ބީއެމްއެލް "ކޮމިއުނިޓީ ފަންޑް" - ދަނގެތީގެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ހަދިޔާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 45ސ
ބީއެމްއެލް "ކޮމިއުނިޓީ ފަންޑް" - ދަނގެތީގެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ހަދިޔާކޮށްފި

'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން އދ. ދަނގެތީގައި އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ގޮތުން އެ ރަށުގެެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ހަދިޔާ ކޮށްފިއެވެ. 

މިއީ ކޮމިއުނިޓީ ފަންޑުގެ ދަށުން އިފްތިތާހު ކުރި ތިންވަނަ ޕްރޮޖެކްޓްއެވެ. 

ދަނގެތީގައި މިކަން ރަސްމީކޮން އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ވަނީ އެރަށުގެ ކޮންމެ ގެއަކަށާއި، މުއައްސަސާތަކަށާއި، ގެސްޓްހައުސްތައް ހިމެނޭ ގޮތަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ހަދިޔާ ކުރަންފަށާފައެވެ. މީގެ އިތުރުން ޒީރޯ ވޭސްޓް އެމްވީ ގެ ފަރާތުން  އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުމާއި ގުޅޭ ގޮތުން ދަނގެތި ސްކޫލު ކުދިންނަށް މައުލޫމާތުދިނުމުގެ ހަރަކާތެއްވެސް މިއަދު ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ހަމަޖެހިގެން ހިންގޭ ޕްރޮގްރާމެކެވެ. 

"ތިމާވެށި ހިމާޔަތްކުރުމާއި އަދި ތިމާވެއްޓާ ރައްޓެހި އެކި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއްދެން. އަޅުގަނޑުމެންގެ އުއްމީދަކީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގޭ މި ޕްރޮގްރާމް ކާމިޔާބުކަމާއެކީ ކުރިއަށްގޮސް މިރަށަކީ ތިމާވެށްޓާ ރަށްޓެހި އާދަކާދަ ދިރުވައި އާލާކުރާނެ، ނަމޫނާ ރަށަކަށް ވެގެން ދިޔުން." ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވިއެވެ. 

"ރާއްޖޭގެ އެހެން ރަށްތަކާ އެއް ގޮތަށް ދަނގެތީގައިވެސް މި ބޭނުން ކުރަނީ އެއްފަހަރު ބޭނުންކޮށްފަ އުކާލެވޭ ޕްލާސްޓިކް ކޮތަޅު. ނަމަވެސް މިރަށަށް މި ލިބުނު ހާއްސަ ހަދިޔާ އާ އެކު އަޅުގަނޑު އެދެނީ އެއްފަހަރު ބޭނުންކޮށްފަ އުކާލެވޭ ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ވިޔަފާރި ކުރުމަށާއި، އެއް ގެއިން އަނެއް ގެއަށް ހަދިޔާ ބަދަލު ކުރުމުގައިވެސް މި ހަދިޔާ ކުރެވުނު ހާއްސަ ކޮތަޅުތައް ބޭނުންކުރުން. މިއަދު ބޭއްވުނު ސެޝަނުން ލިބުނު މައުލޫމާތާއެކު އަޅުގަނޑު އުއްމީދަކީ މިރަށުގެ ސްކޫލް ކުދިންނަކީ ތިމާވެއްޓަށް އަހުލުވެރި، އަމިއްލައަށް އިސްނަގައިގެން ޕްލާސްޓިކް މަދުކުރުމަށް މަސައްކަތްކުރާ ބަޔަކަށްވުން." ދަނގެތީގެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ހަދިޔާ ކުރުމުގެ ޕްރޮޕޯސަލް ކާމިޔާބު ކުރި އިބްރާހިމް ފަރުޝާން ވިދާޅުވިއެވެ.

މުޖުތަމައަށް އެހީތެރިވުމަށް ބޭންކުން ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. 

 

 

މިއަދު އޮންލައިން