ކުރަން މަސައްކަތްކުރާ ކަންކަން ކާމިޔާބު ނުކުރެވި ލަސްވާން ފެށުމުން އެކަމެއް ނުވީކަމަށް ބަލައި ގިނަ ބައަކު ދުނިޔެމަތިން ފޫހިވެއެވެ. އަޅުކަންކުރުން މަތިންވެސް ފޫހިވެއެވެ. އަނބިދަރިންނާއި ޢާއިލާގެ މަތިންވެސް ފޫހިވެއެވެ.
މިއީ ވަރަށް ހިތާމަ ހުރި ކަމެކެވެ. ކުރަން މަސައްކަތް ކުރާ ކަންތައް ކާމިޔާބު ނުކުރެވޭނެ ކަމަށް ބުނެވޭނީ ކާކަށް ހެއްޔެވެ؟ އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެކަން އެނގޭނެ އެއްވެސް އިންސާނެއްވެސް އަދި ޝައިޠާނެއްވެސް ނުހުންނާނެއެވެ! ނަމަވެސް މީހަކު ކަމެއް ޙާޞިލުކުރަން މަސައްކަތްކުރާތާ ގިނަ ދުވަސްވުމުން ޝައިޠާނާ އެމީހެއްގެ ގާތަށް ގޮސް އެކަން އެމީހަކަށް ޙާޞިލު ނުވާނެ ކަމަށް ބުނެ ވިސްނައިދެއެވެ.
އަދި އެކަން ޙާޞިލު ނުކުރެވިގެން އުޅެނީ ސިހުރެއްގެ ސަބަބުން ކަމަށް ވެސް ވިސްނައިދޭނެއެވެ. އެކަން ޙާޞިލު ނުކުރެވިގެން އުޅެނީ ސިހުރަކުންކަން ޝައިޠާނާއަށް އެނގޭ ނަމަ އަދި ޝައިޠާނާއަކީ ތިބާއަށް ހެޔޮ އެދޭ ފަރާތެއް ކަމުގައިވާނަމަ ސިހުރު އޮތް ތަނެއް ވެސް ބުނެ އެކަމުން ސަލާމަތްވެވޭނެ މަގުވެސް ބުނެދޭންވީ ނޫން ހެއްޔެވެ؟ ނަމަވެސް ޝައިޠާނާ ވަސްވާސް ދޭނީ ކޮންމެވެސް ސިހުރުވެރިއެއްގެ ގާތަށް ދިއުމަށެވެ.
އެކަމުގެ ބޭނުމަކީ ތިބާ އިސްލާމް ދީނުން ބޭރުކުރުވުމެވެ. ކުފުރާއި ޝިރުކުގެ ޢަމަލުތައް ތިބާ ލައްވައި ކުރުވުމެވެ. ތިބާ އާއި ތިބާގެ އެންމެ ގާތް މީހުންނާއި ދެމެދުގައި ފިތުނަ ފަސާދަ އުފެއްދުމެވެ. ކޮއްޕައި ނަރަކައަށް ތިބާ ވައްޓައިލުމެވެ.
ހިތާމައަކީ މިކަންކަމަށް ވިސްނައިވެސް ނުލައި ޝައިޠާނާގެ މަޅީގައި ގޮސް ޖެހެވޭތަނެވެ. ތިމާއަށް ކުރެވިފައި ހުރި ހެޔޮ އަމަލުކޮޅުވެސް އަނދައި ހުސްކޮށްލެވޭ ކަމެވެ. އެހެން ނުހަދާށެވެ! ﷲ ތަޢާލާއަށް ދެންނެވުމުގައި ފޫހި ނުވާށެވެ! މާޔޫސްވެސް ނުވާށެވެ! އެއިގެ ބަދަލުގައި އީމާންކަން ވަރުގަދަކުރާށެވެ! އެކަން ކުރަން އެންމެ ފަސޭހަވާނެ އެއް މަގަކީ ﷲ ތަޢާލާ މީހަކު ދެކެ ލޯބިވެވޮޑިގެންފިނަމަ އެމީހަކާއި ބޮޑެތި އިމްތިހާންތައް ކުރިމަތި ކުރައްވަވާނެ ކަމަށް ޤަބޫލުކުރުމެވެ.
އެކަމުގެ އެންމެ ސާބިތު ދަލީލަކީ ނަބީބޭކަލުންނާއި ރަސޫލް ބޭކަލުންނާއި ކުރިމަތި ކުރެއްވެވި ބޮޑެތި އިމްތިޙާންތަކެވެ. ރަސޫލް (ޞޢވ) އާއި ކުރިމަތި ކުރެއްވެވި ބޮޑެތިވެގެންވާ އިމްތިހާންތަކެވެ. ﷲ ތަޢާލާ އެކަލާނގެ "ޚަލީލް"ގެ ދަރަޖަ ދެއްވެވި އިބްރާހީމްގެފާނަށް ކުރިމަތި ނުކުރައްވަވަނީ ކޮން މުޞީބާތެއް ހެއްޔެވެ؟
ވީމާ އަހަރެމެންނަށް އޮތީ ކެތްތެރިވުމެވެ. މިކަންކަމަށް ވިސްނައި ކެތްތެރިވުމެވެ. ކުރިމަތި ކުރައްވަވާ އިމްތިޙާންތަކުން ފާސްވުމެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން