ކީރިތި ޤްރުއާނަށް އިންކާރު ނުކުރެވޭނެ ކަމުގެ ހެކި ކީރިތި ޤްރުއާނުން‍ -1: ދިރޭ ތަކެތި އުފެއްދެވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ކީރިތި ޤްރުއާނަށް އިންކާރު ނުކުރެވޭނެ ކަމުގެ ހެކި ކީރިތި ޤްރުއާނުން‍ -1: ދިރޭ ތަކެތި އުފެއްދެވުން!

އިންސާނުންނާއި އެންމެހައި ދިރޭ ތަކެއްޗަށް ފެނަކީ ކޮންމެހެން ބޭނުން އެއްޗެއްކަމުގައި އެންމެންވެސް އަދި އަބަދުވެސް ޤަބޫލުކުރިއެވެ. މީގެ 1400 އަހަރުކުރިން ﷲ ތަޢާލާ ވަނީ ކީރިތި ޤްރުއާނުގައި ވަރަށް މުހިއްމު ކަމެއް ބަޔާން ކުރައްވަވައިފައެވެ. އެއީ އެންމެހައި ދިރޭ ތަކެތި އުފެއްދެވީ ފެނުން ކަމަށެވެ. 

"ހަމަކަށަވަރުން، އުޑުތަކާއި، ބިން، އެކަތިގަނޑަކަށްވެފައިވަނިކޮށް، ފަހެ، ތިމަންރަސްކަލާނގެ އެދޭތި ވަކިކޮށްލެއްވިކަން، ކާފިރުވި މީހުން ނުދަންނަނީ ހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ. ފަހެ، އެއުރެން އީމާން ނުވަނީ ހެއްޔެވެ؟" (އަލްއަންބިޔާ: 30) 

"ތިމަން ރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ." މިކަމުން އެނގެނީ ހުރިހާ ދިރޭ ތަކެތިވެސް އުފެއްދެވީ ފެނުން ކަމަށެވެ. އެއިރު މިބާވަތުގެ އެއްވެސް ކަމެއް އެނގޭނެ ހަމަ އެކަކުވެސް ނެތެވެ. ސައިންސްވެރިންނެއް ނެތެވެ. މިއަދު ސައިންސްވެރިން އުފެދި އެމީހުންގެ ތަހްލީލްތަކުން މިވަނީ މިކަންވެސް މިއީ 100 އިންސައްތަ ތެދު ޙަޤީޤަތެއްކަން ސާބިތުވެފައެވެ. 

ދެން ނިކަން މިއާޔަތަށް ވިސްނައިލަބަލާށެވެ. 

"ހަމަކަށަވަރުން، ފާޅުވެގެންވާ ހެކިތަކާއެކު ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެ ރަސޫލުންނާއެކު، ފޮތާއި، ޢަދުލުއިންޞާފް ގެ ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން ޢަދުލު އިންބާފް ޤާއިމު ކުރުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ ދަގަނޑު ބާވައިލެއްވީމެވެ. އޭގައި ނުހަނު ގަދަފަދަކަމާއި، މީސްތަކުންނަށް މަންފާތަކެއްވެއެވެ. އަދި އެއީ ނުފެންނަތާނގައި ﷲ އާއި، އެކަލާނގެ ރަސޫލުންނަށް ނަޞްރު ދެނީ ކާކުކަން ﷲ ދެނެވޮޑިގެންވެ، އެކަން އެންގެވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲ އީ، ބާރުވެރިވަންތަ، ޢަޒީޒް ވަންތަ ރަސްކަލާނގެއެވެ." (އަލްޙަދީދް: 25) 

މިއާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވަވާފައި އެވަނީ ދަގަނޑަކީ ދުނިޔެ އުފެއްދެވިއިރު ބިމުގައި ލެއްވެވި އެއްޗެއް ނޫން ކަމާއި ފަހުން ބާވައިލެއްވެވި އެއްޗެއް ކަމެވެ. މިއަދުގެ ސައިންސްވެރިން މިކަމަށް ހެކިވެ އެއްބަސްވެއެވެ. ސައިްނސުގެ ހޯދުންތަކުން އެކަން ވަނީ ސާބިތުކުރެވިފައެވެ. 

މިފަދަ ކިތަންމެ ކަންކަމެއް ކީރިތި ޤްރުއާނުން ފެންނަން އެބަހުއްޓެވެ. ސައިންސްވެރިން ހޯދިވަރަކަށް ދަނީ އިތުރު ކަންކަން ފެންނަމުންނެވެ. ހިތާމައަކީ މިފަދަ ބޮޑެތި ހެކިތައް ފެންނަމުންދާއިރުވެސް ފިކުރީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުން އެކަންކަމަށް އިންކާރުކުރާ ކަމެވެ. އެއީ ހަމަ އެމީހުންގެ ހުރި ޖާހިލުކަން ބޮޑުކަމުންނެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން