ބައެއް މީހުން އަބަދުވެސް އުޅޭނީ ކޮންމެވެސް ކަމެއް ނުކުރެވިގެންނެވެ. ކޮންމެވެސް ބާވަތެއްގެ ދަތި އުނދަގޫތަކެއް ކުރިމަތިވެގެންނެވެ. ހިތާމައާއި ހިތްދަތިކަން ކުރިމަތިވެގެންނެވެ. އެއީ ބޮޑު ފާފައަކަށްވީ ނަމަވެސް މިހާލަތުގައި ސިހުރުވެރިންގެ ގާތަށް ދާ މީހުން ބައިވަރެވެ. ފާލުބެލުމަށެވެ. ސިހުރުވެރިޔާގެ އެހީތެރިކަން ހޯދުމަށެވެ.
އެފަދަ ޙާލަތުގައި ފުރަތަމް ބަލަން ޖެހޭ ފާލު ބުނެދެން ހެއްޔެވެ؟ އެއީ ތިމާ އާއި ކީރިތި ޤްރުއާނާއި އޮތް ގުޅުމެވެ. އެ ގުޅުން ހަމަ އެބައޮތްތޯއެވެ؟ އަބަދުވެސް ބާއްވާ ވަރަށް އެބަ ބޭއްވޭތޯއެވެ؟ ބޭއްވެނީ ކިހައިވަރަކަށްތޯއެވެ؟ ބަލަންޖެހޭ ދެވަން ފާލަކީ ތިމާއަށް ﷲ ތަޢާލާ ހަނދުމަ ކުރެވޭ މިންވަރެވެ. އަޅުކަން ކުރެވޭ މިންވަރެވެ. ﷲ ތަޢާލާ އާއި ކުއްތަންވުމަށް މަސައްކަތް ކުރެވޭ މިންވަރެވެ.
ﷲ ތަޢާލާ އާއި ކުއްތަންވާށޭ ބުނީމާ ބައެއް މީހުންނަށް އެބަހުގެ މާނަ އެބަ އޮޅެއެވެ. ވީމާ ތަންކޮޅެއް ތިލަކުރާނަމެވެ. ﷲ ތަޢާލާ އާއި ކުއްތަންވުމަކީ ކީރިތި ޤްރުއާނާއި ގުޅުން ބަދަހިކުރުމެވެ. ކީރިތި ޤްރުއާނަށް އަމަލުކުރުމެވެ. އަހަރެމެން އެއްވެސް މީހެއްގެ ލޮލަކަށް ﷲ ތަޢާލާގެ ޒާތުފުޅު، ސުވަރުގޭގައި ނޫނީ ނުފެންނާނެއެވެ. ކީރިތި ޤްރުއާން އަހަރެމެންނަށް ދެއްވަވާފައި އެވަނީ އެ ސަބަބަށްޓަކައެވެ. ކީރިތި ޤްރުއާނާއި ކުއްތަންވީ ވަރަކަށް ދާނީ ﷲ ތަޢާލާ އާއި ކުއްތަންވެވެމުންނެވެ.
ކީރިތި ޤްރުއާނާއި ކައިރިވީ ވަރަކަށް ރަސޫލް (ޞޢވ)ގެ ސުންނަތަށް ދާނީ ލޯބި ޖެހެމުންނެވެ. ލޯބި އިތުރުވަމުންނެވެ. ހަމަ އެއާއިއެކު ސުންނަތަށް ލީބިކުރި ވަރަކަށް ކީރިތި ޤްރުއާނާއި ދާނީ ގުޅުން ބަދަހިވަމުންނެވެ. މިއީ ޗޭނުގެ ދެބޮޅެވެ. ވަކި ނުކުރެވޭނެއެވެ. އެކަން ކީރިތި ޤްރުއާނުން އެނގޭނެއެވެ.
ވީމާ ކީރިތި ޤްރުއާނާއި ކައިރިވެވިއްޖެ ނަމަ ސިހުރުވެރިންގެ ގާތުން އެއްވެސް ކަމަކަށް އެދޭކަށް ނުޖެހޭނެއެވެ. ސިހުރުވެރިން ލައްވައި ފާލުބަލާކަށް ނުޖެހޭނެއެވެ. މިބުނި މަގުން ތިމާގެ ޙާލަތު ތިމާ އަމިއްލައަށް ބެލުމުން ހުރިހާ ފާލެއް ބެލުނީއެވެ. އެކަންކަން އެންމެ ރަނގަޅަށް ބެލޭނީ ތިމާއަށެވެ. ހައްލުވެސް އެނގޭނެއެވެ. ކުރަންވީ ކަންކަން ވެސް އެނގޭނެއެވެ. އިތުރު އެހީއެއް ބޭނުން ނަމަ އިމާމެއްގެ އިރުޝާދު ހޯދާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން