ކީރިތި ޤްރުއާނަށް ލޯބިކުރުމަކީވެސް ސުވަރުގެ ލިބޭ އަމަލެއް: ޝައިޚް އިބްރާހީމް ފަރީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ކީރިތި ޤްރުއާނަށް ލޯބިކުރުމަކީވެސް ސުވަރުގެ ލިބޭ އަމަލެއް: ޝައިޚް އިބްރާހީމް ފަރީދު

"ކީރިތި ޤްރުއާނަށް ލޯބިކުރުމަކީވެސް ސުވަރުގެ ލިބޭ އަމަލެކެވެ. ކީރިތި ޤްރުއާނުގައި ހިމެނޭ އެންމެ ކުރު ސޫރަތްތަކުގެ ތެރޭގައި ހިމެނޭ އިޚްލާޞް ސޫރަތަށް ލޯބި ކުރެއްވި ބޭކަލަކަށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ރަސޫލް (ޞޢވ) ދެައްވަވާފައި އޮތުމުން އެކަމުގެ ދަލީލަކަށް ފުދެއެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ އެ ސޫރަތް ދެކެ އެބޭކަލަކު ވެވަޑައިގެންނެވި ލޯބިފުޅުގެ ސަބަބުން އެބާކަލަކު ސުވަރުގެ ވައްދަވާނެ ކަމަށެވެ.

 

އިޚްލާޞް ސޫރަތަކީ ކީރިތި ޤްރްއާނުގެ ތިންބައިކުޅަ އެއް ބައިގެ މާނަ ހިމެނޭ ސޫރަތެކެވެ.

 

ޤްރުއާނަށް ލޯބިކޮށްފި މީހާ ސުވަރުގޭގެ ހުރިހާ ދޮރުކޮޅުތަކަކުން ސުވަރުގެ ވަންނާނެ. ސުވަރުގޭގެ ހުރިހާ ދަރަޖަތަކެއްގައި އެމީހަކު ވާނެ. ދުނިޔޭގައި އެމީހާ އުފުލި ތަކްލީފްގެ ބަދަލުގައި ސުވަރުގޭގައި އެމީހާ އިންނާނީ އަރާމު ކަމުން ފުރިގެންވާ ސޯފާގަ. އަޅުގަނޑުމެންގެ އަޑު ހެޔޮ ގޮތުގައި ބޭނުންކޮށްފިނަމަ އެ ކަންކަމުގެ ނަބީބް އަޅުގަނޑުމެންނަށް ލިބޭނެ."

-ޝައިޚް އިބްރާހީމް ފަރީދު

 

"އެންސީއޭ އަލްކައުން މަދަޙަ މުބާރާތް "ރަން އަޑު" 1440، އާއި އަލްކައުން އިންޓަރނޭޝަނަލް ޤްރުއާން މުބާރާތް 1440" މުބާރާތުގެ ނަތީޖާ ފައުޅުކުރުމަށް ހުކުރު ދުވަހު ހަވީރު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ޝައިޚް އިބްރާހީމް ފަރީދު ވިދާޅުވީ ކީރިތި ޤްރުއާނަކީ އެމީހެއްގެ ދުޝްމިނެއް ކަމުގައި ދުނިޔޭގައި ހަދައިފި މީހާއަށް ޤިޔާމަތް ދުވަހު ކީރިތި ޤްރުއާނަކީ ދުޝްމިނަކު ކަމުގައި ވާނެ ކަމަށެވެ. އަދި އެފަދަ މީހަކަށް ﷲ ތަޢާލާގެ ޖަންނަތުން، ސުވަރުގެއިން އެއްވެސް ޖާގައެއް ނުލިބޭނެކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

 

"ﷲ ތަޢާލާގެ ޖަންނަތުން މަޤާމެއް ބޭނުންވާނަމަ ޤްރުއާނަށް ލޯބިވާންވީ. ޤްރުއާނަކީ ހިތުގެ ރަބީޢް ކަމުގައި ހަދަންވީ. ޤްރުއާނަކީ ހިތުގެ ލޯބިކަމުގައި ހަދަންވީ. ޤްރުއާނަކީ މި ބިންމައްޗަށް ﷲ ތަޢާލާ ފޮނުއްވަވާފައިވާ އެންމެ ލޯބިވާންޖެހޭ ފޮތް."'

 

ޝައިޚް ފަރީދު ވިދާޅުވީ ކީރިތި ޤްރުއާނަކީ މަޚްލޫޤެއް ނޫން ކަމަށާއި ﷲ ތަޢާލާ ވަހީ ކުރެއްވެވި ބަސްފުޅު ކަމަށެވެ. "މިފަދަ ޙަފްލާއެއްގައި ތިބޭއިރު ޢަޒުމް އައުކުރަންވީ ކީރިތި ޤްރުއާނަށް ލޯބިކޮށް އެ މަތިވެރި ފޮތަށް ޢަމަލުކުރަން. މަސައްކަތްކުރަންވީ އެ ޤްރުއާނާއި އެއްގޮތަށް ހިނގޭތޯ. ކުރިއަސް ދެވޭތޯ. އެ ޤްރުއާނުން ޝިފާއެއް ލިބޭތޯ! ރަޙްމަތެއް ލިބޭތޯ. ހިތް ހަމަޖެހުމެއް ލިބޭތޯ. އަދި ހަމައެހެންމެ އަޅުގަނޑުމެން އެދޭ ހުރިހާ މުރާދެއް އެ ޤްރުއާނުން ފުރިހަމަވެގެންދޭތޯ. އަޅުގަނޑުމެންގެ ދުޢާއަކަށް ވާން ޖެހޭނީ ވެސް އަދި އުންމީދަކަށް ވާނަޖެހޭނީވެސް އެކަންކަން. އެގޮތަށް އެކަން ވެއްޖެ ނަމަ ހުރިހާ ނަޞްރާ ނަޞީބެއް އަޅުގަނޑުމެންގެ އަތުގަ ހިފާނެ."

 

ކީރިތި ޤްރުއާން ކިޔަވަންވީ އެކަމަށް ލޯބިންނެވެ. ކޮންމެހެން މުބާރާތަކުން ވަނައެއް ގެނައުމުގެ ބޭނުމުގައެއް ނޫނެވެ. އަދި ކޮންމެހެން މަތީ ޝަރަފެއްވެސް ހޯދާކަށް ނޫނެވެ. ޝަރަފު ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ވަނަ ވަނީވެސް އެކަލާނގެ ޙަޟްރަތުގައެވެ. "ކިޔަވަންވީ އިޚްލާޞްތެރި ގޮތުގަ. އިޚްލާޞްތެރި ގޮތުގަ ކިޔެވީމާ ވަނަ ލިބުމާ ޝަރަފް ލިބުމަކީ މުޅިން އެހެން ކަމެއް. ނިޔަތަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދުން ކަމުގައި ވެއްޖެ ނަމަ ހުރިހާ ކަމެއް އެ ލިބުނީ." ކަމަށްވެސް ޝައިޚް ފަރީދު ވިދާޅުވިއެވެ.

 

 

މިއަދު އޮންލައިން