"އަހަރެންނަކީ ހިންދޫއެކެވެ. ދުނިޔޭގައި ތަފާތު އެތައް ބައިވަރު ދީންތަކެއް އެބައޮތެވެ. އެތައް ބައިވަރު ދީންތަކަށް މީހުން އުޅެއެވެ. ނަމަވެސް ދުނިޔޭގައިވާ ހުރިހާ އިންސާނުން އުފައްދަވާ ގޮތަށް ބެލުމުން ހުރިހާ އިންސާނުން އުފެއްދެވީ އެއް ފަރާތަކުން ކަން އެބަ އެނގެއެވެ. އެއީ ބޭރުފުށުންނާއި ސައިޒު ތަފާތު ނަމަވެސް ހުރިހާ އިންސާނުންގެ ގުނަވަންތަކާއި ގުނަވަންތަކުގެ ފަންކްޝަންތައް އެއްގޮތް ވުމުންނެވެ.
މިސާލަކަށް ލޮލުން ނޫން ތަނަކުން ބަލާ އެކަކުވެސް ނެތެވެ. ކަންފަތުން ނޫންތަނަކުން އަޑުއަހާ މީހަކު ނެތެވެ. ހިތާއި އެތެރެހަށީގެ ގުނަވަންތަކުން އެންމެންގެވެސް ކުރަނީ އެއް މަސައްކަތެކެވެ. އެންމެންވެސް ނޭވާލަނީ ފުއްޕާމޭ ބޭނުންކޮށްގެންނެވެ. މިހެންގޮސް ހަށިގަނޑުގެ ހުރިހާ ކަންކަން މިހުރީ އެއްގޮތަކަށެވެ. ވީމާ ހުރިހާ އިންސާނުން އުފެއްދެވީ އެއް ފަރާތަކުންކަން ވަރަށް ރަނގަޅަށް އެބަ އެނގެއެވެ. ސުވާލަކީ ހަމަ މިހުރިހާ ކަމަކާއިއެކުވެސް ތަފާތު ދީންތަކަށް މީހުން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟"
އޭނާ އަށް ޖަވާބު ދެއްވަމުން ޑރ. ޒާކިރު ނައިކް ވިދާޅުވިއެވެ.
"ދީނަކީ ހަމަ އެއް ދީނެކެވެ. ހުރިހާ އިންސާނުން އުފެއްދެވި ﷲ ތަޢާލާ ވަނީ އެކަން ބަޔާން ކުރައްވަވައިފައެވެ.
"ހަމަކަށަވަރުން، ﷲ ގެ ޙަޟްރަތުގައި، ދީނަކީ، އިސްލާމް ދީނެވެ. އަދި، ފޮތް ލިބުނުމީހުން އެއުރެންނަށް (ޙައްޤު ގޮތް) އެނގުމަށްފަހުގައި މެނުވީ، އެއުރެން ޚިލާފް ވެއެއް ނުގަނެތެވެ. (އެއީ) އެއުރެންގެ މެދުގައިވާ ހަސަދަވެރިކަމުގެ ގޮތުންނެވެ. ﷲ ގެ އާޔަތްތަކަށް ކާފިރު ވާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ އީ، ޙިސާބު ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ." (އާލްއިމްރާން: 19)
ﷲ ތަޢާލާ ވަރަށް ގިނަ އަދަދެއްގެ ރަސޫލް ބޭކަލުން ފޮނުއްވެވިއެވެ. ނަމަވެސް ދީން އޮތީ ހަމަ އެއް ދީނުގެ ގޮތުގައެވެ. އެއީ އިސްލާމް ދީނެވެ. މީސްތަކުން އަމިއްލައަށް ކަންކަން ބަދަލުކުރަނީއެވެ. އެންމެފަހުގެ ރަސޫލް ބޭކަލަކީ މުޙައްމަދު (ޞޢވ)އެވެ. އެންމެފަހުން ބާވައިލެއްވެވި ފޮތަކީ ކީރިތި ޤްރުއާނެވެ.
ކުރިން ރަސޫލް ބޭކަލުން ފޮނުއްވެވުނީ ވަކި މުޖުތަމައުތަކަކަށެވެ. ފޮތް ބާވައިލެއްވެވީ ވަކި ޤައުމުތަކަކަށެވެ. ނަމަވެސް އެންމެ ފަހުގެ ރަސޫލާ މުޙައްމަދު (ޞޢވ) ފޮނުއްވެވުނީ އެންމެހައި މީސްތަކުންގެ ގާތަށެވެ. ކީރިތި ޤްރުއާން ބާވައިލެއްވެވުނީ އެންމެހައި މީސްތަކުންނަށެވެ.
ދެން ބަލައިލަންވީ ހިންދޫންގެ ފޮތްތަކަށާއި އިންޖީލަށެވެ. ދެންވެސް ގެންގުޅޭ މައިގަނޑު ހުރިހާ ފޮތްތަކަށެވެ. ހުރިހާ ފޮތްތަކެއްގައިވެސް އެންމެ ފަހުގެ ރަސޫލާ އަކީ މުޙައްމަދު (ޞޢވ) ކަމުގައި ވަނީ ބަޔާންކޮށްފައެވެ. ﷲ އަކީ އެއްކައުވަންތަ ކަލާނގެ ކަމަށް ވަނީ ބަޔާން ކުރައްވަވައިފައެވެ. ﷲ އަށް ނިޞްބަތް ކުރެވޭނެ އެއްވެސް ކުރެހުމެއް، ބުދެއް ނުހުންނާނެކަން ވަނީ ބަޔާންކޮށްފައެވެ. ބަނގުރާ ބުއިން ވަނީ މަނާކޮށްފައެވެ. އޫރުމަސް ކެއުން ވަނީ މަނާކޮށްފައެވެ. ޖުވާކުޅުން ވަނީ މަނާކޮށްފައެވެ.
ވީމާ ތިމާއަކީ ކޮންމެ ދީނެއްގެ މީހެއް ކަމަށް ބުނި ނަމަވެސް އެމީހަކު އެބުނާ ދީނުގެ އަޞްލު ފޮތް ބަލައިފިނަމަ އެމީހާއަށް މަޖުބޫރުވާނީ އިސްލާމްދީނަށް ވަނުމަށެވެ. ޙައްޤު ދީނަކީ އިސްލާމްދީންކަން ޔަޤީންކުރެވޭނެތީއެވެ.
މީސްތަކުންނޭވެ! ބައަކު ވަކި ގޮތަކަށް އުޅޭތީ އެގޮތަކަށް އުޅޭކަށް ނުޖެހޭނެއެވެ. ބުއްދި ދެއްވެވީ އެކަންކަން ދެނެގަތުމަށެވެ. ބައަކު ވައްކަން ކުރުމަކީ ތިމާއަށް ވައްކަން ކުރަން ޖެހެންވީ ސަބަބެއް ނޫނެވެ. ވައްކަން ކުރުމަކީ ކޮށްގެން ނުވާނެ ކަމެއްކަން އެންމެންނަށްވެސް އެނގޭނެއެވެ. ވީމާ ބައަކު ދީންތަކަކަށް އުޅޭތީ ކަމަށް ބުނެ އިސްލާމް ދީން ނޫން އެހެން އެއްވެސް ދީނަކަށް އުޅޭކަށް އެއްވެސް މީހަކަށް ނުޖެހޭނެއެވެ.
- ޑރ. ޒާކިރު ނައިކުގެ ދަރުސަކުން