ހަމައެކަނި "އިއްޔާކަ ނަޢްބުދް" ގެ މާނަ އުނގެނި ޢަމަލުކުރި މީހާ ވެސް ދިންނަވާނެ!: އިން ޝާ ﷲ!: ޝައިޚް އަބޫބަކުރު ޒައުދު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 57ސ
ހަމައެކަނި "އިއްޔާކަ ނަޢްބުދް" ގެ މާނަ އުނގެނި ޢަމަލުކުރި މީހާ ވެސް ދިންނަވާނެ!: އިން ޝާ ﷲ!: ޝައިޚް އަބޫބަކުރު ޒައުދު

އަޅަމެން އަޅުކަންކުރަނީ، އިނބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ ޙަޟްރަތުންންނެވެ. (އަލްފާތިޙާ: 5) 

މިއީ ނަމާދުގެ ކޮންމެ ރަކްޢަތެއްގާ މިކިޔަވާ އަލްޙަމްދު ނުވަތަ އަލްފާޠިޙާ ސޫރަތުގެ ފަސް ވަނަ ޢާޔަތެވެ. މިއާޔަތުގެ ހުރިބާރު ތިއަބައިމީހުންނަށް ވިސްނޭ ކަމަކަށް ޤަބޫލެއ ނުކުރެވެއެވެ. ވިސްނުމަކީވެސް ކުރަން ފަސޭހަ ކަމެއް ނޫން ކަމަށް ބަޔާން ކުރާ ޙާލު އާޔަތް ދެބައިކޮށްލާނަމެވެ. 

ފުރަތަމަ ބައިގައި އެ ވެވެނީ އިޢްތިރާފެކެވެ. "އަޅަމެން އަޅުކަންކުރަނީ، އިނބަރަސްކަލާނގެއަށް" ކަމަށެވެ.  ނަމަވެސް މިއާޔަތުގެ މާނަ އެއަވަރަކުން ނުފުދޭނެއެވެ. އެހެނީ އެންމެ މުހިންމު އަޅުކަމަކީ ނަމާދުކުރުމެވެ. އެއް ނަމާދުކުރުމުން ދެވަނަ ނަމާދާއި ދެމެދުގައި އަމަލުކުރާނީ ކިހިނަކުން ހެއްޔެވެ؟ ދެން އޮތް އަޅުކަމަކީ ރޯދަ ހިފުމެވެ. ރޯދަ މަސް ނިމުމުން އެ އަހަރުގެ ފަރުޟު ރޯދަ ވެސް ހިފައި ނިމުނީއެވެ. ދެން ހަދާނީ ކިހިނަކުން ހެއްޔެވެ؟ 

ވިސްނައިލަން ޖެހެނީ މިހިސާބުންނެވެ. މިއާޔަތުގެ މާނައިގައި"އަޅަމެން އަޅުކަންކުރަނީ، އިނބަރަސްކަލާނގެއަށް" އޮތް އޮތުމުގައި އިތުރު މާނައެއްވެސް ވެއެވެ. އެއީ "އަޅަމެންނަކީ އިނބަ ﷲ އަށް ކިޔަމަންތެރި އަޅުން" ކަމާއި ދެމިތިބޭނީވެސް އެގޮތުގައި ކަމުގެ މާނައެވެ. ނަމާދުކުރާ މީހާ އާއި ރޯދަ ހިފާ ހިތަށް އެކަމުގެ މާނަ ގެނެވޭނަމަ، ނަމާދުކުރާ އަދި ރޯދަ ހިފާ މީހާގެ ހިތަށް އެކަމުގެ އިޙްޞާޞް ގެނުވޭނަމަ ނަމާދުން ފައިބައިގެން ގޮސް ފާފައެއް ނުކުރާނެއެވެ. ރޯދަ ހިފި މީހާވެސް ރޯދަ ހިފަމުން މިބަޔާންކުރި މާނަ ހިތްމައްޗަށް ގެންނަ ނަމަ ރޯދަ މަސް ނިމުމާއިއެކު ރޯދަމަހު އެރިފައިވާނާއި ލީ ހެދުން ބާލައި އެއްލައެއް ނުލާނެވެ. 

ޢަރަބި ބަހުގެ ހަމަތަކަށް ބަލައިފިނަމަ "އިއްޔާކަ ނައްބުދް"ގެ މާނައިގައި "އަޅަމެން ދެމިތިބޭނީ އިނބަ ﷲގެ އަޅުންގެ ގޮތުގައި" ކަމަށް ބުނުން ވެސް ހިމެނެއެވެ. އަދި އެއީ އެކަމަށް އިޤްރާރެކެވެ. އިޢްތިރާފެކެވެ. ކޮން ކަމަށް ހެއްޔެވެ؟ ﷲ ތަޢާލާގެ އަޅެއްގެ ގޮތުގައި ދެމިހުރުމުގެ ވަޢުދެވެ. 

ދެން އުފެދިދާނެ ސުވާލަކީ އެ ވައުދު ފުއްދުން މަތީގައި، ނުވަތަ ﷲ ތަޢާލާގެ އަޅެއްގެ ގޮތުގައި ދުނިޔޭގައި އުޅެން ޖެހޭނީ ކިހައި ދުވަހެއް ވަންދެން ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ﷲ ތަޢާލާ ވަނީ ވަނީ ވަރަށް ފުރިހައަށް ބަޔާން ކުރައްވަވައިފައެވެ. އެއީ އެމީހަކު މަރުވަންދެންނެވެ. 

ހިތާމައަކީ ގިނަ ބައަކަށް މިކަންކަން މިގޮތަށް ނުވިސްނޭ ކަމެވެ. ލިބިފައިވާ ވަޒީފާ ގެއްލޭ އިރަށް ނުވަ ތަނަވަސްކަން ގެއްލޭއިރަށް ތިމާގެ ކިބައިގައިވާ "އިއްޔާކަ ނައްބުދް"ކަން ގެއްލުވައިލާ ކަމެވެ. ޙާޞިލުކުރަން ކުރިމަތިލާ ކަމެއް ޙާޞިލުނުވާއިރަށް ތިމާގެ ކިބައިގައިވާ "އިއްޔާކަ ނައްބުދް"ކަން ގެއްލުވައިލާ ކަމެވެ. 

މިތަނުގައި ތިމާއަކީ އިނބަ ﷲގެ ނުވަތަ ﷲ ތަޢާލާގެ އަޅެއް ކަމަށް އިޢްތިރާފްވާން ޖެހުމުން އެއީ ދެރަ ނިކަމެތި ކަމެއް ކަމުގައި ބައަކު ވިސްނައިފާނެއެވެ. ނޫނެކެވެ. އެއީ އިންސާނަކަށް ﷲ ތަޢާލާ ދެއްވަވާނެ އެންމެ މަތީ ދަރަޖައެވެ. 

"ޙަމްދު ހުރީ ﷲ އަށެވެ. އެކަލާނގެއީ، އެކަލާނގެ އަޅާއަށް ފޮތް ބާވައިލެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އެ ފޮތުގައި، އެއްވެސް ގުދުކަމެއް (ނުސީދާކަމެއް) ނުލައްވަތެވެ." (އަލްކަހްފި: 1) 

ރަސޫލް (ޞޢވ) ދެއްވެވި އެންމެ މަތީވެރި ޝަރަފަކީ ކީރިތި ޤްރުއާން ބާވައިލެއްވެވުމެވެ. އިތުރަށް ލިބިވަޑައިގެންނެވި ހުރިހާ ކަމެއްވެސް ލިބިވަޑައިގަތީ ހަމަ އެ ޤްރުއާނުގެ ސަބަބުންނެވެ. އެހެންކަމާއިއެކުވެސް އެފަދަ މަތިވެރި ފޮތް ބާވައިލެއްވެވި ކަމުގެ އާޔަތުގައި އެވަނީ އެކަލާނގެ ރަސޫލާއަށް ނުވަތަ ނަބިއްޔާއަށް އެ މަތިވެރިފޮތް ބާވައިލެއްވެވި ވާހަކަފުޅެއް ނޫނެވެ. "އެކަލާނގެ އަޅާއަށް" ބާވައިލެއްވެވި ކަމުގެ ވާހަކައެވެ. ވީމާ އެނގި ޔަޤީންވެގެން މިދިއައީ ﷲ ތަޢާލާގެ އަޅާގެ ދަރަޖައަކީ އިންސާނަކަށް ﷲ ތަޢާލާ ދެއްވަވާނެ އެންމެ މަތީ ދަރަޖަ ކަމެވެ. 

މިއަދު އޮންލައިން