ސުވަރުގޭގެ އެންމެ ދަށު ދަރަޖަ ސިފަކުރަން ބޭނުންނަމަ ދުނިޔޭގަ ހުރި އެންމެ ފުރިހަމަ ބިނާއަށްވުރެ އެއްހާސް ދަރަޖަ މަތި ހިތަށް ގެންނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ސުވަރުގޭގެ އެންމެ ދަށު ދަރަޖަ ސިފަކުރަން ބޭނުންނަމަ ދުނިޔޭގަ ހުރި އެންމެ ފުރިހަމަ ބިނާއަށްވުރެ އެއްހާސް ދަރަޖަ މަތި ހިތަށް ގެންނާށެވެ!

ބައެއް މީހުން ސުވަރުގެ ސިފަކުރަން ބޭނުންވެގެން އެކަމަށް އެދެއެވެ. ސުވަރުގެ ހުންނާނެ ގޮތް އެނގެން އޮތީ ހަމައެކަނި ކީރިތި ޤްރުއާނާއި ޙަދީޘްފުޅުންނެވެ. އިތުރަށް މީހަކަށް ބުނެދެވޭނެ އެއްވެސް ކަމެއް ނެތެވެ. ސުވަރުގެ އުފެއްދެވި ﷲ ތަޢާލާ އެވަނީ ކީރިތި ޤްރުއާނުގައި އެކަންކަން ވަރަށް ތަފްޞީލްކޮށް ބަޔާންކޮށް ދެއްވަވައިފައެވެ. ހަމައެކަނި އައްރަހްމާން ސޫރަތަށް ބަލައިލި ނަމަވެސް ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެއެވެ.

 

ދެން ބަލައިލަންވީ ރަސޫލް (ޞޢވ) އަށެވެ. ދުނިޔެއަށް ﷲ ތަޢާލާ އުފަން ކުރެއްވެވި އެންމެހައި މީސްތަކުންގެ ތެރެއިން ސުވަރުގޭގެ އެންމެހައި ނިޢްމަތްތައް އަމިއްލަ ލޯފުޅަށް ފެނިވަޑައިގަތުމުގެ ނަޞީބު ލިބިވަޑައިގަތުމަށްފަހު އަލުން އެނބުރި ދުނިޔެއަށް ވަޑައިގެން މީސްތަކުންނަށް އެވާހަކަތައް ބަޔާންކޮށްދެއްވެވުމުގެ ފުރުޞަތު ނުވަތަ ނަޞީބު ލިބިވަޑައިގަތީ ހަމައެކަނި ރަސޫލް (ޞޢވ)އަށެވެ. ރަސޫލް (ޞޢވ) ވަނީ ފެނިވަޑައިގެންނެވި ކަންކަމުގެ ތެރެއިން ގިނަ ކަންތައްތަކެއް ބަޔާންކޮށް ދެއްވަވައިފައެވެ.

 

މީސްތަކުންނޭވެ! ސުވަރުގޭގެ ނިޢްމަތްތަކާއި ނަރަކައިގެ ޢަޛާބް ސިފަ ކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ސުވަރުގެ ސިފަކުރަން ބޭނުންނަމަ ދުނިޔޭގައި ހުރި އެންމެ ފުރިހަމަ ބިނާ ހިތަށް ގެންނާށެވެ! އެއަށްފަހު އެބިނާއަށްވުރެ 1000 ދަރަޖަ މަތިން ސުވަރުގޭގެ އެންމެ ދަށު ދަރަޖަ ވިސްނާށެވެ! އެންމެ މަތީ ދަރަޖަތައް ޚިޔާލަށްވެސް ނުގެނެވޭނެއެވެ. ސުވަރުގޭގެ މަތީ ދަރަޖަތައް ހަމައެކަނި ލޮލަށް ފެނުނު ނަމަވެސް އެމީހާގެ ކަޅި ހުއްޓޭނެއެވެ. އަންތަރީސްވެފައި އެތައް އަހަރެއް ވަންދެން ހުރެވޭނެއެވެ.

 

ދެން އޮތީ ނަރަކައިގެ ޢަޛާބުގެ ގަދަފަދަ ކަމުގެ ވާހަކައެވެ. ކީރިތި ޤްރްއާނާއި ޙަދީޘްފުޅުތަކުން އެނގެން އޮތް މިންވަރަކަށް ނޫނީ ހަމަ އެއްވެސް ކަމެއް ނުއެނގޭނެއެވެ. ކޮންމެއަކަސް އެންމެ މުހިންމު ކަމަކީ ސުވަރުގެ ވަނުމަށް ޝައުޤުވެރިވުމާއި ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށް ބިރުގަތުމެވެ. ތާއަބަދު ﷲ ތަޢާލާ ހަނދުމަކުރުންމަތީގައި ތިބެން މިޖެހެނީ ހަމަ މި ސަބަބަށްޓަކައެވެ. ސުވަރުގެ ވަނުމުގެ ޝައުޤުވެރިކަން އަމިއްލަ ހިތުގައި އުފެއްދުމާއި ނަރަކައަށް ބިރުވެތިކަން އުފއްދުމެވެ.

 

ސުވަރުގެ ދިއުމަކީ ހަމައެކަނި ސުވަރުގެ ދިއުމުގެ ވާހަކަ ދައްކައިގެން ޙާޞިލްކުރެވޭނެ ކަމެއް ނޫނެވެ. ސުވަރުގެ ދެވޭނީ އެކަން ހާމަކޮށް އަމަލުކޮށްގެންނެވެ. ދުލާއި ހަށިގަނޑުގެ އެހެން ގުނަވަންތަކުންވެސް ސުވަރުގެ ދާން މަސައްކަތް ކުރުމުންނެވެ. މިސާލަކަށް އަތުން މަސައްކަތްކުރަނީ އެވެ. އެ މަސައްކަތް ކުރަމުން ކޮންމެވެސް ހެޔޮ އެއްޗެއް ދުލުން ނުކިޔަވަންވީ ކީއްވެގެން ހެއްޔެވެ؟ ޞަޙާބީން ސުވަރުގެ ހޯއްދަވަން މަސައްކަތްޕުޅު ކުރެއްވެވީ ހަމައެފަދައިންނެވެ. އަހަރެމެންނަށް ވެސް އޮތީ ހަމައެމަގުން ކުރިއަށް ދިއުމެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން