ކުރިންވެސް ބުނިފަދައިން އަހަރެމެން އެންމެން މި މަސައްކަތްކުރަނީ އެންމެ މޮޅު ލޯޔަރުން ހޯދާށެވެ! ލޯޔަރުން ހޯދަންވީ ހަމައެކަނި މިދުނިޔޭގެ ކޯޓުތަކުގައި ވަކާލާތުކުރާކަށް ނޫނެވެ. އެންމެ މޮޅު ލޯޔަރުން ހޯދަން ޖެހޭނީ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ދަރުބާރުގައި އެމީހަކަށްޓަކައި ވަކާލާތުކުރާށެވެ!
މިގޮތުން ކީރިތި ޤްރުއާނަށްފަހު އޮތީ ރޯދައެވެ! އެމީހަކު ހިފާ ރޯދައެވެ. ޤިޔާމަތް ދުވަހުގެ ދަރުބާރުގައި ރޯދަ ތިމާއަށްޓަކައި ޝަފާއަތްތެރިވާނެއެވެ. ވަކާލާތުކުރާނެއެވެ. އެމީހާ ސުވަރުގެ ވައްދަވައި ދެއްވެވުން އެދޭނެތެވެ.
އަމްރް ބުނުލްޢާޞްގެ އަރިއަހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. "ރޯދަ ﷲ ގެ ޙަޟްރަތުގައި ދަންނަވާނެތެވެ. އޭނާއަކީ ނުކައި ނުބޮއި ރޯދައަށް ހުރި މީހެކެވެ. ވީމާ އޭނާގެ ފަރާތުން ވާހަކަ ދެންނެވުމުގެ ހުއްދަ ދެއްވެވުން އެދެމެވެ. އަދި އެކަމަށް ﷲ ތަޢާލާ އިޒުނަ ދެއްވަވާނެތެވެ."
ރަމަޟާން މަހުގެ ރޮދަ ހިފި މީހުންނަށް މަރުޙަބާ ކިޔަމެވެ. ނަމަވެސް އެވަރަކުން އަދި ނުފުދެއެވެ. ސުންނަތް ރޯދަތައް ހިފުން ގިނަކުރާށެވެ! ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފުމާއި މަހުގެ 13،14،15 ތިން ދުވަހު ރޯދަ ހިފުން އާދަކުރާށެވެ! ސުންނަތް ރޯދަ ހިފުން ގަދަވެގެންވާ ދުވަސްތަކުގައި ރޯދަ ހިފާށެވެ!
އެގޮތުން މުޙައްރަމް މަހުގެ ދުވަސްތަކަކީ ޚާއްޞަ ދުވަސްތަކެކެވެ. އާޝޫރާ ދެ ރޯދައަކީ ހަމަ ކޮންމެހެން ހިފުން މުހިންމު ދެ ރޯދައެވެ. އާޝުރާ ދެ ރޯދަ ކަމަށް މިބުނީ އާޝޫރާ ދުވަހާއި އެއިގެ ކުރިއަށް ނުވަތަ ފަހަތަށް އެއް ރޯދަ ލައިގެންނެވެ.
- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން