އާޝުރާ ދުވަހުގެ ރޯދަ ދޫކޮށްނުލާށެވެ! ގަދަވެ ސަލާމަތުން ހުރި ނަމަ ކޮންމެ ގޮތަކުން ނަމަވެސް އެދުވަހުގެ ރޯދަ ދޫކޮށްނުވާށެވެ. ސުންނަތް ގޮތަކީ ކުރިއަށް ނުވަތަ ފަހަތަށް ދުވަހެއް އިތުރުކޮށްގެން ހިފުމެވެ.
އާޝޫރާ ދުވަހުގެ ރޯދަ މުސްލިމުން ފުރަތަމަ ހިފީ ވާޖިބު ރޯދައެއްގެ ގޮތުގައެވެ. ވާޖިބުކަން ކެނޑި ސުންނަތަކަށް ބަދަލުވީ ޖެހިގެން އައި އަހަރު ﷲ ތަޢާލާ ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރައްވެވުމުންނެވެ. ވީމާ މުސްލިމުން ފުރަތަމަ އާޝޫރާ ދުވަހުގެ ރޯދަހިފީ ވާޖިބު ރޯދައެއްގެ ގޮތުގައެވެ.
ރަސޫލް (ޞޢވ) ވަނީ އާޝޫރާ ދުވަސްތަކުގައި ރޯދަ ހިއްޕަވައިފައެވެ. އަދި ރަސޫލް (ޞޢވ) ރަމަޟާން މަސް ފިޔަވައި އެމެހެއްގައި އެންމެ ގިނައިން ރޯދަ ހިއްޕެވީ މުޙައްރަމް މަހުގައެވެ.
ވީމާ މި މަތިވެރި މައްސަރުގެ ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ހުރިހާ މުސްލިމުންނަށް ނަޞޭޙަތްތެރިވަމެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން