ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތައް ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ބުނީ އަގުހެޔޮކުރުމުގެ ބޭނުމަކީ އިމާރާތްކުރުމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް އެހީތެރިވެދިނުމާއި، ކުދި އަދި މެދު ފަންތީގެ ވިޔާފަރިތައް ކުރިއެރުވުމަށް މަގުފަހިކޮށްދިނުމާއި، އަދި ހާއްސަގޮތެއްގައި އާއްމު ރައްޔިތުންނަށް އިމާރާތްކުމުގެ ސާމާނު ބާޒާރުގައި ހެޔޮއަގެއްގައި ލިބޭނެ ފުރުސަތު ތަނަވަސްކޮށްދިނުންކަމަށެވެ.
"އެސްޓީއޯ ކޮންސްޓްރަކްޝަންއިން ވިއްކާ އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތަކަށްވަނީ ވަރަށް ހެޔޮ ބަދަލުތަކެއް ގެނެވިފައި" އެސްޓީއޯއިން އާއްމުކޮށްފައިވާ ބަޔާނެއްގައިވެއެވެ.
އެ ކުންފުނިންވަނީ ހިލަ، ހިލަވެލި، ހިމުންވެލި، ސިމެންތި އަދި ދަގަނޑުގެ ބާވަތްތަކުގެ އަގުހެޔޮކޮށްފައެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން ސާމާނު އެތެރެކޮށް، ވިއްކަމުންދާ އެސްޓީއޯ ކޮންސްޓްރަކްޝަންއިން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އަދި އަގުހެޔޮ މުދާ ލިބޭނެ ގޮތްތައް ދެމެހެއްޓެނިވިގޮތެއްގައި ހަމަޖައްސައި ދިނުމަށްކަމަށް އެކުންފުނިންބުނެއެވެ. މީގެ އިތުރުން، އިމާރާތްކުރުމަށް ބޭނުންކުރާ މައިގަނޑު ބާވަތްތަކުގެ އަގުތައް ބާޒާރުގައި އެއްހަމައެއްގައި ހިފެހެއްޓުމަކީވެސް އެސްޓީއޯގެ މުހިއްމު އަމާޒެއްކަމަށް ވެސް އެކުންފުނިންބުނެފައިވެއެވެ.
~ ~ ~