ފައިވާނެއް ގަންނައިރު ފަޔަށް ހެޔޮވަރު ނުކޮށް ގަނެފި ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އަރައިގެން ކޮރު ނުޖަހައި ހިނގައި ގަނެވޭނެ ހެއްޔެވެ؟ ނޫނީ އަނގަވަތަށް ބަންޑުން ނުވެއްޓޭނެ ހެއްޔެވެ؟ ވީމާ ކިތަންމެ ވަގުތު ނެތި ފައިވާނެއް ގަންނަން ޖެހުނު ނަމަވެސް އެންމެ މުހިންމީ ފަޔަށް ހެޔޮވަރު ފައިވާނެއް ހޯދައިގެން ގަތުން ނޫން ހެއްޔެވެ؟
ކައިވެނި ކުރުމަކީވެސް އެފަދަ ކަމެކެވެ. ވަގުތު ނެގި ނަމަވެސް ބަލަން ޖެހޭ ވަރަށް ބަލައިގެން ނޫނީ ކައިވެނިކޮށްފިނަމަ ޖެހޭނީ ހަމަ ކޮރުޖަހާށެވެ! ނޫނީ އަނގަވަތަށް ވެޢްޓިވެއްޓި ހުންނާށެވެ! އެހާލަތުން ސަލާމަތް ވެވޭނީ އުނދަގުލުން ނަމަވެސް ހަޔާތުގެ ބައިވެރިއަކަށް ތަޤްވާވެރިއަކު ހޯދިގެންނެވެ. ޙަޔާތުގެ ބައިވެރިއަކަށް ތަޤްވާވެރިއަކު ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟
އެންމެ ކުރު ޖަވާބަކީ ﷲ ތަޢާލާއަށް ބިރުވެތިވާނެތީއެވެ. އެކަން މުހިންމުވަނީ ކީއްވެގެން ހެއްޔެވެ؟ ސުވާލުގެ ޖަވާބަކީ ޙަޔާތުގެ ކޮންމެ ކަމެއްގައިވެސް ކީރިތި ޤްރުއާނަށާއި ރަސޫލް (ޞޢވ)ގެ ސުންނަތާއި އެއްގޮތަށް ޢަމަލުކުރާނެތީއެވެ.
މިހެން ބުނުމުން "ތިމާ ކައިވެނި ކުރީ ދީންވެރިއަކާ" ކަމަށް ބުނެފާނެއެވެ. ޖަވާބަކީ ދީންވެރިއަކާއި ކައިވެނިކޮށްފިނަމަ ޙަޔާތް ބާއްޖަވެރިވާނެކަން އެއީ ޔަޤީންކަމެކެވެ. ފޭލްވާނީ އެމީހާގެ ކިބައިގައި ދީންވެރިކަން ނެތުމުންނެވެ.
މިމައްސަލަ ކުރިމަތިވަނީ މީހާގެ ޙަޤީޤަތް ނުބަލައި ބޭރުފުށުން ފެންނަ ސިފައަށް ބެލޭތީއެވެ. ހަމައެކަނި އެމީހާ ދައްކާ ވާހަކަތަކަށް އިތުބާރުކުރެވޭތީއެވެ. ސުވާލަކީ ޙައްލަކީ ކޮބައިހެއްޔެވެ؟ ޖަވާބަކީ ސިފަ އާއި ވާހަކަތަކަށް އެކަނި އިތުބާރު ނުކޮށް އެމީހެއްގެ ޙަޤީޤަތް އޮޅުން ފިލުވުމެވެ. ކައިވެނިކުރަން އަވަސް އަރައި ނުގަތުމެވެ. މަޝްވަރާކުރަން ޖެހޭ އެންމެހައި މީހުންނާއި މަޝްވަރާކޮށްގެން ކައިވެނި ކުރުމެވެ.
އަބަދުވެސް ބުނާ ފަދައިން ބަލަންވީ ގޮވައިގެން ގިނައިން ބާޒާރަށް ދާނެ ބައިވެރިއަކަށް ނޫނެވެ. އަންހެނަކު ނަމަ ބަލަންވީ ތިމާ ގޮވައިގެން ދަމުނަމާދުކުރާނެތޯއެވެ. ފިރިހެނަކު ނަމަ ބަލަންވީ ފަތިސް ނަމާދަށް ހޭލައްވައިދޭނެތޯއެވެ! މިވިސްނުމުގައި ކަންކަން ޔަޤީންކޮށްގެން ކައިވެނިކޮށްފިނަމަ ޙަޔާތް ބާއްޖަވެރި ކުރެވޭނެއެވެ. އިން ޝާ ﷲ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން