެވެ؟ ﷲ ތަޢާލާ ހަނދުމަކުރަނީ ނޫން ހެއްޔެވެ؟ އަދިވެސް އެތެރެއަށް ޖެހިލަމާހެއްޔެވެ؟ ނިދުމުގެ ކުރިން ދެމަފިރިން ބައްދަލުކޮށް އުފާޙާޞިލުކުރަނީ ވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމާއިއެކުގައެވެ. ހެޔޮ ދުޢާ ކުރަމުންނެވެ. ކިޔަވަންޖެހޭ ޛިކްރުތައް ކިޔަވަމުންނެވެ.

 

ޖުމުލަކޮށްލާފައި ބުނާނަމަ އަހަރެމެން ކުރާ ކޮންމެ އަމަލެއް ވެސް ކުރަން ޖެހެނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމާއިއެކުގައެވެ. ޛިކުރު ކުރަމުންނެވެ. މިހިސާބުން ބައެއް މީހުންގެ ހިތުގައި އުފެދޭ ސުވާލަކީ ކުރާ ކޮންމެ ކަމެއް ﷲ ތަޢާލާ އާއި ގުޅުވަން ޖެހޭ ހެއްޔެވެ؟ އެކަމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

 

މީސްތަކުންނޭވެ! އެއީ ވަރަށް މަތިވެރި މަޤްޞަދެއްގައި ކުރަން ޖެހޭ ކަމެކެވެ. އެއީ ސުވަރުގެ ޙާޞިލުކުރަން ކުރާ މަސައްކަތުގެ ބައެކެވެ. ނަރަކައިން ސަލާމަތްވުމަށް ކުރާ މަސައްކަތުގެ ބައެކެވެ. ދުނިޔެ އާއި އާޚިރަތް ހޯދަން ކުރާ މަސައްކަތުގެ ބައެވެ. އެކަމާއި ނުގުޅޭ އެއްވެސް ކަމެއް ނުހިނގާނެއެވެ. އަދި ނުވެސް އޮންނާނެއެވެ. ޛިކްރު ކުރުން ގިނަ ވުމަކީ ހެޔޮ ކަމުގެ ދޮރުތައް އެމީހަކަށް ހުޅުވިގެންދާ އެންމެ ބޮޑު އެއް ސަބަބެވެ.

 

ކޮންމެ ދުވަހަކު އެތައް ފަހަރަކު މިކަންކަމަށް ވިސްނައި ތަޤްވާވެރިކަން އިތުރުކުރަމުން ގެންދިއުމުގެ ފުރުޞަތު ﷲ ތަޢާލާ ދެއްވަވާފައި މިވަނީ މި ބަޔާންކުރި ސަބަބުތަކަށްޓަކައެވެ. ނަމަވެސް ގިނަ ބައަކު މިކަން ހަނދާނެއް ނުކުރެއެވެ. އިރު އަރައި އިރުއޮއްސި އަދި އެންމެފަހުން އެދުވަހު ކުރަން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށް ނިންމުމަށްފަހު ނިދަން އޮށޯންނައިރުވެސް ﷲ ތަޢާލާގެ މަތިން ހަނދާން ކޮށްލާނެ ވަގުތުކޮޅެއް ލިބޭ ކަމަކަށް ނުވެއެވެ. އެންމެ އަޖައިބު ކަމަކީ ކާން ފަށަމުން ނުވަތަ ނުވަތަ އެނޫންވެސް ކަމެއް ކުރަން ފަށަމުން ބިސްމިﷲ ކިޔުނު ނަމަވެސް މިކިޔޭ އެއްޗަކާއި މިކިޔަ ސަބަބު ހިތަށް ނުގެނެވޭ ކަމެވެ.

 

ބައެއް މީހުން ބުނެ އުޅެއެވެ. ދެމަފިރިން އެކަކު އަނެކަކަށް މަކަރު ހަދަމުން ދުނިޔޭގައި އުޅުނު ނަމަވެސް އެކަކަށް އަނެކަކު ފެނުމުން އައިލަވްޔޫ ކިޔާނެއެވެ. އެއީ މަކަރު ހަދަން ފެށުމުގެ ކުރިން އެހެން ކިޔަން އާދަވެފައި ހުރުމުންނެވެ. އަދި އެކަކު އަނެކަކަށް ހަދާ މަކަރުތައް ފޮރުވުމުގެ ބޭނުމުގައެވެ.

 

ބިސްމިﷲ ވެސް ގިނަ ބައަކު މިކިޔަނީ އެފަދަ ގޮތަކަށެވެ. ކުޑައިރުންސުރެ މައިން ބަފައިން ކިޔަން އާދަކޮށްދީފައި ހުރުމުން ކިޔެނީއެވެ. މިކުރެވެނީ ކޮން ކަމެއް ކަމަށް ވިސްނައިގެން ކިޔަނީއެއް ނޫނެވެ. އެފަދަ މީހުންނަށް އެ ކިޔާ ކިޔުމުގެ ފައިދާ ކުރާނެ ކަމަށް ބުނެވޭކަށް ނެތެވެ. ކޮންމެ އަޅުކަމެއްވެސް ހިތާއި ގުޅިފައިވާތީއެވެ. ކިޔާމީހާގެ ހިތް އަހަރެމެންނަށް ނުފެނުނު ނަމަވެސް އަޑުއައްސަވައި ވޮޑިގެންވާ ﷲ ތަޢާލާ ހަމަ އެމީހާގެ ހިތްވެސް ދެނެވޮޑިގެންވެއެވެ.

 

ކޮންމެ ކަމެއް ކުރަން ފަށަމުން މާނަ ހިތަށް ގެނައުމާއިއެކު "ބިސްމިﷲ" ކިޔާ މީހާއަށް ހީވެސް ނުކުރެވޭހައި ގޮތްގޮތުން މަގުފަހިކޮށްދެއްވަވާނެތެވެ! ހަމައެކަނި ދުލުން ކިޔައިލާ ގޮތަކަށް ނޫނެވެ. މާނަ ހިތްމައްޗަށް ގެނައުމާއިއެކު ކިޔަމުން ގެންދިއުމުންނެވެ.

 

މީސްތަކުންނޭވެ! ޙާލަތު މިވަނީ ބަދަލުކުރަން ޖެހިފައެވެ. ކަންކަމުގައި ސާބިތުވާން ޖެހިފައެވެ. ނަރައިން ސަލާމަތްވެވި ސުވަރުގެ ވަދެވޭނީ އެއިރުންނެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން