މީގެ 2 އަހަރުކުރިން މާލޭގައި ބޭއްވި ކައިވެނީގެ ހަފްލާއެއްގައި މެދުމިނުގެ ތަނަވަސްކަން ހުރި އަންހެން ކުއްޖަކު ވަރަށް އާދައިގެ ގޮތަކަށް ހެދުން ލައިގެން ހުރުމުންނާއި ކައިވެނީގެ ހަފްލާގައި ގިޑިގެތައް ހަދާފައި ނެތުމުން ބައެއް މީހުން ވަނީ ފާޑުކިޔައިފައެވެ.
ފާޑުކީ ބައެއް މީހުންނަށް ޤަބޫލުކުރެވުނީ އެއީ އަންހެން ކުއްޖާގެ ދަހިކަމުން ކަމަށެވެ. ފިރިހެން ކުއްޖާއަކީ ތަނަވަސްކަން ކުޑަ ކުއްޖަކަށްވުމުން ކައިވެނީގެ ހަފްލާ އިންތިޒާމުކުރުމުގައި އޭނާގެ ދައުރެއް ނެތްކަން އެންމެންނަށްވެސް އެނގުނެވެ.
އަނެއް ބައަކު ބުނީ ފަޤީރަކާއި ކައިވެނިކުރީތީ ހަފްލާވެސް ފަޤީރުކޮށްލީ ކަމަށެވެ. މިބަހުސްތައް އަދިވެސް ނުހުއްޓެއެވެ.
އަންހެން ކުއްޖާއަކީ މިއަދުނޫހުގެ ވަރަށް ގާތް އަހުލުވެރިއެކެވެ. އޭނާ މިއަދުނޫހުގައި އެދުނީ މިއަދުނޫހުގައި ކުރިން ޝާއިޢުކޮށްފައިވާ މި ލިޔުން އަލުން ޝާއިޢުކޮށްދިނުމަށެވެ. އަދި އޭނާވެސް ކައިވެނީގެ ޙަފްލާގައި އެގޮތަށް ޢަމަލުކުރި ސަބަބަކީ ހަމަ މިއީކަން ފާޑުކިޔާ މީހުންނަށް އަނގައި ދިނުމަށެވެ.
އޭނާ ބުނީ ކައިވެނީގެ ޙަފްލާގެ ޚަރަދުތައް ކުޑަކުރި އިތުރު ސަބަބެއްވެސް އޮތް ކަމަށެވެ. "އަހަރެންނަކީ އެހައި ތަނަވަސް އަންހެނެއް ނޫން. ކިރިޔާ މަސައްކަތެއް ފަށައިގަނެވުނީ އެއިރު. އެހެންވީމާ ކައިވެނީގެ ހަފްލާއަށް ބޮޑު ޚަރަދެއް ކުރުމުގެ ބަދަލުގަ އަހަރެން ވިސްނީ ދެމީހުންގެ މައިން ބަފައިން ޙައްޖަށް ފޮނުވަން. މިދިއަ އަހަރު އެކަން ކޮށްފިން. ފުރަތަމަ ފަރުޟުވާން ޖެހެނީ އަހަރެންކަން އެނގުނީ މާފަހުން. އެކަން ވެސް އެނގުނީ މިއަދުނޫހުގަ ޝާއިޢުކުރި ޑރ. އިޔާޟްގެ ބަސްފުޅަކުން. އެއިރު އެކަން ކުރެވިއްޖެ. އެހެންވީމާ އިރާދަ ކުރެއްވިއްޔާ އަންނަ އަހަރު އަހަރެމެން ދެމަފިރިންވެސް ޙައްޖުވާނަން!"
އެލިޔުން:
އަލަތު ކައިވެންޏަށް އާދައިގެ ހެދުމެއް ލައިގެން ދިއުމުން ބޭރުކޮށްލާ ހިސާބަށް - އަންހެނާގެ ޖަވާބުން އެންމެންގެ ސާބަސް!
އެއީ ހަމަ އަހަރެންގެ ހަމަ އަލަތު ކައިވެންޏެވެ! ކައިވެންޏަށް އަގު ބޮޑު، އައު ހެދުން ހޯދައިގެން ލުމަކީ އަދި ވީހައި ގިނަ ގަހަނާ އެޅުމަކީ މިހާރަކަށް އައިސް ކޮންމެހެން ކުރަން މަޖުބޫރު ކަމެކެވެ. އިންޑިއާގައި މިކަމުގެ ޘަޤާފަތް އޮންނަގޮތުން ކައިވެނީގައި ބޭނުންކުރަން އަގު ބޮޑު ހެދުމާއި ގަހަނާ ކުއްޔަށް ހިފުމަކީވެސް ކުރަމުން އަންނަ ކަމެކެވެ.
އަހަރެންގެ ވިސްނުން ވަރަށް ތަފާތެވެ. އަހަރެންގެ ވާން އުޅޭ ފިރިމީހާ އާއި މަންމަ މެންނާއި މަޝްވަރާ ކުރުމަށްފަހު އަހަރެން ކައިވެނީގެ ހެދުމަކަށް ބޭނުންކުރީ ދައްތަގެ ކައިވެންޏަށް ބޭނުންކުރި ހެދުމެވެ. އައު އެއްޗެއްގެ ގޮތް ދައްކާލަން ހެނދުމުގައި ބައެއް ރޭނދާ ކޮޅުތައް ހަރުކޮށް 2، 3 މަލެއްވެސް ހަރުކޮށްލީމެވެ.
ކައިވެނީގެ ހަފްލާއަށް އަހަރެން ދިއުމުން ގިނަ ބައެއްގެ ނަފްރަތާއި ފޫހި މޫނުތައް އަހަރެންނަށް އަމާޒުކުރިއެވެ. އަދި އެއީ އަހަރެންގެ ފެންވަރު ނޫން ކަމަށްބުނެ ގްރޫޕުތަކުގެ މެދުގައި ވާހަކަ ދައްކަންވެސް ފެށިއެވެ. އެވާހަކަތައް އަޑު އިވިފައި ޅިޔަން ފަހަރިން ރަތަށް އަރައި ޒުވާބުވެސް ކުރަން ފެށިއެވެ.
އަހަރެންގެ ގައިގައި ހުރި ގަހަނާ އެމީހުންނަށް މަދުވީއެވެ. ހެދުން ކަމު ނުދިއައީއެވެ. 3 އަހަރު ކުރީގެ ޑިޒައިނަކަށްވުމުން ޑިޒައިން ވެސް ކަމު ނުދިއައީއެވެ. ހެދުން ބައު ހެންވެސް ހީވަނީއެވެ.
ކަންތައް އެންމެ މައްޗަށް ދިއުމުން ފިރިމީހާގެ ހުއްދައާއިއެކު އަހަރެން ވާހަކަ ދައްކަން ފެށީމެވެ. "ހުރިހާ މެހްމާނުންނޭވެ! އަހަރެންގެ ފިރިމީހާ ކައިވެނި ކުރީ އަގު ބޮޑު ގަހަނާތަކަކާއި ހެއްޔެވެ؟ ނުވަތަ އެންމެ ފަހުގެ އަގު ބޮޑު ކައިވެނީގެ ހެދުމާއި ހެއްޔެވެ؟ އެހެން ކަމަށްވާނަމަ އަހަރެންގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ އެތަކެއްޗާއި ކައިވެނި ކުރަންވީ ނޫން ހެއްޔެވެ؟
ކައިވެނި ކުރީ އަހަރެންނާއި ކަމަށްވާނަމަ އަހަރެންގެ ގައިގައި ކޮންމެހެން ކިލޯތަކުން ރަން އެލުވިފައި ހުންނަން ޖެހޭ ހެއްޔެވެ؟ ލައިގެން ހުންނަން ޖެހެނީ ކުރޯޑުން އަގު ކުރެވޭ ހެދުމެއް ހެއްޔެވެ؟
އަހަރެން މިގޮތަށް ކަންތައް ކުރީ ޤަޞްދުގައެވެ. ތިއަ ބުނާ ޘަޤާފަތް ދޫކޮށްލަން ޖެހިފައިވާކަން އެންގުމަށެވެ. ގަހަނާ އާއި ހެދުމުން ނަމަވެސް އިސްރާފުކުރުމަކީ ކިހައިވަރެއްގެ ޙަރާމްކަމެއްކަން ހަމަ ނުއެނގެނީ ހެއްޔެވެ؟ އެހެން ދީނެއްގެ ނަން ކިޔާކަށް ނެތީމެވެ. ނަމަވެސް އެހެން ދީނެއްގެ ނުވަތަ އެހެން ދީންތަކެއްގެ ބައަކު އެގޮތަށް ކަންތައް ކުރާތީ އަހަރެމެން މުސްލިމުން ވެސް ހަމަ އެގޮތަށް ކަންތައް ކުރަން ޖެހޭ ހެއްޔެވެ؟
ގަހަނާއިން ކުރި ނަމަވެސް ފޭރާމުން ކުރި ނަމަވެސް އިސްރާފު އެއީ ހަމަ އިސްރާފެވެ. ޤިޔާމަތް ދުވަހު އަހަރެން އިސްރާފްކުރި ތަކެތި އަލިފާނުގެ ގޮތުގައި ހުންނާނީ އަހަރެންގެ ގައިގައެވެ. ކަލޭމެންގެ ގައަކު ނޫނެވެ. އެއިގެ އަލިފާނުން އަނދާނީ އަހަރެންނެވެ. އެ ހާލަތުގައި އަހަރެން ސަލާމަތްކުރަން ކަލޭމެންނަށް އާދެވޭނެ ހެއްޔެވެ؟
އަހަރެންގެ ފިރިމީހާ ބޭނުންވަނީ އޭނާއަށް ތެދުވެރި ވަފާތެރި، ޚިދުމަތްތެރި އަންބެއް ކަމަށްވާނަމަ އެކަމުގައި އަހަރެން ދުނިޔެއަށްވެސް ނަމޫނާ ދައްކާނަމެވެ. ތިއަ ބުނާ ރަންތައް އެލުވައި އަގުބޮޑު ހެދުން ލައިގެން ރަސްމިއްޔާތު ބޭއްވުމަށްފަހު އަންބެއްގެ ކިބައިން ފިރިމީހާ އެދޭނެ މިބުނި ޚިދުމަތްތައް ނުލިބުނީމާ އެވީ ކޮންގޮތެއް ހެއްޔެވެ؟ ނިކަން ޖަވާބު ދީބަލާށެވެ!'
އެންމެންނަށް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ. ހިނދުކޮޅަކަށްފަހު އިވެންފެށީ ތަޢްރީފްގެ ބަސްތަކެވެ. އަތްތިލަބަޑީގެ އަޑުން މުޅިތަން ގުގުމައިލިއެވެ. ގިނަ ބައަކު އައިސް ބައްދަލުކޮށް ތަޢްރީފްކުރިއެވެ.
މިފަދަ ނުބައި ޘަޤާފަތް ބަދަލުކުރަން ތަނަވަސް އަންހެނުން ކުރިމަތިލާން އެބަޖެހެއެވެ. ފަޤީރުންނަށް މިފަދަ ނުބައި ކަންކަން ކުރަން މަޖުބޫރު ކުރުވަނީ މުއްސަނދިންނެވެ. ފަޤީރަކު މިފަދަ ކަމެއް ކުރި ނަމަ ރޮލާ ކައިލާނެއެވެ. އަހަރެން އެދެނީ އަހަރެންގެ މިއަމަލާއިމެދު އެންމެންވެސް ވިސްނުމެވެ. ދެކޭ ގޮތް އެންމެންވެސް ހާމަކުރުމެވެ.
- އަނީތާ އަކްބަރު/މުމްބައީ