މިއަދުވެސް ވޮޑިގެންވަނީ ހަމަ ނޫހުގެފާނުގެ ޤައުމަށް ކޯފާ ފޮނުއްވެވި ﷲ ތަޢާލާއެވެ. އަދި މެދުކެނޑުމެއް ނެތި އެމެރިކާ ފަދަ ޤައުމނުތަކަށް ކޯފާ ފޮނުއްވަވަމުން ގެންދަވާ ކަލާނގެއެވެ.
ޢަރަބިންނަށް ބިރުދައްކައިގެން ހޯދާ ޑޮލަރަށްވުރެ ޠޫފާންތަކުން ލިބޭ ގެއްލުންތައް ފޫބެއްދޭތޯ ކުރަން ޖެހޭ ޚަރަދު އެތައް ގުނައެއް ބޮޑެވެ. ނަތީޖާއަކީ ކިތަންމެ ބާރުގަދަ ނަމަވެސް އެންމެ ދަރަނި ބޮޑު އެއް ޤައުމުގެ ގޮތުގައި އެމެރިކާއަށް އޮންނަން ޖެހިފައިވުމެވެ.
ﷲ އެބައެއްގެ މައްޗަށް ކޯފާ ފޮނުއްވަވަންވުމުން މަޖިލީހުގެ ނުވަތަ ޕާލަމެންޓުގެ މެޖޯރިޓީ އޮތް މިންވަރެއް، ކިތައް ޤައުމުން އެޤައުމަކަށް ޘަނާ ކިޔާ ކަމެއް ނުބައްލަވާނެއެވެ! ކީރިތި ޤްރުއާނުގައި މިފަދަ ވާހަކަތައް ބާވައިލައްވަވާފައިވަނީ ވިސްނައި ފިކުރު ކުރުމަށެވެ.
ޖަމިއްޔަތުއް ސަލަފުން ހާމަކޮށްފައިވާ މިލިޔުމުން ޢިބްރަތް ޙާޞިލުކުރައްވާށެވެ!
ﷲ ގެ ވަޢުދުފުޅު އެމީހުންގެ މައްޗަށް ޙައްޤުވިއެވެ. އުޑުން ވާރޭވެހެން ފެށިއެވެ. ހުއްޓުމެއް ނެތް ގޮތުގައެވެ. އުޑު ހީވަނީ ކޯރެއް ހެންނެވެ. ބިން ގަނޑުން ވެސް ފެން ނުކުންނަން ފެށިއެވެ. ފެންތައް އެމީހުން ވަށައިގެން ޖަމާވާން ފެށިއެވެ. އޭގެ ތެރެއިން އެކަކަށް ވެސް ނުނިކުމެވޭ ގޮތަށެވެ. ނޫޙުގެފާނަށް އެހިނދު ﷲ ވަޙީކުރެއްވިއެވެ.
( قُلْنَا احْمِلْ فِيهَا مِن كُلٍّ زَوْجَيْنِ اثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ الْقَوْلُ وَمَنْ آمَنَ ۚ وَمَا آمَنَ مَعَهُ إِلَّا قَلِيلٌ ) { 1 }
މާނަ: “ކޮންމެ އެއްޗަކުން (އަންހެން، ފިރިހެން) ދެ ޖިންސުގެ ދޭއްޗާ އަދި ހަލާކުވެ ނެތިދިއުމުގެ ބަސްފުޅު، އިސްވެގޮސްފައިވާ މީހަކު ފިޔަވައި، ކަލޭގެފާނުގެ އަހުލުވެރިންނާއި، އީމާންވެގެން ތިބި މީހުން އެ ނާކޮޅަށް ލައްވާށެވެ! މަދު މީހަކު މެނުވީ، އެކަލޭގެފާނުގެ އަރިހުގައި އީމާންވެގެން ނުވެއެވެ.”
އެއްވެސް އިންސާނަކަށް އަދި ޙަޔަވާނަކަށް މި ތޫފާނުން ސަލާމަތުގެ އައްސޭރިއަކަށް ދިއުމުގެ ބާރެއް ނެތެވެ. ﷲ އިރާދަކުރެއްވި ފަރާތަކަށް މެނުވީ އެވެ. އެއީ ނޫޙުގެފާނާއި އެކަލޭގެފާނުގެ ނައުކޮޅުގައި ތިބި އީމާންވި މަދު ބަޔެކެވެ. ނައުކޮޅު ދުވަމުން ދިޔައީ އުސްވެގެންވާ ފަރުބަދަތަކެއް ފަދަ ރާޅުތަކުގެ ތެރޭގައެވެ. ނޫޙުގެފާނުގެ ދަޢުވަތަށް ކާފިރުވީ މީހުން ﷲ ގެ އަޛާބުން ފިލަން މަސައްކަތް ކުރަމުން ދިޔައެވެ. އެކަމަކު ސަލާމަތްވުމަށް ދާނެ އެއްވެސް ތަނެއް އެމީހުންނަކަށް ނުފެނުނެވެ.
_________________
މަޞްދަރު: قصص النبيين للأطفال